
ހަމަ ޖެހޭށެވެ! ދިވެހިން ތިބީ ހޭލައެވެ!

މުހައްމަދު މުޝްރިފް - 12 އޮކްޓޯބަރު 2025 - 18:20
މީގެ 25 ވަރަކަށް އަހަރު ކުރީގެ ހަނދާން ތަކަށް ޖެހިލާއިރު، ދިވެހި ރައްޔިތުންނަށް "ވޭކަޕް ކޯލެއް" ދިނުމަށް އޭރުގެ ބައެއް ސިޔާސީ ލީޑަރުން ވަރަށްގިނަ މަސައްކަތްތަކެއް ކުރަމުން ގެންދިޔައެވެ. ޚާއްޞަކޮށް އޭރުގައޮތް ސަރުކާރު ބަލިކަށިކޮށްލައި އެ ސަރުކާރު ބަދަލުކޮށްލުމުގެ ބޭނުމުގައި ޑިމޮކްރަސީގެ ކުލަވަރުގެ ރީތިކަން ދައްކައިގެން ވަރަށް "މޮޅެތި"ވާހަކަތައް ރައްޔިތުންނަށް ވިސްނައިދެމުން ދިޔައެވެ. ބޭނުމެއް ކަމުގައި ބުނަމުން ގެންދިޔައީ އޭރުއޮތް ސަރުކާރަކީ ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަނެ ޚުދުމުޚްތާރުކޮށް ހިންގާ ސަރުކާރަކަށްވާތީ، އޭގެ ބަދަލުގައި ޑިމޮކްރަސީގެ ރީތި އުސޫލުން ހިނގާނެ ސަރުކާރެއް ގެނައުމުގެ ބޭނުމުގައި ކަމަށެވެ. މިކެމްޕޭނުގައި މުޅިންހެންވެސް ބޭނުންކުރަމުން ގެންދިޔައީ ޑިމޮކްރަސީގެ މޮޅުވާހަކައެވެ. އެކަމުން ރައްޔިތުންނަށް ލިބޭނެ ފޮނިމީރުކަމުގެ ގޮވެލިތަކެވެ. ރައްޔިތުންގެ އަސާސީ ޙައްޤުތައް ކަށަވަރުވެ، އުފާފާގަތިކަން އެންމެނަށް ލިބޭނެ ކަމުގެ ޚިޔާލީ ދުނިޔެއެއް ގެ ވާހަކަތަކެވެ. މިފަދަ އޮފްދާރު ސޯފިސްޓު ފިލޯސޮފީގެ އުކުޅުތައް ބޭނުންކޮށްގެން ރައްޔިތުންގެ ސިކުނޑިތަކާއި ކުޅެލަން ދެއްކި ހުރިހާ ވާހަކައެއް އޭރު ރައްޔިތުންގެ ތެރެއިން ވަރަށްގިނަބަޔަކު ދިޔައީ ޤަބޫލުކުރަމުންނެވެ. މިވާހަކަތައް ދައްކަމުންދިޔައިރު، އެމީހުން ކުރަމުން ގެންދިޔަ ލާއަޚްލާޤީ ކަންތަކަކަށް ރައްޔިތުންނަށް ވިސްނާކަށް ފުރުސަތެއް ނުލިބުނެވެ. ނުވަތަ ވިސްނާކަށް ބޭނުމެއްނުވިއެވެ. ނަތީޖާއެއްގެގޮތުން، މި ދެންނެވި ސިޔާސީ މެޓީރިއަލިސްޓުން ދިޔައީ، ދިވެހި ދައުލަތުގެ ކަރާމާތް ނަގާލަމުންނެވެ. ދިވެހި ޤައުމިއްޔަތުގެ އަސާސުތަކަށް ހަމަލީ ސުންނާފަތިކުރަމުންނެވެ. މީގެ އިތުރުން ދިވެހި އިސްލާމީ މުޖްތަމަޢުގައި ޒަމާނުއްސުރެ ބިންވަޅު ނެގިފައިއޮތް އަޚްލާޤީ ރިވެތި ފޭރާން ވީދާ ކުދިކުދި ކުރަމުންދިޔައިރު، އެމީހުން އެކުރާކަމަކީ ރައްޔިތުންނަށްޓަކައި ކޮށްދޭ ވަރަށްބޮޑު ހެޔޮކަމެއްކަމުގައި ބުނަމުންނެވެ. ނަމަވެސް އާޚިރުގައި ކަންނިމިގެން ދިޔަގޮތް ނިކަން ދެކިބަލާށެވެ! އެ ވިދާޅުވި " މޮޅު ޑިމޮކްރަސީ " އެއްވެސް އެބޭފުޅުންނަކަށް ގެނެސްނުދެވުނެވެ. ރައްޔިތުންގެ ޙާލަތު ރަގަޅުކުރާކަށް މާމޮޅު ކަމެއްވެސް އެމީހުންގެ ވެރިކަމުގައި ކުރެވުނުތަނެއް ފެންނާކަށް ނެތެވެ. ވެރިކަމަށް އާދެވުމާއެކު، ކިޔަމުންދިޔަ ލަވަޔާއި ރާގު މުޅިން ބަދަލުކޮށްލީއެވެ. ކުޅެންފެށީ މުޅިން އެހެން ފިލްމެކެވެ. ދައްކަންފެށީ ޑިމޮކްރަސީއާއި ބީރަށްޓެހި މަންޒަރުތަކެކެވެ. ޢަމަލުކުރަން ފެށީ ޚުދުމުޚްތާރު ވެރިކަމުގެ ފުރަތަމަ ބާބުންނެވެ. މިކަމުގެ މިސާލުތައް ވަރަށް ގިނަބައިވަރެވެ. ލިޔެކޮޅުން ނުލާހާ ގިނައެވެ. ރައްޔިތުން ނިކަން ވިސްނާ ފިކުރު ކޮށްބަލާށެވެ! 2008 އަހަރު ވެރިކަމަށް އައިގޮތަށް އައު ޤާނޫނު އަސާސީގެ ދަށުން އިންތިޚާބުކުރަންޖެހޭނީ ކަތީބުންގެ ބަދަލުގައި ކައުންސިލަރުންނެވެ. ނަމަވެސް ކަނޑައެޅިގެން ޤާނުނު އަސާސީއާއި ޚިލާފަށް ރަށްރަށާއި އަތޮޅުތަކުގައި ތިއްބެވި ސަނަދުވެރި ކަތީބުންނާއި އަތޮޅުވެރީންގެ ބަދަލުގައި، ޑިމޮކްރަސީގެ ހުރިހާ ހަމަތަކުން ބޭރުވެ، އެ މަޤާމުތަކަށް ރައީސުލް ޖުމްހޫރިއްޔާ ޢައްޔަން ކުރަންފެށީ ތައުލީމީ ސަނަދެއްނެތް ސަރުކާރުގެ އޮފީހެއްގައި ދުވަހަކުވެސް މަސައްކަތްކޮށް ތަޖުރިބާއެއް ލިބިފައިނުވާ، ޕާޓީގެ އެކްޓިސްވިސްޓުންތަކެކެވެ. ޒަމާނުއްސުރެ ރައްޔިތުންގެ ކަންތައްތައް އަމާންކޮށް އޮމާންކޮށް ހިންގަމުންގެންދިޔަ ރަށްވެހި ކަންތައްތައް، އެފުށްމިފުށަށް ޖަހައިލީއެވެ. މުޅިނިޒާމު ގަޑުބޑުކޮށްލީއެވެ. ރަށްފުށުގައި އޮތް ހައިރާކީ ދުއްވާލީއެވެ. މިކަންކުރުމުގައިވެސް އެވެރިން ބޭނުންކުރީ ޑިމޮކްރަސީގެ މޮޅުވާހަކައެވެ. ކަންވެ ނިމުނުއިރު ނަތީޖާއޮތީ ސުމަކަށްވުރެވެސް ދަށުގައެވެ. މިދެންނެވި ގޮތަށް ކަންތައްތައްކުރުމަށްފަހު، ދެންއެކުލަވާލީ އަތޮޅުތައް ކޮންޓޮރޯލުކޮށް ހިންގުމަށް ޕޮރޮވިންސު އިދާރާތަކެކެވެ. މިއީވެސް އައު ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ލާމަރުކަރު ކުރުމުގެ އަސާސްތަކާ މުޅިން ޚިލާފަށް ކުރެވުނުކަމެކެވެ. ރަށްރަށުގެ ކައުންސިލު އިދާރާތަކާއި އަތޮޅުއޮފީސްތައް މިދެންނެވި ޕޮރޮވިންސު އޮފީސްތަކުގައި ތިބި ސިޔާސީން އަތްދަށުލައި، ކުރިޔަށްވުރެވެސް ކަންކަންކުރުމަށް ދަތިއުދަގޫގޮތްތައް މެދުވެރި ކުރުވިއެވެ. ހަމަ ޑިމޮކްރަސީގެ ޓެގް އަޅުވާފައެވެ. ރައްޔިތުންގެ ފަރާތުން ވެރިކަންކުރަން ޤާނޫ އަސާސީގެ ދަށުން އިންތިޚާބުކޮށްފައިތިބި ކައުންސިލަރުންނަށް ޖެއްސީ ދުއްތުރާއާއި އުދަގޫތަކެވެ. މިވަރުންވެސް މިމީހުންގެ އުދަގޫތައް ހުއްޓުމަކަށް ނާދެއެވެ. ދެން ދިމާކުރީ ރައްޔިތުންގެ އެކައުންޓުތަކުގައިހުރި ލާރިކޮޅު ކާލާށެވެ. ރައްޔިތުން ކައިރީ އެހުމެއް ސެހުމެއްނެތި، އެމް.އެމް.އޭ ގައި އެކައުންޓެއްހަދައި ރައްޔިތުންގެ އެތައްސަތޭކަ މިލިޔަން ރުފިޔާއެއް ބޭނުންކޮށްލީއެވެ. މިލާރިކޮޅު ހޯދަން ކައުންސިލުތަކުން ތިން، ހަތަރު އަހަރު މަސައްކަތް ކުރުމުންވެސް، އެލާރިކޮޅު ޑިމޮކްރަސީގެ ނަންބޯޑުޖެހި ސަރުކާރުން ރައްޔިތުން އަނބުރާ ދުލެއްނުކުރިއެވެ. މިހެންގޮސް ކިޔާނެ ކަމެއްނެތެވެ. ފަހަރަކު ދާއިރާއަކަށް އަމާޒުކޮށް އެތަކެއް ދޯހަޅި ސިޔާސަތެއްގެ ތެރެއިން ހަމަލާދީ މުޅިދައުލަތް އޮޅުންސުވާޔަކަށް ހަދައިލީއެވެ. މިގޮތުން ސިއްޙީ ދާއިރާއާއި ތަޢްލީމީ ދާއިރާއާއި ނުވިތާކަށް ޝަރްޢީ ދާއިރާވެސް ޚަރާބުކޮށްލީއެވެ. މިހުރިހާ ޖަރީމާތަކެއް ހިންގައި ދައުލަތުގެ ނިޒާމު ގަޑުބަޑުކޮށްލީ ހަމަ އެބުނާ ޑިމޮކްރަސީގެ ނަމުގައެވެ. ދެންފެށީ ރައްޔިތުންގެ ނަމުގައި ހިންގަމުންދިޔަ މުހިންމު އަދި އިސްތިރާތީޖީ ކުންފުނިތައް ނުއަގުގައި ވިއްކާލުމުގެ ވިޔާނުދާ ޢަމަލެވެ. އިސާހިތަކު، ޤާނޫނާއިވެސް ޚިލާފަށް ދައުލަތަށް އެންމެ ފައިދާވާ އެއަރޕޯޓު ބޭރުގެ ބަޔަކަށް ދޫކޮށްލީއެވެ. ނުއަގުގައެވެ. އިސްތިރާތީޖީ ވިސްނުން ދޫކޮށްލައި ހަމަސީދާ އަމިއްލަ ފައިދާއާއި މަންފާއަށް ޓަކައެވެ. ދިވެހި ރައްޔިތުންގެ ތެރެއިން ވަރަށްގިނަބަޔަކުތިބީ ވަރަށް ރަގަޅަށް ހޭލައެވެ. ޑިމޮކްރަސީގެ ނަމުގައި މުޅި ދިވެހިދައުލަތުގެ ކަރާމާތް ނަގާލައި، ދިވެހި މުޖްތަމަޢުގައި ޒަމާނުއްސުރެ ހަރުލާފައިހުރި ހުރިހާ އަޚްލާޤީ މިންގަނޑުތައް ފުޑުފުޑުކޮށްލީ ކޮންބައެއްގެ ހީލަތްތެރި ރޭވުމަކުންކަން ވަރަށްރަގަޅަށް ދިވެހީންގެ ހަނދާނުގައ އެބަހުއްޓެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން