.jpeg&w=3840&q=75)
ލ. ފޮނަގާދޫ
ހަލާލް ޓޫރިޒަމް ފުޅާކުރުމަށް 15 ރަށަކާއި ފަޅެއްގައި ރިސޯޓް ހެދުމަށް ބީލަމަށް!

އާމިނަތު ޝަޒްލާ - 07 އޯގަސްޓު 2026 - 10:18
ދިވެހިރާއްޖޭގައި އިސްލާމީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހަލާލް ޓޫރިޒަމް ފުޅާކޮށް ކުރިއެރުވުމަށްޓަކައި، 15 ރަށަކާއި ފަޅެއްގައި ރިސޯޓް ތަރައްގީކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ސަރުކާރުން މިއަދު ހުޅުވާލައިފިއެވެ.
މި މަޝްރޫއުގެ ދަށުން ހަލާލް ޓޫރިޒަމަށް ހާއްސަކޮށްގެން ދޫކުރުމަށް ނިންމާފައިވާ ސަރަހައްދުތަކުގެ ތެރޭގައި ހދ. މަކުނުދޫ ފަރުން 200 ހެކްޓަރުގެ ފަޅަކާއި، ލ. ފޮނަގާދޫއިން 8.18 ހެކްޓަރުގެ ބިމެއްގެ އިތުރުން ސ. ދޮންހެރައިން 10.23 ހެކްޓަރުގެ ފަޅެއް ހިމެނެއެވެ. ސަރުކާރުގެ އިއުލާނުގައިވާ ގޮތުން މަކުނުދޫ ފަރުގައި ތަރައްގީކުރާ ރިސޯޓުގައި މަދުވެގެން 150 އެނދު ހުންނަން ޖެހޭނެއެވެ. އަދި ފޮނަގާދޫ އާއި ދޮންހެރެގައި ތަރައްގީކުރާ ރިސޯޓުތަކުގައި މަދުވެގެން 100 އެނދު ހުންނަންވާނެއެވެ.
މީގެ އިތުރުން އުތުރުގެ އަތޮޅުތަކުން 10 ފަޅެއް ބީލަމަށް ހުޅުވާލާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ހއ. މާދުނި ފަރުން ތިން ފަޅު، ހދ. މަކުނުދޫ ފަރާއި މާފަރުން ހަތަރު ފަޅު އަދި ށ. ގޮނާ ފަރުން ތިން ފަޅެވެ. ވަކި ރަށްތަކެއްގެ ގޮތުގައި ބީލަމަށް ހުޅުވާލާފައިވަނީ ށ. ނަލަންދޫ އާއި ނ. ފަރުމުއްޔެވެ. ނަލަންދޫގައި 200 އެނދުގެ ރިސޯޓެއް ތަރައްގީކުރުމަށް ކުރިމަތިލާ ފަރާތްތަކުގެ މާލީ ގާބިލުކަމުގައި 10 މިލިއަން ޑޮލަރު ހުންނަންޖެހޭއިރު، ފަރުމުއްޔާގައި ތަރައްގީކުރަން ޖެހެނީ 150 އެނދެވެ.
މި މަޝްރޫއުގެ އެންމެ ހާއްސަ ސިފައަކީ މި ރަށްތަކާއި ފަޅުތައް 50 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރަނީ އިސްލާމީ ޝަރީއަތާ އެއްގޮތްވާ ގޮތުގެ މަތިން ހިދުމަތް ދިނުމަށް ލާޒިމުކޮށްފައިވުމެވެ. އެގޮތުން، މި ރިސޯޓުތަކަށް ބަނގުރަލާއި އޫރުމަސް އެތެރެކުރުމާއި ވިއްކުމަކީ މަނާކަމެކެވެ. އަދި ފޯރުކޮށްދޭން ޖެހޭނީ ހަލާލް ސެޓްފިކެޓް އޮންނަ ކާބޯތަކެއްޗެވެ.
މީގެ އިތުރުން، އަންހެނުންނާއި ފިރިހެނުންނަށް ވަކިން ވެލްނެސް ސެންޓަރުތައް ހިންގުމާއި، ފަތުރުވެރިންނާއި މުވައްޒަފުންނަށް ވަކިން ބޭނުންކުރެވޭ ގޮތަށް ދެ މިސްކިތް ބިނާކުރުން ވެސް ވަނީ ލާޒިމުކޮށްފައެވެ. މިފަދަ މަޝްރޫއުތަކަށް ހިތްވަރު ދިނުމުގެ ގޮތުން، އާންމު ރިސޯޓުތަކަށް އިމްޕޯޓް ޑިއުޓީން ލިބޭ 15 އިންސައްތައިގެ ލުޔުގެ ބަދަލުގައި، ހަލާލް ޓޫރިޒަމްގެ މި މަޝްރޫއުތަކަށް 20 އިންސައްތައިގެ އިނާޔަތެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ނިންމާފައެވެ.
ބީލަމަށް ހުޅުވާލާފައިވާ ހުރިހާ ސަރަހައްދެއްގައި ވެސް ބިން ހިއްކައިގެން ރިސޯޓު ހެދުމުގެ ހުއްދަ ލިބޭނެއެވެ. އަދި މަސައްކަތް ނިންމުމަށް 36 މަސްދުވަހުގެ މުއްދަތެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއުތަކަށް ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުމަށް ބާއްވާ ޕްރީ-ބިޑް ބައްދަލުވުންތައް ސެޕްޓެމްބަރު އަދި އޮކްޓޯބަރު މަހު އޮންލައިންކޮށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ރަސްމީކޮށް ބީލަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ 17 އިން 23 ގެ ނިޔަލަށެވެ.
ގުޅުން ހުރި ޙަބަރުތައް

"ދަތިވެއްޖެ!" އެމްޑީޕީގެ ޕިކަޕް ޖަލްސާއަށް ހުރިހާ ބޭފުޅުންނަށް ދަޢުވަތު އަރުވައިފި
15 ގަޑިއިރު ކުރިން
ރާއްޖޭގެ ވެރިކަމުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް ބޮޑު ބަދަލެއް ގެންނަން ޖެހިއްޖެ: ފައްޔާޒް
16 ގަޑިއިރު ކުރިން

ފެހި ޤާނޫނުއަސާސީގެ ރޫޙާ ޚިލާފަށް ބާރުތައް މަސްހުނިވަމުންދާތީ ކުރީގެ ނައިބު ރައީސް ކަންބޮޑުވުން ފާޅުކުރައްވައިފި
16 ގަޑިއިރު ކުރިން

"ބޮޑު ބަދަލު" އިސްލާހީ އެޖެންޑާއަށް އާންމުންގެ ހިޔާލު ހޯދުމަށް ޚާއްސަ ވެބްސައިޓެއް!
16 ގަޑިއިރު ކުރިން


