
އިސްރާފުކުރުން
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 10 ސެޕްޓެމްބަރު 2025 - 04:33
އިންސާނުންނާ މިއަދު ކުރިމަތިވެފައިވާ އިޖްތިމާއީ ބަލިތަކުގެ ތެރޭގައި ފާސިގުކަމާ އިސްރާފުކުރުން ހިމެނެއެވެ. އިސްރާފަކީ ކޮންމެ ކަމެއްގައިވެސް ހައްދުފަހަނަ އަޅާދިއުމެވެ. އެއީ ހަމައެކަނި ކެއިން ބުއިމާ ގުޅިފައިވާ ކަމެއް ނޫނެވެ. އުރެދުންތަކައް އަރައިގަތުން ގިނަކޮށް ކުފުރުވުމާ ހަމައަށް ހިނގައްޖެނަމަ އެއީވެސް އިސްރާފުކުރުމެވެ.
ކާބޯތަކެތި ގުދަންކޮށް ހެޔޮގޮތުގައި އެތަކެތީގެ ބޭނުން ނުހިފައި އޭގެ ހައްގު އަދާނުކޮށް ބެހެއްޓުމަކީވެސް އިސްރާފު ކުރުމެވެ. އަދި ދެވަނަ ފަހަރަށް ބޭނުން ކުރެވިދާނެ ކާއެއްޗެހި އުކާނުލާ އެތަކެތި ބޭނުން ކުރުމަށް އިސްލާމްދީން ބާރު އަޅާއިރު ކާބޯތަކެއްޗަކީ މާތް ﷲ ގެ ނިއުމަތަކަށް ވީހިނދު މި ތަކެތި އުކާލުމަކީ ނިއުމަތުގެ ވެރި ފަރާތައް ހަރާންކޯރުވުމެވެ.
އިސްރާފު ކުރުމަކީ ޝައިތާނާގެ އަމަލެކެވެ. އެއީ އޭގެ ސަބަބުން ސިއްހީ އަދި މާލީ ގެއްލުން މުޖްތަމައުއަށް ފޯރާނެ ކަމެކެވެ. ކީރިތި ރަސޫލާގެ އިރުޝާދަށް ތަބައަވެގެން އިސްރާފު ނުވާގޮތަށް ކެއިން ބުއިމުގެ ކަންކަން ހަމަޖެއްސުން މުހިންމެވެ.
މާތް ﷲ ވަޙީ ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.
"އަދި ގިނަގިނައިން އިސްރާފު ނުކުރާހުށިކަމެވެ! ހަމަކަށަވަރުން، އިސްރާފު ކުރާ މީހުންނަކީ ޝައިޠާނުންގެ އަޚުން ކަމުގައިވިއެވެ. އަދި ޝައިޠާނާ، އޭނާގެ ވެރިރަސްކަލާނގެއަށް ވަރަށް ބޮޑަށް ކާފިރުވާކަމުގައިވިއެވެ!"
މުދާ ހޭދަކުރުމުގައި އިސްރާފުކުރުމަކީ މާތް ﷲ ނަޙީ ކުރައްވައިފައިވާ ކަމެކެވެ. ޙަރާމް ކަންތައްތަކަކަށް ވިޔާނުދާ ކަންތައްތަކަށް ބޭކާރު ގޮތްގޮތަށް މުދާ ހޭދަކުރުމަކީވެސް އިސްރާފުކުރުމެވެ. އަދި ހުއްދަވެގެންވާ ރަނގަޅު ކަންތައްތަކުގައި ވެސް ތިމާގެ އާމްދަނީއާއި ލިބޭ މިންވަރާ އެކަށީގެންނުވާ ވަރަށް ޚަރަދު ކުރުމަކީ ވެސް އިސްރާފުކުރުމެވެ. އަދި އެކަށީގެންވާ ވަރަށް ވުރެ ބޮޑަށް ދިރިއުޅުމުގެ ކަންތައްތަކަށް ޚަރަދު ކުރުމަކީ ވެސް އިސްރާފުކުރުމެވެ. އަދި މިނޫން ވެސް މިފަދަ އެންމެހާ ނޭދެވޭ ކަންތައްތައް ހިމެނިގެންދާނީ އިސްރާފުކުރުމުގެ ތެރޭގައެވެ.
އެފަދަ މީހުން ދެކެ މާތް ﷲ ލޯބިވެވޮޑިގެންނުވާކަން އަންގަވައި، އެކަލާނގެ ވަޙީ ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.
"އަދި ތިޔަބައިމީހުން ކައިބޮއެ އުޅޭށެވެ! އަދި އިސްރާފު ނުކުރާށެވެ! ހަމަކަށަވަރުން، އިސްރާފު ކުރާ މީހުން ދެކެ އެކަލާނގެ ލޯބިވެވޮޑިގެންނުވެއެވެ!"
އިސްރާފު ކުރުމަކީ މުއުމިނުންގެ ސިފައެއް ނޫނެވެ. މުއުމިނުންގެ ސިފައަކީ ތިމާގެ އަތުގައިވާ އެއްޗަކުން ފުއްދައިގެން، އިޤްތިސާދު ކޮށްގެން ދިރިއުޅުމެވެ. އެއީ މާތް ﷲ ތިމާއަށް ދެއްވި އެއްޗަކަށް ޝުކުރުވެރިވެ، ފުދިގެން ދިރިއުޅުމެވެ.
ކަން މިހެން އޮތް ކަމުގައިވިޔަސް ބައެއް މީހުން ކަންކުރަމުން ދަނީ މިއާ ޚިލާފަށެވެ. ތިމާގެ އާމްދަނީއަށް ނުވަތަ ތިމާއަށް ލިބޭ އެއްޗަކަށް ބެލުމެއް ނެތި ޚަރަދުތައް ކުރަމުންދެއެވެ. މިޒަމާނުގައި، ބައެއް މީހުން ބާޒާރަށް އަލަށް ނުކުންނަހާ އެއްޗެއް ހޯދައެވެ. ދަރިންގެ ކުޅޭ އެއްޗެހި ވެސް ހަލާކުވުމުގެ ކުރިން ގަނެދެއެވެ. ނުކެވޭ ވަރުން ކާއެއްޗެހިވެސް ގަންނަނީއެވެ.
އަނެއްބަޔަކު، ތިމާމެންގެ ފުދުންތެރިކަމާއި ތަނަވަސްކަން ނެތަސް، މީހުންގެ އަތުން ދަރަންޏަށް ފައިސާ ހޯދައިގެން، ނުވަތަ ބޭންކުން ލޯނު ނަގައިގެން ނަމަވެސް ޒަރޫރަތެއް ނެތި ބޮޑެތި ޚަރަދު ކުރާތަން ފެނެއެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ.