
މުޅި ޙަޔާތުގެ އަމުރުވެރި ފަރާތަކީ އިސްލާމްދީންކަމުގައި ހެދުމަށް ޢީދު ޚުޠުބާގައި ނަސޭހަތްތެރިވެއްޖެ
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 06 ޖޫން 2025 - 02:49
މުޅި ޙަޔާތުގެ އަމުރުވެރި ފަރާތަކީ އިސްލާމްދީންކަމުގައި ހެދުމަށް އަޟްޙާ ޢީދު ޚުޠުބާގައި ނަސޭހަތްތެރިވެއްޖެއެވެ.
މިއަދު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ވަނީ 10 ذُوالْحِجَّة 1446 (06 ޖޫން 2025)ވީ އަޟްޙާ ޢީދު ދުވަހުގެ ޚުޠުބާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވާފައެވެ.
ޢީދު ޚުޠުބާގައި ބުނީ، މިއަދު ޢީދު ފާހަގަ ކުރާއިރު إِبْرَاهِيْم عَلَيْهِ السَّلَامއާއި إِسْمَاعِيْلُ عَلَيْهِ السَّلَام ވެވަޑައިގަތް މަތިވެރި ޤުރުބާނީއިން ޢިބުރަތް ޙާޞިލުކުރާން ޖެހޭ ކަމަށެވެ. އެއީ މާތް اللهއަށް ކިޔަމަންތެރިވުމާއި ކެތްތެރިވުމުގެ ދަރުސެއްގެ ގޮތުގައި ޚުޠުބާގައި ސިފަކުރިއެވެ.
ޚުޠުބާގައި ވަނީ އިސްލާމީ އުންމަތް ނިކަމެތިވުމުގެ އެންމެ ބޮޑު ސަބަބަކީ، މާތް اللهއާއި އެކަލާނގެ ރަސޫލާ މުޙައްމަދު صَلَّى اللَّهُ عَلَيْهِ وَسَلَّمَގެ އެންގެވުންތަކާ ދުރުހެލިވުން ކަމުގައި ފާހަގަކޮށްފައެވެ. އަދި ވެރީންނާއި މައިންބަފައިންނާއި ބޮޑުންގެ ބަސް ނޭހުމަކީ ވެސް ސަބަބެއް ކަމަށް ބުނެފައިވެއެވެ.
ކީރިތި ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَގެ ޞަޙާބީންގެ ކުރިފުޅު މަތީގައި ދުނިޔެ ތިރިވެ، ކުޑަކަކޫ ޖަހައި، ކިޔަމަންގަތީ ކީއްވެގެންތޯ އާއި އިސްލާމް ދީނަށް ފައުޖުފައުޖަށް މީސްތަކުން ވަނީ ކީއްވެގެންތޯ ސުވާލުކުރަމުން ޚުޠުބާގައި ބުނީ، އެއީ އެ ބޭކަލުންގެ މުއްސަނދިކަމަކުން ނޫން ކަމަށާއި އެ ބޭކަލުންގެ ހަށިކޮޅުތައް ވަރުގަދަކަމަކުން ވެސް ނޫން ކަމަށެވެ.
އެކަމަކު އެ ބޭކަލުންގެ އިޚްލާޞްތެރިކަމާއި ކިޔަމަންތެރިކަމުގެ ސަބަބުން ކަމަށް ޚުޠުބާގައި ބުންޏެވެ
މިއަދަކީ ބަރަކާތްތެރި އަޟްޙާ ޢީދު ދުވަސް ކަމަށް ބުނެ ޚުޠުބާގައި ބުނީ މިއީ الله تَبَارَك وَتَعَالى އެ ދުވަހަކަށް يَوْمُ الْحَجِّ اْلأَكْبَرِގެ ނަމުން ނަން ދެއްވައިފައިވާ ދުވަސް ކަމަށެވެ.
އެކަމުގެ ސަބަބު ބަޔާންކުރަމުން ޚުޠުބާގައި ބުނީ، އެއީ ޙައްޖުގެ މަނާސިކުތަކުގެ ތެރެއިން ވަރަށް ގިނަ ކަންތައްތަކެއް މި ދުވަހުގައި އަދާކުރާތީ ކަމަށެވެ. މިއަދު ޙައްޖުވެރީން މިނާއަށް ގޮސް ޖަމްރަތުލްޢަޤަބާއަށް ހިލަ އުކާނެ ކަމާއި އެއަށް ފަހު ބޯ ބާލައި ނުވަތަ ބޯ ކޮށާނޭކަން އަދި ހަދުޔު ކަތިލައި، ޠަވާފުލްއިފާޟާ ކުރާނޭކަން ޚުޠުބާގައި ފާހަގަކުރިއެވެ.
މާތްالله ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައި ވަނީ އަންނަނީ ފަދައިންނެވެ.
"ދެން އެއުރެންގައިވާ ކުނި މިލަތައް، އެއުރެން ފިލުވާހުށިކަމެވެ! އަދި އެއުރެންގެ ނަދުރުތައް ފުއްދާހުށިކަމެވެ! އަދި ޒަމާންވީ ގެފުޅުގައި އެއުރެން طواف ކުރާހުށިކަމެވެ!"
ޢީދު ޚުޠުބާގައި ބުނި ގޮތުގައި، ސަބަބު ބަޔާންކޮށް ބުނި ގޮތުގައި، މިއީ ޙައްޖުގެ އެންމެ ބޮޑު ދުވަހެވެ. ދުނިޔޭގެ ކަންކޮޅުތަކުން އެތައް މުސްލިމުންނެއް އެއް ބިމެއްގައި މާތް اللهގެ އަމުރަފުޅަށް ބޯލަނބައި އެއްވެ ތިބޭ މި މަތިވެރި އެއްވުމަކީ، މުސްލިމުންގެ އެއްބައިވަންތަކަމާއި، މާތް اللهގެ ޙަޟުރަތުގައި އެންމެންގެ ހަމަހަމަކަން ދައްކުވައިދޭ ޢާލަމީ ބައްދަލުވުމެކެވެ. ޙައްޖުވެރީންގެ މި ބައްދަލުވުން ހިނގަމުންދާ އިރު މިއަދު ދުނިޔޭގެ ކަންކޮޅުތަކުގައިވާ މުސްލިމުން މާތް اللهއަށް ތަކުބީރުކިޔައި، ޢީދުނަމާދުކޮށް، އުޟުހިޔާ ކަތިލާނެއެވެ.
ޚުޠުބާގައި ވަނީ އިސްލާމް ދީން އައީ އަޅުކަމުގެ ތެރެއިން މި އުންމަތުގެ ހަރުދަނާކަމާއި އާރާއި ބާރު ހާމަކޮށްދޭންކަން ފާހަގަކޮށްފައެވެ.
ކޮންމެ ދުވަހަކު ފަސް ވަގުތެއްގައި މިސްކިތުގައި މުސްލިމުން އެއްވާ އެއްވުމުން ދޭހަވަނީ އެއް ހިސާބުގަނޑެއްގައި އުޅޭ މުސްލިމުންގެ ބާރު ކަމަށާއި ކޮންމެ ހުކުރު ދުވަހަކު ޤާއިމުކުރެވޭ ހުކުރު ނަމާދުން މިއަށް ވުރެ ބޮޑު ޖަމާޢަތެއް ފެންނަ ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.
ޚުޠުބާގައި ބުނި ގޮތުގައި، ޢީދު ނަމާދުން ރަށުގެ ގިނަބަޔެއްގެ ބޮޑު ބައްދަލުވުމެއް ފެނެއެވެ. ދެން ފެންނަނީ ޙައްޖެވެ. އެއީ ދުނިޔޭގެ މުސްލިމުން ތަމްސީލުކޮށްދޭ އެއްވުމެކެވެ. އެހެންކަމުން ޙައްޖަކީ މުސްލިމުންގެ އެއްބައިވަންތަކަން ދައްކުވައިދޭ އަޅުކަމެއްގެ ގޮތުގައި ޢީދު ޚުޠުބާގައި ސިފަކުރިއެވެ.
މީގެ އިތުރުން، ޚުޠުބާގައި، ބުނި ގޮތުގައި، ޙައްޖުގެ އަޅުކަމުން އަހަރެމެންނަށް ހަނދާންކޮށްދެނީ ނަބީބޭކަލުންގެ ބަފައިކަލުން إِبْرَاهِيْم عَلَيْهِ السَّلَامގެ ވާހަކަތަކެވެ. އެކަލޭގެފާނާއި އެކަލޭގެފާނުގެ ދަރިކަލުން إِسْمَاعِيْلُ عَلَيْهِ السَّلَام ގެފުޅުގެ ބިންގަލުގެ މަތީގައި ގެފުޅު އަލުން ބިނާކުރެއްވި މަތިވެރި ޒިކުރާއެވެ.
މާތްﷲ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
"އަދި އިބްރާހީމުގެފާނާއި އިސްމާޢީލުގެފާނާ ދެބަފައިކަލުން ގެފުޅުގެ ބިންގާ އުފުއްލަވައި ބިނާކުރައްވަމުން ގެންދެވި ހިނދު، ހަނދުމަކުރާށެވެ! (އެ ހިނދު دُعَاء ކުރެއްވިއެވެ.) އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ކިބައިން (މި ކަން) قَبُوْلُ ކުރައްވައިފާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ މޮޅަށް އައްސަވައިވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."
މާތް اللهގެ އަމުރުފުޅަށް މި ގެފުޅު ބިނާކުރައްވައި، ތައުޙީދަށް ގޮވައިލެއްވީ إِبْرَاهِيْم عَلَيْهِ السَّلَامއެވެ. އިސްލާމް ދީނުގެ ރޫޙު ކަމުގައިވާ ތައުޙީދުގެ ރަމްޒަކީ إِبْرَاهِيْم عَلَيْهِ السَّلَامއެވެ. إِبْرَاهِيْم عَلَيْهِ السَّلَام، اللهއަށް ޓަކައި އެ ކަލޭގެފާނުގެ ވަޠަން ދޫކުރައްވައި ހިޖުރަކުރެއްވިއެވެ. ތައުޙީދަށް ޓަކައި އެކަލޭގެފާނުގެ ފުރާނަފުޅު ނުރައްކާތަކަށް ހުށަހެޅުނެވެ. އެކަލޭގެފާނު އަލިފާނަށް އެއްލައިލެވުނެވެ. މާތް اللهގެ ދަޢުވަތަށް ޓަކައި އެކަލޭގެފާނު އެއްވެސް ކަމަކަށް ޖެހިލުންވެވަޑައިނުގެން، ތައުޙީދު ފެތުރުއްވުމުގައި ކުރިއަށް ވަޑައިގަތެވެ. إِبْرَاهِيْم عَلَيْهِ السَّلَام އެކަލޭގެފާނު މުސްކުޅިފުޅުވީ ދުވަހު ލިބިވަޑައިގަތް ލޮބުވެތި ދަރިކަލުން، ޤުރުބާންކުރެއްވުމަށް މާތް الله ކުރެއްވެވި އަމުރުފުޅަށް އިޖާބަދެއްވިއެވެ. އެ ޙާދިސާ ބަޔާންކުރައްވައި،
މާތްالله ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
"ފަހެ، އެކަލޭގެފާނުގެ އަރިހުގައި އެ ދަރިކަލުން މަސައްކަތްކުރައްވައި އުޅުއްވާ ފުރާވަރަށް އެރި ހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ލޯބިވާ ދަރިފުޅާއެވެ! ހަމަކަށަވަރުން، އަހުރެން ތިބާ ޤުރުބާންކުރާތީ، ހުވަފެނުގައި އަހުރެންނަށް ފެނެއެވެ. ފަހެ، ތިބާޔަށް (އެ ކަމާ މެދު) ފެންނަ ގޮތެއް ވިސްނައިބަލާށެވެ!"
މި ހިނދު އިސްމާޢީލުގެފާނު ދެންނެވީ ކީކޭތޯއެވެ!
"އޭ ބައްޕާއެވެ! ކަލޭގެފާނަށް الله އަމުރުކުރައްވާ ކަންތައް ކަލޭގެފާނު ކުރައްވާށެވެ! الله އިރާދަކުރެއްވިއްޔާ އަޅުގަނޑު ވާނީ، ކެތްތެރީންގެ ތެރެއިންކަން، ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެތެވެ."
އިސްމާޢީލުގެފާނު މި ތާނގައި މާތްﷲގެ އަމުރުފުޅަށް ކިޔަމަންވެވަޑައިގަތީއެވެ. ދެ ބަފައިކަލުން ވެސް ކެތްތެރިވެ ވަޑައިގަތީއެވެ. ބަފައިކަލުން، ދަރިކަލުން ޤުރްބާން ކުރެއްވުމަށް ޓަކައި ވަޅި ނެންގެވިއެވެ. ދަރިކަލުން ބަފައިކަލުންނަށް ކިޔަމަންވެ ވަޑައިގެން، ބަފައިކަލުންނަށް ކަނދުރާ ލަންބަވައިލެއްވިއެވެ. އެ ހައި ހިސާބުން އިމްތިޙާނުން ފާސްވީކަމުގެ އުފާވެރި ޚަބަރު އަތުވެއްޖެއެވެ. މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
"ހަމަކަށަވަރުން، ކަލޭގެފާނުގެ ހުވަފެންފުޅު ތެދުކުރައްވައިފީމުއެވެ."
މި އިމްތިޙާނުގެ މަޤްޞަދަކީ إِسْمَاعِيْلُ عَلَيْهِ السَّلَام ޤުރްބާން ކުރެއްވުމެއް ނޫނެވެ. މާތް اللهގެ އަމުރުފުޅަށް ކިޔަމަންވެވަޑައިގަންނަވާ މިންވަރު ބެއްލެވުމެވެ. ކޮންމެ ކަމަކަށް މާތް الله އަމުރުކުރެއްވިޔަސް އެކަމަކަށް ފަސްޖެހިވަޑައިގަތުމެއް ނެތި، އެ އަމުރުފުޅު، ތަންފީޒު ކުރައްވާނެކަން ދެއްކެވުމެވެ. إِسْمَاعِيْلُ عَلَيْهِ السَّلَام ސަލާމަތްވެވަޑައިގަތީ، މާތް ﷲ ބާވައިލެއްވި ފިދުޔައަކުންނެވެ. މި ޢީދުގައި އުޟްޙިޔާ ކަތިލުން ޝަރްޢުކުރެވިފައި ވަނީ މިހެންވެގެންނެވެ. އުޟްޙިޔާއަށް ކަތިލެވޭނީ ނަޢަމް ސޫފީގެތެރެއިން އެއްޗެކެވެ. ގެރި ބަކަރި ޖަމަލުފަދަ ތަކެއްޗެވެ. ޢިލްމުވެރީން ވިދާޅުވާ ގޮތުގައި އެންމެ އިތުރުވެގެންވަނީ އުޟްޙިޔާގެ ތިންބައިކުޅަ އެއްބައި ކެއުމެވެ. އަނެއް ތިންބައިކުޅަ އެއްބައި ފަޤީރުންނަށް ޞަދަޤާތް ކުރުމެވެ. އަނެއް ތިންބައިކުޅަ އެއްބައި ގާތްތިމާގެ މީހުންނަށާއި ރަޙްމަތްތެރީންނަށް ހަދިޔާކުރުމެވެ.