
ވިސްނައި ފިކުރުކުރުން
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 02 އޯގަސްޓު 2025 - 04:45
ޝައްކެތްވެސް ނެތް ގޮތުގައި މާތް ﷲ ތަޢާލާ މަޢުރިފާކޮށް ދެނެގަތުމުގައި އޮތް އެންމެ ފުރިހަމަ މަންހަޖަކީ ވިސްނައި ފިކުރުކުރުމުގެ މަންހަޖެވެ. ޢިލްމާއި އަޚްލާޤުގެ މަތީގައި ޖީލެއް ބިނާކުރެވޭނީ ތަޢުލީމާއި ތަރުބިއްޔަތުގައި ޤުރުޢާނުގެ މަންހަޖަށް ރުޖޫޢަވެގެންނެވެ. އަދި އެ މަންހަޖަކީ ވިސްނައި ފިކުރުކުރުމުގެ މަންހަޖެވެ. ހަތް އުޑުމަތިން ހިދާޔަތު ދެއްކެވުމަށްޓަކައި ބާވައިލެއްވި ފޮތުން އެކަން އެނގިގެންދެއެވެ.
އިސްލާމްދީނަކީ ޢިލްމެއްނެތް، ބޯދާ ދީނެއްކަމަށް ހުޅަނގުން ކުރާ ތުޙުމަތުތަކަކީ އެއްވެސް ބުރަދަނެއްނެތް ކުށްހީތަކެކެވެ. ﷲ ތަޢާލާ މަޢުރިފާކޮށް ފިކުރުކުރުމުގެ މަންހަޖުގެ ތެރެއިންގޮސް ޙަޤީޤަތުގައި ޢިލްމާއި ތަހުޒީބާއި ތަމައްދުނުގެ ރޮނގުން ހުޅަނގުގެ ޤަޢުމުތަކަށް ލިބުނު ހުރިހާ މޮޅަކާއި ޝަރަފެއް ރައްދުވާ ބަޔަކީ މުސްލިމް ޢިލްމުވެރިންނެވެ. އޭގެ ހެއްކަކީ އިސްލާމީ އުއްމަތް ދުނިޔޭގެ އަލިކަން ދުށްތާ މާގިނަދުވަހެއްނުވެ އުއްމަތުގެ ތެރެއިން އުފެދުނު ދުނިޔެ ސިއްސުވާލި ހަރުދަނާ ލީޑަރުންނާއި، ގަދަފަދަ ކޮމާންޑަރުންނާއި، ބޮޑެތި ޢިލްމުވެރިން ޙިޖާޒުގެ އުސްފަރުބަދަތަކާއި ހަނަފަސް ސަހަރާތައް ކަޑަތުކޮށް ޙަޟާރަތުގެ އެންމެ އުސް ކުންނާއި ހަމަޔަށް އިސްލާމީ އުއްމަތައިގެން ކުރެއްވި ދަތުރެވެ.
އޭރު ގާފިލުކަމުގައި އޮތް ޔޫރަޕުގެ ހާލަތާއި މުސްލިމުންގެ ހާލަތު އަޅައި ކިޔަ ވަޒަންކުރުމުން އެނގެނީ މުސްލިމުން ކުރި އަރާފައިވާ މިންވަރެވެ. މި ކުރިއެރުން މުސްލިމުންނަށް ލިބުނީ ހަރުދަނާ ޢަޤީދާއަކާއި ވަރުގަދަ ޢިލްމީ ބިންގަލެއްގެ މަތީގައި މުސްލިމުންގެ ޖީލުތައް ތަރުބިއްޔަތު ކުރެވުމުންނެވެ.
މިކަން މިއުއްމަތުގެ ނަބިއްޔާއަށް ބާވައިލެއްވި ފުރަތަމަ އާޔަތަށް ނަޒަރު ހިންގާލުމުންވެސް ދޭހަވެއެވެ. މާތް ﷲ ވަހީކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ.
"ކަލޭގެފާނުގެ ވެރި ރަސްކަލާނގެ އިސްމުފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އެކަލާނގެއީ ( ހުރިހާ ތަކެއްޗެއް) ހެއްދެވި ރަސްކަނލާގެއެވެ! ގަނޑުލޭކޮޅަކުން އެކަލާނގެ އިންސާނާ ހެއްދެވިއެވެ! ކަލޭގެފާނު ކިޔަވައިވިދާޅުވާށެވެ! އަދި ކަލޭގެފާނުގެ ވެރި ރަސްކަލާނގެއީ އެންމެ ދީލަތިވަންތަ ރަސްކަލާނގެއެވެ. އެކަލާނގެއީ ގަލަމުން (ލިޔަން) އުނގަންނަވައިދެއްވި ރަސްކަލާނގެއެވެ. އިންސާނާއަށް އޭނާ ނުދަންނަ ކަންތައް އެކަލާނގެ އުނގަންނަވައިދެއްވިއެވެ"
ޤުރުޢާނުގެ މިފަދަ އާޔަތްތަކަކީ އިންސާނާއަށް ދެއްވާފައިވާ އެންމެ މަތިވެރި ޖައުހަރު ކަމުގައިވާ ސިކުނޑީގެ ބޭނުން ހިފައި ﷲ ތަޢާލާގެ ކުޅަދުންވަންތަކަމާއިމެދު ވިސްނައި ﷲގެ ދަރުބާރުގައި ހުއްޓި، ތިމާގެ ނިކަމެތިކަމާއި، ތިމާއަށް ލިބިފައިވާ ޢިލްމުގެ މަދުކަމާއި، ކުރެވިފައިވާ ކުށްތަކަށް އިޢުތިރާފުވުމަށް މަގުދައްކައިދީފައިވާ ބަސްފުޅުތަކެކެވެ.
އެހެންނަމަވެސް ލިބިފައިވާ ކުޑަކުޑަ ޢިލްމުގެ ބޭނުން ހިފައިގެން ލިބުނު ކުރިއެރުމާއި ތަރައްޤީގެ ސަބަބުންވެސް އިންސާނާވަނީ އޭނާގެ އަމިއްލަ ނަފްސު ހަނދާންނައްތާލާފައެވެ. މިފަދަ ހާލަތުގައިވެސް ﷲ ތަޢާލާގެ ޢިލްމުފުޅުގެ މަތިވެރިކަމާއި ކުޅަދުންވަންތަކަމާއި މަޚުލޫގުންގެ މައްޗަށް އެކަލާނގެ ދެއްވާ އޯގާވަންތަކަމުގެ މިންވަރުގެ ނިހާޔަތެއް ނެތްކަން ޤުރުޢާނުގެ އެތައް ތަނެއްކަން އަންގަވާފައިވެއެވެ. ޤުރުޢާނުގެ ސަބަބުން މިއުއްމަތައް ކާމިޔާބު ލިބޭނެކަން އެނގި ބަޔާންވާއިރު ޢިލްމާއި އަޚްލާޤުގެ މަތީގައި އާ ޖީލެއް ބިނާކުރަން ބޭނުންނަމަ އަހަރެމެންވެސް ކުރަންވީ ކަމަކީ ޤުރުއާނުގައިވާ މަތިވެރި ޢަޤީދާއާއި ޢިލްމު ޅަދަރީންގެ ހިތްތަކުގައި ބިންވަޅު ނަގައިދިނުމެވެ.
މާތް ﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
"ތިޔަބައިމީހުންގެ ތެރެއިން އީމާންވެ ޞާލިޙް ޢަމަލުތައް ކޮށް އުޅުނު މީހުންނަށް އެއުރެންގެ ކުރިން އުޅުނު މީހުން ޚަލީފާވެރި ކުރެއްވި ފަދައިން ހަމަކަށަވަރުން އެއުރެން ބިމުގައި ޚަލީފާވެރި ކުރައްވާނެކަމަށާއި، އެއުރެންނަށްޓަކައި އެކަލާނގެ ރުއްސެވި އެއުރެންގެ ދީން ހަމަކަށަވަރުން އެބައިމީހުންނަށްޓަކައި ތަމްކީނު ކުރައްވާނެކަމަށާއި، އެއުރެން ބިރުވެރިކަމަށްފަހު ހަމަކަށަވަރުން އަމާންކަމަށް އެއުރެން ބަދަލުކުރައްވާނެކަމަށް ﷲ ވަޢުދު ކުރައްވާފައިވެއެވެ. އެއުރެން ތިމަން ރަސްކަލާނގެއަށް އެއްވެސް އެއްޗެއް ޝަރީކުނުކޮށް ތިމަންރަސްކަލާނގެއަށް އަޅުކަން ކުރެތެވެ."
މި ޢާޔަތަށް ބަލާއިރު ﷲ މަޢުރިފާކޮށްދެއްވި ނުގުޑަފަދަ ތަޢުޙީދުގެ ބިންގަލުގެ މަތީގައި ޖީލެއް ތަރުބިއްޔަތު ކުރެވިއްޖެނަމަ އިސްލާމީ އުއްމަތް އޭގެ އަސްލު މަޤާމަށް ރުޖޫޢަވެގެން އަންނާނެކަމީ ޝައްކެއް ވަސްވާހެއްނެތ މިންވަރަށް ސާބިތުވާ ކަމެކެވެ. އެކަމަށް ﷲ ތަޢާލާވަނީ އެކަލާނގެ ފޮތުގައި ވަޢުދުވެވޮޑިގެންވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންގެ އިތުބާރު އަދިވެސް ޝަރުއީ ދާއިރާއަކަށް ނެތް
3 އަހަރު ކުރިން

ފުޓް ބޯޅައިގެ ހަޔާތުން ރެޔެއް - އުފަލާއި ހިތާމަ
3 އަހަރު ކުރިން

"ހަދިޔާ ދޭންޖެހޭ" ސަގާފަތް އުފެއްދީ މިދިޔަ ސަރުކާރުން - އެމްއާރުއެމް
3 އަހަރު ކުރިން

ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރަން ޤާނޫނީ ނިޒާމަށް އިސްލާހު ގެނެވިއްޖެ - ފައްޔާޒު
3 އަހަރު ކުރިން