logo

ތިނަދޫގެ ސިޓީގެ ދަރަޖަ ބާތިލުކުރަން ހުށަހެޅި ޑެޕިއުޓީ މިނިސްޓަރު މަޤާމުން ވަކިކޮށްފި

profile

ޒިދާން މުޙައްމަދު - 25 ނޮވެމްބަރު 2024 - 19:10

ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫއަށް ދީފައިވާ ސިޓީގެ ދަރަޖަ ބާތިލުކުރަން ދިވެހިރާއްޖޭގެ ހައިކޯޓަށް ދުސްތޫރީ މައްސަލަ ހުށަހެޅި ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލްއުސްތާޛު މުހައްމަދު ރާޣިބު އަހްމަދު މަޤާމުން ވަކިކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލްއުސްތާޛު މުހައްމަދު ރާޤިބު މަޤާމުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމެވީ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުން އުވާލުމަށް ދައުލަތާ ދެކޮޅަށް ކޯޓަށް ދިއުމާ ގުޅިގެން ކަމަށެވެ.

ތިނަދޫއަށް ދީފައިވާ ސިޓީގެ ދަރަޖަ ބާތިލުކުރުމުގެ މައްސަލައަކީ ދައުލަތާ ދެކޮޅަށް ކުރާ ދައުވާއެއްކަމަށްވުމުން، ރާޤިބުއަށް މައްސަލަ ހުށަހެޅުމުގެ ކުރިން ނަސޭހަތްތެރިވިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުން މިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު ތާއީދު ހޯދުމަށް ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނީ ޤާނޫނީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަނުކޮށް ކަމަށް މިސަރުކާރުން ބުނެއެވެ.

އެހެންވެ، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ޤާނޫނަށް އިޞްލާހު ގެނެސް ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ އަލުން ދެއްވާފައެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ގެނައި އިޞްލާހު ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީޤުކުރެއްވީ މިއަހަރުގެ މާޗް މަހުގައެވެ.

ޤާނޫނީ އިމުގެ ތެރެއިން ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވަޢުދެކެވެ.

https://wamco.com.mv/
tel:+9607331319