
ފިކުރީ ހަނގުރާމަ
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 23 އޯގަސްޓު 2025 - 07:40
އަމަންއަމާންކަމާއި ސުލްޙަ މަސަލަސްކަމަކީ މުޖުތަމަޢަކަށް ލިބިގެންދާނޭ އެންމެބޮޑު އެއްނިޢުމަތެވެ. ނަމަވެސް ގިނަބަޔަކަށް މި ނިޢުމަތުގެ މަތިވެރިކަމާ މުހިއްމުކަން އިޙްސާސް މި ކުރެވެނީ އޭގެ ވަޤުތު ފާއިތުވެދާ ފަހުންނެވެ.
ﷲ ތަޢާލާ ޚަބަރުދެއްވާފައި ވާފަދައިން އަހަރެމެން މުސްލިމުންގެ އެންމެ ބޮޑެތި ޢަދުއްވުންނަކީ ޔަހޫދީންނާއި ނަޞާރާއިންނެވެ. ޞުލްހަވެރި އަމާން އޮމާން އިސްލާމީ މުޖުތަމަޢެއް ވާނަމަ އެމުޖުތަމައެއް ފަސާދައާއި ހަމަނުޖެހުމުގެ ފުން ވަޅުގަނޑުގެ ތެރެއަށް ވައްޓާލުމަކީ އެބައިމީހުންގެ އެންމެއިސް ވާޖިބުކަމުގައި އެބައިމީހުން ދެކެއެވެ. މިކަން ދުނިޔޭގެ ތަފާތު ކަންކޮޅުތަކުން ފެންނަމުން އެހެރަ ދަނީއެވެ. ތަފާތު އިސްލާމީ ޤައުމުތައް އެއްވެސް ޙައްޤަކާނުލައި ސުންނާފަތިކުރަމުން ގެންދަނީއެވެ. ފަލަސްތީނާއި ޢިރާޤާއި އަފްޣާނިސްތާނަށް ނަޒަރު ހިންގާލާށެވެ. ޕާކިސްތާނުގެ ރައްޔިތުންގެ މެދުގައި ފިތުނަ އުފައްދާ އެއްބަޔަކު އަނެއްބަޔަކާ ޖައްސާ ޤައުމު ހަނގުރާމައިގެ ހާއްޔަކަށް ހަދާލީ ހަމަ މިބައިމީހުންނެވެ.
ދިވެހިރާއްޖޭގައިވެސް މިބައިމީހުންގެ ފިކުރީ ހަނގުރާމަ ކުރިއަށް ގެންދާތާ އެތައް ދުވަހެއްވެއްޖެއެވެ. ތަފާތު ގޮތްގޮތުން ދިވެހި ރައްޔިތުންގެ ސިކުނޑިތަކާ ކުޅެމުން ލާދީނީ އުސޫލުތަކާއި ހަމަތައް ރާއްޖެއަށް ތަޢާރަފްކުރަން ފެއްޓިއެވެ. މިއީ ވަރަށް ދުވަހުއްސުރެ ރޭވިގެން ކުރަމުން އައި ކަމެކެވެ. ތަފާތު ގޮތްގޮތުން މަސައްކަތް ކޮށް، ދިވެހިންގެ ތެރެއިން ޢަޤީދާ ބަލިކަށި ބަޔަކު މިކަމުގައި ބައިވެރި ވުމަށް ތައްޔާރުކޮށް، މިބައިމީހުންގެ މަސައްކަތްތައް އިތުރުކުރިއެވެ. އޭގެ ނަތީޖާއެއެގެ ގޮތުން "އަނެއްފިކުރަށް" ގޮވާ ބަޔަކު ދިވެހިރާއްޖޭގައި އުޅޭކަން ފާޅުވެ އެނގެން އެބަހުރި ނޫންތޯއެވެ.
ޝައްކެތް އޮތް ކަމެއް ނޫނެވެ. ހަރުދަނާ އީމާނާއި ޢަޤީދާގެ ވެރި މުސްލިމުން ކަނޑިބަޑިން ބަލިނުކުރެވުމުގެ ސަބަބުން މުސްލިމުން ބަލިކަށިކުރުމަށްޓަކައި ދެން ހަނގުރާމަފެށީ ފިކުރީގޮތުން މުސްލިމުންނާ ހަނގުރާމަކޮށް އިސްލާމީ ޢަޤީދާއާ މުސްލިމުން ދުރުހެލިކުރުމަށެވެ.
ފިކުރީ ހަނގުރާމަ ކުރެވެނީ ރޭވުންތެރިކަމާ އެއްގޮތަށެވެ. މިކަމަށް ޚާއްޞަ ޢިލްމުވެރިންނާ ފަންނުވެރި ފަރާތްތަކުން މަސައްކަތް ކުރަމުން ގެންދެއެވެ. މިކަމަށް ޚާއްޞަ ބަޔަކު ތައްޔާރުކޮށް ދުލާއި ޤަލަމާއި މީޑިއާގެ ތަފާތު ވަސީލަތްތަކުގެ އެހީއާއެކު މިރޭވުންތަކަށް ޢަމަލީ ސިފަ ގެނެެއެވެ. ނޫސްމަޖައްލާތަކާއި، ޓީވީ މެދުވެރިކޮށް މިކަމަށްޓަކައި މިއަދު ކުރެވޭ މަސައްކަތްތައްވެސް ގިނައެވެ.
ކީރިތި ޤުރުއާނުގެ އަގުވައްޓާލުމަކީވެސް ފިކުރީ ހަނގުރާމައިގެ ބައެކެވެ. މިގޮތުން ކީރިތި ޤުރުއާނަކީ ﷲ ގެ ކަލާމްފުޅު ނޫންކަމާއި ކީރިތި ރަސޫލާ އަމިއްލަފުޅަށް ލިޔުއްވާފައިވާ އެއްޗެއްކަމަށް އެބައިމީހުން ބުނެ އުޅެއެވެ. އަދި ކީރިތި ޤުރުއާނުގައި ހިމެނޭ ބައެއް އާޔަތްތައް ނަގައިގެން ކީރިތި ޤުރުއާނަކީ ވަކިކަމަކަށް ހިތްވަރުދޭ ފޮތެއްކަމަށާއި އެއީ މިއަދުގެ މުޖްތަމަޢާ އެކަށީގެންވާ ޤާނޫނުތަކާއި ޤަވާޢިދުތަކެއް ހުރި ފޮތެއް ނޫންކަން މުސްލިމް ސިކުނޑިތަކަށް ވައްދައިދިނުމަށްޓަކައި އެކި އެކި ވަޞީލަތްތަކުގެ ބޭނުންކޮށްގެން އެބައިމީހުންނަށް ކުރެވުނުހައި ކަމެއް ދަނީ ކުރަމުންނެވެ.
އެފަދައިން ކީރތިރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޠާހިރު ސުންނަތާމެދު މުސްލިމުން ދެކޭގޮތް ބަދަލު ކޮށްލަންވެސް މަސައްކަތް ކުރެއެވެ. މުސްލިމުންގެ ޝަރީޢަތުގެ އެއްމަޞްދަރާމެދު މުސްލިމުންގެ ހިތުގައި ޝައްކު އުފެއްދުމަށްޓަކައި ފަތުރާ އެތައް ބުހުތާނުތަކެއް ވެއެވެ. މިއީ އެކަންކުރާ ގޮތެވެ.
ފިކުރީ ހަނގުރާމައިގެ އަހުލުވެރިން އެންމެ ރުޅިއަންނަނީ އިސްލާމްދީން ފުރިހަމަކަމާއެކު ތަބްލީޣްކޮށްދެއްވި އަޅުގަނޑުމެން މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަދެކެއެވެ. ފާޑުކިޔުމާއި ފުރައްސާރަކުރުމުގެ ވިހަ ތީރުތައް އެންމެ ގިނައިން އަމާޒުވަނީ އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށެވެ. އެކަލޭގެފާނަށާއި އެކަލޭގެފާނު ގެނެސްދެއްވި ތަކެއްޗަށް މުސްލިމުން ކުރާ މަތިވެރި ޤަދަރާއި އިޙްތިރާމް ނެތިކޮށްލުމަށްޓަކައި އެކަލޭގެފާނުގެ މާތް ސީރަތާ އަދި ޞައްޙަ ޙަދީޘްތައް އޭގެ މަފްހޫމުން ބޭރުގައި އެބައިމީހުން ބޭނުންގޮތަކަށް މާނަކޮށް މުސްލިމުންގެ ސިކުނޑިތަކުގައި އެކަލޭގެފާނާ އެކަލޭގެފާނު ގެންނެވި ތަކެއްޗާމެދު ޝައްކު އުފެއްދުމަށްޓަކައި ކެނޑިނޭޅިދަނީ އެތައް މަސައްކަތްތަކެއް ކުރެވެމުންނެވެ.
ޣައިބަށް އިންކާރު ކުރުމަށް ގޮވާލުމަކީވެސް ފިކުރީ ހަނގުރާމައިގައި ބޭނުންކުރާ ކަމެކެވެ. އެހެންވީމާ، ސުވަރުގެއާއި ނަރަކައަކީ ނަފްސުގައި އުފެދޭ ޝުޢޫރެއްކަމަށް ބުނެ އެކަން އެގޮތަށް ޤަބޫލު ކުރުވުމަށް މަސައްކަތް ކޮށްފައި ވެއެވެ. ޖިންނީންނާއި މަލާއިކަތުންނަކީ ވާބައެއް ނޫންކަމަށާއި ޤިޔާމަތްދުވަހަކީ އޮތް ދުވަހެއް ނޫންކަން ވިސްނަދީގެން ޣައިބަށް އީމާންވުން ޤަބޫލުނުކުރާ ބަޔަކަށް މުސްލިމުން ހެދުމަށްޓަކައި ފިކުރީ ހަނގުރާމައިގެ ކުޑައިގެ ދަށުގައި މަސައްކަތްކުރެވެއެވެ.
ފިކުރީ ހަނގުރާމައިގެ އެންމެ ނުރައްކާތެރިކަމަކީ ފިކުރީ ހަނގުރާމައިގެ އަވާގައި ޖެހި ހަފުސްވެފައިވާ މީހަކަށްވެސް އެމީހާ އެހުރީ ފިކުރީ ހަނގުރާމައިގެ ޝިކާރައަކަށް ވެފައިކަން ޤަބޫލުނުކުރެވުމެވެ. މިއަދު ވަޞީލަތްތައް ކުރިއަރާފައިވާ މިންވަރުން ފިކުރީ ހަނގުރާމަ ދިވެހިންގެ ބޮލަށް ވެއްދުމަށްޓަކައި ކޮންމެހެން ދިވެހި ދަރިޔަކު އެމެރިކާއަށް ނުވަތަ އިނގިރޭސި ވިލާތަށް ގެންދާކަށް ނުޖެހެއެވެ. ގޭގެ ސިޓިންރޫމްގައި ސޯފާގައި އިންދާ ދިވެހި ސިކުނޑިތަކަށް މިއަދު އެފަދަ ވައިރަސްތައް އެބަ ވައްދައެވެ. ފިލްމުތަކާއި ޓީވީ ޗެނަލްތަކާއި އިންޓަރނެޓްގެ ޛަރީޢާއިންނެވެ.
ފިކުރީ ހަނގުރާމަ މުޖްތަމަޢުން ނައްތާލެވޭނީ ފިކުރީ ހަނގުރާމަ ކުރެވޭ ގޮތްތައް ދެނެގަނެވިގެންނެވެ. އަދި މިކަންތައްތަކުގެ ނުރައްކާތެރިކަން ރައްޔިތުންނަށް ވިސްނަދީގެންނެވެ. އަމިއްލަ ނަފްސު ފިކުރީ ހަނގުރާމައިގެ އޮއިވަރުން ރައްކާތެރިކުރުމަށް މަސައްކަތްކުރުމާއެކު ތިމާގެ ލޯބިވާ ޢާއިލާވެސް މި ނުރައްކާތެރި ފިކުރުގެ ނުބައިކަމުން ސަލާމަތްކުރުމަށް މަސައްކަތްކޮށްގެންނެވެ.
“އަޅަމެން ހައްދަވާ ގެންގުޅުއްވާ އިލާހު! އަޅަމެންނަށް ތެދުމަގު ދައްކަވައިފުމަށްފަހުގައި، އަޅަމެންގެ ހިތްތައް ޙައްޤުން އެއްކިބާ ނުކުރައްވާނދޭވެ! އަދި އަޅަމެންނަށް އިބައިލާހުގެ ޙަޟްރަތުން ރަޙްމަތެއް ދެއްވާނދޭވެ! ހަމަކަށަވަރުން، އިބަﷲއީ ގިނަގުނައިން (ނިޢުމަތް) ދެއްވާ އިލާހެވެ.”
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން