logo

ނިމިދިޔަ ސަރުކާރުން ބަޖެޓް ކަނޑައަޅާފައި އޮތީ ގައުމީ ވިސްނުމަކުން ނޫން: މެމްބަރު ޝާހިދު

profile

އައިމިނަތު ރޫޔާ - 03 ނޮވެމްބަރު 2024 - 14:30

ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު -- ފޮޓޯ: މަޖިލިސް/ ފޮޓީޯ ގެލެރީ

ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު -- ފޮޓޯ: މަޖިލިސް/ ފޮޓީޯ ގެލެރީ

ނިމިދިޔަ ސަރުކާރުން ގިނަ ޕްރޮޖެކްޓްތަކެއް ބަޖެޓުގައި ހިމަނާފައިވީ ނަމަވެސް، ބަޖެޓު ކަނޑައެޅުމުގައި ވިސްނާފައި ހުރީ ގައުމީ ވިސްނުމަކުން ނޫން ކަމަށާއި ސިޔާސީ ފިކުރަކުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) ވިދާޅުވެއްޖެއެވެ.

މެމްބަރު މިފަދައިން ވިދާޅުވީ ބުރާސްފަތިދުވަހުގެ ރޭ އަސްލު ޓީވީ އިން ގެނެސްދިން "ދައުލަތުގެ ބަޖެޓް ކަވަރޭޖް 2025 " ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މެމްބަރު ވިދާޅުވީ މިހާރު ހިންގަމުންދާ ބަޖެޓަކީ ބަޔަކު މީހުން ހަދާފައި އޮތް އެއްވެސް ކަހަލަ ވިސްނުންތެރިކަމެއް ނެތި، އޭގެހިސާބު ދިމާނުވާ ގޮތަށް އޮތް ސިޔާސީ މަންފާތައް ހާސިލްކުރުމުގެ ގޮތުގައި ހަދާފައި އޮތް ބަޖެޓެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ސަރުކާރު ހިންގުމަށް ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވި ކަމަށް މެމްބަރު ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ އިދިކޮޅުން ބަޖެޓު ކަނޑައެޅުމުގައި އިސްކަންދީފައި ހުރީ ސިޔާސީ މަންފާ ހޯދުމަށާއި، ސިޔާސީގޮތުން ބާރުވެރިކަން ހޯދުމަށް ކަމަށެވެ.

"މިހާރުވެސް އިދިކޮޅުން ފަތުރަމުން ދާނެ މި ބަޖެޓުގެ ތަފްސީލެއް ނެތޭ. ނޫން. މިއީ ވަރަށް ތަފްސީލީ ބަޖެޓެއް." މެމްބަރު

މެމްބަރު ވިދާޅުވީ ސިޔާސީ ބޭފުޅުން މަސައްކަތް ކުރައްވާނީ ސިޔާސީ ބާރުވެރިކަން ހޯދުމާއި، ސިޔާސީ ގޮތުން ގިނަ ރައްޔިތުންގެ ތާއީދު ހޯދުމަށް ކަމަށެވެ. އެހެންނަމަވެސް މިއަދު މި ފެށި ދަތުރަކީ ސިޔާސީ ގޮންޖެހުންތަކާ އެކުވެސް ގައުމަށް ހެޔޮ ގޮތްތައް ހޯދައި ދިނުމަށާއި، ރައްޔިތުންނަށް ރަނގަޅު ގޮތްތައް ހޯދައިދިނުމަށް ފެށި ދަތުރެއް ކަމަށް މެމްބަރު ވިދާޅުވިއެވެ.

"ދިވެހި ތާރީހުގައި ފުރަތަމަ ފަހަރަށް މިފަދަ ގޮތަކަށް ބަޖެޓެއް ހުށަހެޅިގެން ސީދާ ރައްޔިތުންނާއި ގުޅުންހުރި ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިގެންދިޔަ ފުރަތަމަ ފަހަރު." މެމްބަރު

މެމްބަރު ވިދާޅުވީ ކުރީގައި ބަޖެޓުތައް ހުށަހަޅާއިރު އެކިއެކި ޕްރެޝަރުތަކާހުރެ، ސަރުކާރުން ބޭނުންވާ ކަންކަން ފޯރުކޮށްދިނުމަށް ހަގީގީ މާނައިގައި ބަޖެޓެއްގެ ތެރޭގައި ހިމަނައިގެން، ރައްޔިތުންނާ ހިސާބަކަށް ނާދެވޭ ކަމަށެވެ.

އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓަކީ ވަރަށް އުއްމީދީ ބަޖެޓެއް ކަމަށާއި މި ބަޖެޓަކީ ރައީސް ޑރ މުއިއްޒު އަތޮޅުތަކުގެ ރައްޔިތުން އެދުނު ކަންކަން، ރައްޔިތުންނަށް މަންފާކުރާނެ ގޮތަށް ހުށަހަޅުއްވާފައިވާ ބަޖެޓެއް ކަމަށް މެމްބަރު ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ މި ބަޖެޓްގައި ހިމެނެނީ ހަމައެކަނި މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަން ނޫން ކަމަށާއި، މި ބަޖެޓުގެ ސަބަބުން ރާއްޖޭގެ ހުރިހާ ހިސާބަކަށް ބޯހިޔާވަހިކަން ފެތުރިގެންދާނެ ކަމަށެވެ.

މެމްބަރު ވިދާޅުވީ މި ބަޖެޓްގެ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އުފާ ފާގަތިކަން ރައީސް ޑރ މުއިއްޒު ގެނެސްދެއްވާނެ ކަމުގެ ފުރިހަމަ އިރުބާރު އެބައޮތް ކަމަށެވެ.

މެމްބަރު ވިދާޅުވީ ދިވެހިރާއްޖެ ޒަމާނީ ޑިމޮކްރަސީއާއެކު، ރައްޔިތުން އެދޭ ބަދަލުތަކާއެއްކޮށް، 2008 އަކުން މިހާ ހިސާބަށް އައިއިރު، ހަގީގީ މާނައިގައި ރައްޔިތުންގެ ހައްގުގައި ގައުމުގެ ހައްގުގައި މަސައްކަތްކުރާ ލީޑަރެއް މި ނޫނީ ނެތް ކަމަށެވެ.

https://wamco.com.mv/
tel:+9607331319