logo

ފުލުހުން ހައި ކޯޓުގައި ދޮގު ހެދި މައްސަލައެއް

profile

މަރްޔަމް އުމްނާ އިސްމާޢީލް - 02 ސެޕްޓެމްބަރު 2024 - 15:44

އިކުރާމްގެ މައްސަލަ ހައި ކޯޓުގައި ބެއްލެވި ފަނޑިޔާރުންގެ ބެންޗު

އިކުރާމްގެ މައްސަލަ ހައި ކޯޓުގައި ބެއްލެވި ފަނޑިޔާރުންގެ ބެންޗު

ދިވެހި ފުލުހުންގެ މުއައްސަސާއިން ހައި ކޯޓަށް ދޮގު މައުލޫމާތު ދިން މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ފުލުހުން ހައި ކޯޓުގެ ޝަރީއަތަށް ދޮގު މައުލޫމާތު ދީފައިވަނީ މިދިޔަ ޖުލައި 31 ގައި ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި ކާރު ދުއްވަން އިން އިބްރާހީމް އިކުރާމްގެ ބަންދުގެ މައްސަލައިގަ އެވެ. އެކަން ހާމަވީ، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފްކުރި ހިސާބުން ނެވެ.

ހައިކޯޓުގައި ބޭއްވި އިސްތިއުނާފްގެ މަޖިލީހުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު މުހައްމަދު ފައިސަލް ވިދާޅުވީ، އިކުރާމްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ފޯމު ހުށަހެޅިއިރު އޭނާއަށް ވަކީލަކު އައްޔަނުކުރުމަށް ފުލުހުންގެ ފަރާތުން ފޯމު ހުށަހަޅާފައިނުވާ ކަމަށެވެ. އަދި ބަންދާ މެދު ގޮތެއް ނިންމުމަށް ހުށަހެޅި ފޯމުގައި އިކުރާމްގެ ފަރާތުން ވަކީލެއް ނެތް ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންކަމުން، އިކުރާމް ވަކީލަކަށް އެދުނު ކަމެއް ދަށު ކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރަށް އެނގޭނެ ކަމަށް ބެލެވޭނެ ގާނޫނީ ހަމައެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

މުޖުތަމައުގެ ހައްގުތަކަށް ފަރުވާތެރިވުމުގެ ގޮތުނާއި އެ ފަދަ މައްސަލަތަކުގެ ސަބަބުން ކުށްވެރިން މުޖުތަމައުއަށް ދޫވުމުގެ ފުރުސަތު ހަނިކުރުމުގެ ގޮތުން ބަންދު މަޖިލީސްތަކުގައި ވަކީލަކު ނެތި ހާޒިރުވާ ފަރާތްތަކާއި ފަނޑިޔާރު ސުވާލުކޮށް ވަކީލެއްގެ ހައްގު އޮތް ކަމަށް އިރުޝާދުދޭން ޖެހޭނެ ކަމަށް ހައި ކޯޓުގެ ބައެއް ގަޒިއްޔާތަކުގައި ބުނެފައިވާކަން ވެސް ފަނޑިޔާރު ފައިސަލް ފާހަގަކުރެއްވި އެވެ.

މައްސަލައިގައި ކަން ހިނގާ ދިޔަ ގޮތަށް އަލިއަޅުވާލައްވަމުން ފަނޑިޔާރު ވިދާޅުވީ، އެފަދައިން ދަށު ކޯޓުގެ ފަނޑިޔާރު ސުވާލުކުރި ކަމަށް ފުލުހުން ހައި ކޯޓުގައި ބުނެފައިވާ ކަމަށެވެ.

" އަޅުގަނޑާ ސުވާލުކުރި މުއްދަތު މަޖިލީހުން ފަނޑިޔާރު ސުވާލުކުރީ އެއްވެސް ވަކީލަކު އައްޔަނުވެފައިވޭތޯ. ދެން އަޅުގަނޑު ޖަވާބުގައި ދެންނެވިން އަޅުގަނޑު މުއްދަތު މަޖިލީހާ ގުޅުމުގެ ކުރިއަށް އެއްވެސް ވަކީލަކު އައްޔަނުނުވީ ކަމަށް. އަޅުގަނޑު އެއްވެސް ގޮތަކަށް އެ މައުލޫމާތެއް އަޅުގަނޑުމެންނަށް އެއްވެސް ގޮތަކަށް ފެންނާކަށް، އެނގިފައެއް ނެތޭ." ދަށު ކޯޓަށް ހާޒިރުވި ފުލުހުންގެ އޮފިސަރާ ހަވާލާދީ ފަނޑިޔާރު ފައިސަލް ވިދާޅުވި އެވެ.

" އެ ސުވާލަށް ފަހު ތުހުމަތު ކުރެވޭ ފަރާތާ ސުވާލުކުރެއްވިތޯ ވަކީލަކަށް ބޭނުންވޭތޯ ރިކުއެސްޓުކުރިތޯ އަދި އަޅުގަނޑު ހަނދާން ވާގޮތުން ދެއްވި ޖަވާބަކީ ރިކުއެސްޓް ކޮށްފައިވާ ކަމަށް އެހެންނަމަވެސް އަޅުގަނޑުމެންނަށް މުއްދަތު ފެށުމާ ހަމަޔަށް ވެސް ވަކީލަކު އައްޔަނުވެފައި ނެތަތީ ކުރިއަށް ގެންދިޔައީ."

ފުލުހުން އެގޮތަށް ބުނި ނަމަވެސް، އޭނާ ވިދާޅުވީ ދަށު ކޯޓުގެ ފަނޑިޔާރު އެފަދަ އެއްވެސް ވާހަކައެއް ދައްކާފައިނުވާ ކަމަށް އިކުރާމް ބުނެފައިވާތީ، އެ މައްސަލައިގައި ކަން ހިނގާ ދިޔަ ގޮތް ބެލުމަށް ދަށު ކޯޓުގެ އަޑުއެހުން ވެސް ހައި ކޯޓުން ހޯދި ކަމަށެވެ. އަދި ބެލި ބެލުމުން ދަށު ކޯޓުގެ ފަނޑިޔާރު، ވަކީލެއްގެ ހައްގާ ގުޅިގެން އެއްވެސް ވާހަކައެއް ދައްކާފައިނުވާކަން އެނގިގެންދިޔަ ކަމަށެވެ.

"މައްސަލައިގައި ދެ ފަރާތް ދައްކާފައިވާ ވާހަކަ ދިމާނުވާތީ ކްރިމިނަލް ކޯޓުގެ މުއްދަތު މަޖިލީސް ރެކޯޑިން މި ކޯޓުން ހޯދައި، މުއްދަތުގެ މަޖިލީހުގައި ވަކީލެއްގެ ހައްގާ ގުޅޭގޮތުން އެއްވެސް ވާހަކަ އެއް ދައްކާފައިވޭތޯ ބެލިއިރު އެފަދަ އެއްވެސް ކަމެއް އެ މަޖިލީހުގައި ފަނޑިޔާރުގެ ފަރާތުން ވެސް އަދި މަޖިލީހުގައި ބައިވެރިވި އެހެން ފަރާތަކުން ވެސް ފާހަގަކޮށްފައެއް ނުވޭ." ފަނޑިޔާރު ވިދާޅުވި އެވެ.

މިކަން ފާހަގަކުރައްވާ ފަނޑިޔާރު ވިދާޅުވީ ހައި ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ފުލުހުންގެ ފަރާތުން ހަގީގަތާ ހިލާފު މައުލޫމާތު ދިން މައްސަލަ ކަމާ ބެހޭ އިދާރާތަކުން ބަލައި ތަހުގީގުކުރަން ޖެހޭ ކަމަށެވެ.

ކުށެއްގެ ތުހުމަތުވާ މީހަކަށް ގާނޫނީ ވަކީލަކު ހަމަޖައްސައިދޭން ޖެހޭނީ ފުލުހުން ކަން ފާހަގަކުރައްވާ ފަނޑިޔާރު ވިދާޅުވީ، ވަކީލަކު އައްޔަނުކޮށް، ބަލައިގަނެފައިވާކަން އެންގުމުގެކުރިން ތުހުމަތުވާ މީހާގެ އެއްވެސް މައުލޫމާތެއް އެ ވަކީލަކަށް ދޫނުކުރާނެ ކަމަށް ފުލުހުން ހައި ކޯޓުގައި ބުނެފައިވާ ކަމަށެވެ. އެހެންކަމުން ވަކީލުގެ ފަރުދީ ޒިންމާގެ ތެރެއިން އިކުރާމަށް މުއްދަތު ޖަހާނެ ގަޑިއާއި މުއްދަތު ޖަހަން ގެންދާނެ ކޯޓެއް ވަކީލަށް ކަށަވަރުކުރެވޭނެ ގޮތެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

ޓައިމްލައިން: 1 އޮގަސްޓްގައި ބޭއްވި އިކުރާމްގެ ބަންދު މަޖިލީސް

ވަކީލަކަށް އެދި ފޯމު ހުށަހެޅީ ހެނދުނު 7:23 ގައި

  • ބަންދާ މެދު ގޮތެއް ނިންމުމުގެ މަޖިލީސް ބޭއްވީ 10:00 ގައި
  • ބަންދުގެ މަޖިލީސް ނިމުނުއިރުވެސް ބަންދުގެ މަޖިލީސް ބާއްވާނެ ގަޑިއެއް އަދި ތަނެއް ވެސް ވަކީލަކަށް އަންގާފައެއް ނުވޭ
  • ވަކީލަކަށް އެދި ފޯމު ހުށަހަޅާފައިވާކަން ދަށު ކޯޓުގެ ފަނޑިޔާރުގެ ސަމާލުކަމަށް ވެސް ގެނެސްފައެއް ނުވޭ

" ހުށަހެޅިފައިވާ މައްސަލައިގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން އަމަލުކުރި ގޮތުގެ ސަބަބުން އިސްތިއުނާފްކުރާ ފަރާތައް ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގަކަށް އަސަރުކޮށްފައިވާތީ މިކަމަކީ ވެސް ބަލައި، ކުރިމަގުގައި މިބާވަތުގެ ކަންކަން ތަކުރާރުނުވާނެ ގޮތަކަށް އިންތިޒާމްތައް ރާވަންޖެހޭ ކަމުގައި ދެކެން. " ފަނޑިޔާރު ވިދާޅުވި އެވެ.

ބާރު ސްޕީޑުގައި ދުއްވާފައިދަނިކޮށް ކޮންޓްރޯލް ނުވެގެން ގޮސް އެ ކާރު ޖެހުނީ މަގުގެ އެއްފަރާތުގައި ހުރި ފިރިހެނެއްގެ ގައިގަ އެވެ. އެ ކާރުގައި ތިބި ތިން މީހުން ވެސް ފިލައިގެން ދިޔުމުން އެ މީހުން ހައްޔަރުކުރީ އޭގެ ޖެހިގެން އައި ދުވަހު އެވެ. އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިއުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ހުކުމް ކުރި އެވެ. .

އިކުރާމް ޝަރީއަތް ނިމެންދެން ބަންދުކުރީ އޭނާ އަށް ވަކީލަކު ހަމަޖެއްސުމުގެ ފުރުސަތު ނުދީ ކަމަށްވާތީ ދަށު ކޯޓުގެ އެ އަމުރު ހައި ކޯޓުން ވަނީ ބާތިލުކޮށްފަ އެވެ.

އެކަމަކު، އޭގެ ފަހުން ނެރުނު ކޯޓު އަމުރެއްގެ ދަށުން އޭނާ ވަނީ އަނެއްކާ ވެސް ހައްޔަރުކޮށްފަ އެވެ. ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވެސް ވަނީ މި މައްސަލައިގައި އިހުމާލުވި ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފަ އެވެ.

https://wamco.com.mv/
tel:+9607331319