ގދ. ތިނަދޫއަށް ދީފައިވާ ސިޓީގެ ދަރަޖަ ބާތިލްކުރަން ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފިއެވެ.
ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 31 އޮގަސްޓް 2023 ގައެވެ. އެއީ ރިޔާސީ ކެމްޕޭނުގެ ތެރެއިން އެމަނިކުފާނު ތިނަދޫއަށް ކުރެއްވި ދަތުރުފުޅުގައި އިއުލާންކުރެއްވި ކަމެކެވެ. އޭރު ވެސް ތިނަދޫގެ އާބާދީ ހަމަނުވާތީ ގިނަ ބަޔަކު ސުވާލު އުފައްދާފައިވެ އެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުން ސިޓީއެއްގެ ދަރަޖަ ލިބޭނީ އެތަނެއްގެ އާބާދީގައި 10،000 އަށް ވުރެ މީހުން މަދު ނުވާ ނަމައެވެ.
ތިނަދޫ އަށް ސިޓީގެދަރަޖަ ދިންތާ މިހާރު އަހަރަށް ވުރެ ގިނަ ދުވަސްވެފައިވަނިކޮށް އެ ސިޓީގެ އާބާދީ ހަމަ ނުވާ ކަމަށް ބުނެ އެ މައްސަލަ ކޯޓަށް ހުށަހެޅުއްވީ އެންވަޔަރަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ގާނޫނީ ވަކީލު މުހައްމަދު ރާގިބެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހުށަހެޅި މައްސަލަ ބަލައިގަތުމާ މެދު މިހާތަނަށް ހައި ކޯޓުން އަދި ގޮތެއް ނުނިންމަ ނުވެއެވެ.
ރާގިބު ހުށަހެޅި މައްސަލާގައިވާގޮތުން އާބާދީގައި 10،000 ހަމަވާ ކަމަށް ދެއްކުމަށް ތިނަދޫ ކައުންސިލުން ގެންގުޅެނީ ސައްހަ ލިޔުމެއް ނޫނެވެ. އެގޮތުން ތިނަދޫގެ އާބާދީއަށް 10،000 މީހުން ހަމަކުރުމަށްޓަކައި ކައުންސިލްގެ ދަފްތަރުގައި މަރުވެފައިވާ 115 މީހަކު ހިމަނާފައިވާ ކަމަށާއި ތަކުރާރުވާ އައިޑީކާޑު ނަމްބަރުތައް ހުރި ކަމަށް ވެސް މައްސަލާގައި ބަޔާންކޮށްފައި ވެއެވެ. އަދި ޑީއެންއާރުގައި ވާ ލިސްޓާއި ކައުންސިލްގެ ލިސްޓު ދިމާ ނުވާކަން ފާހަގަކޮށްފައި ވެއެވެ.
އެގޮތުން މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން ތިނަދޫ ސިޓީގެ އާބާދީގެ ލިސްޓު ޑީއެންއާރުން ހޯދި އިރު އެ ލިސްޓުގައި 8،000 މީހުން ވެސް ހަމަނުވާ ކަމަށް މައްސަލާގައި ވެއެވެ. މައްސަލާގައި ވާގޮތުން ތިނަދޫގެ އާބާދީ އަކީ 7،924 މީހުންނެވެ.
އޭނާ ހުށަހަޅުއްވާފައިވަނީ ތިނަދުއަކީ ސިޓީއެއްގެ ގޮތުގައި ކަނޑައެޅި ނިންމުމާއި އެ ނިންމުމާ ގުޅިގެން އަޅާފައިވާ އެންމެހާ އިދާރީ ފިޔަވަޅުތައް ބާތިލްކުރުމަށެވެ.