ކުށުގެ ދޮރުތައް ބަންދުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފުލުހުން ކުރަމުންދާނެ ކަމާމެދު ޝައްކުނުކުރައްވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.
ބ. ދޮންފަނު ޕޮލިސް ޕޯސްޓު ހުޅުވުމަށް ބުދަ ދުވަހު އެ ރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީޕީ ވަނީ ދޮންފަނުގެ ރައްޔިތުންގެ ހަޔާތުގައި މިއަދަކީ ވަރަށް ތާރީހީ އަދި އެހާމެ އުފާވެރި ދުވަހެއް ކަމަށް ވިދާޅުވެފައެވެ. އަދި ހުޅުވިގެންދިޔަ ޕޮލިސް ޕޯސްޓާއެކު، ރަށުގައި ދިރިއުޅޭ ރައްޔިތުންނާއި ރަށަށް ޒިޔާރަތްކުރާ އެންމެހައި ފަރާތްތަކަށް ވެސް އަމާންކަމާއި ރައްކާތެރިކަން ކަށަވަރުވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
ހާއްސަކޮށް ޒަމާނީ ޓެކްނޮލޮޖީއާއެކު ސައިބަރ ސްޕޭސްގައި ފެތުރެމުންދާ ކުށްތަކާއި ސްކޭމް މައްސަލަތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމާއި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި ފަސޭހަވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
ފުލުހުންގެ ޚިދުމަތް ގާއިމުވެގެން ދިއުމާއެކު ފުލުހުންނާއި ރަށުގެ ރައްޔިތުން ގުޅިގެން، ކުށްވިޔަ ނުދިނުމަށް މަސައްކަތް ކުރުމާއި އެފަދަ ދޮރުތައް ބަންދުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާނެ ކަމާމެދު ޝައްކުނުކުރައްވާ ކަމަށް ވެސް ކޮމިޝަނަރ ވިދާޅުވިއެވެ.
ދޮންފަނު ޕޮލިސް ޕޯސްޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ، ސަރވިސް ޑިވެލޮޕްމަންޓް ޑައިރެކްޓްރޭޓް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މޫސާ ޢަލީ އަދި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންނާއި ބ. އަތޮޅު ކައުންސިލު ރައީސް އަޙްމަދު އަފްރާޙް އަދި ދޮންފަނު މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
ޕޮލިސް ޕޯސްޓު ހުޅުވުމަށްފަހު ޕޮލިސް ޕޯސްޓުގައި ފުލުހުންގެ ދިދަ ނަންގަވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއުއެވެ. ގައުމީ ދިދަ ނަންގަވައިދެއްވީ ކައުންސިލު ރައީސް އަޙްމަދު އިރުޝާދުއެވެ.