ހަނދާއި ތަރިތަކުގެ އަލިވެސް ލަދުން އިސްޖަހާލި ކަނޑުގެ ނޫ ތަރިތައް
ޝާމާ ޝުޢައިބު - 10 ޖެނުއަރީ 2025 - 11:40
ހިންދު ކަނޑުގައި ރަން މުތްތަކެއްހެން އުފެދިފައި މިވާ ދިވެހިރާއްޖެ އަކީ ގުދުރަތީ ރީތިކަމުގައި އެފަދަ ދެވަނައެއް ނެތް، އެތައް ނިއުމަތެއް ލިބިފައިވާ ޖަޒީރާ ގައުމެކެވެ. އިންޑިޔާ ކަނޑުގައި ޖަވާހިރުތަކެއް ފަދައިން ފެތުރިފައިވާ، ރަށްރަށުގައިވާ ހުދުބޯކިރުފޮދެއްފަދަ ގޮނޑުދޮށްތަކާއި، ސާފު ބިއްލޫރިކޮޅެއް ފަދަ ފީރޯޒީ މޫދާއި، ފެހިކަން ފެތުރިފައިވާ ނަލަނަލަ ޖަޒީރާ ރަށްތަކެވެ.
ކަނޑުގެ އަޑީގައި ވަނީ ދިރުންހުރި ފަރުތަކާއި، ކުލަގަދަ ކަނޑުގެ ދިރުންތަކާއި، ދުނިޔޭގެ އެންމެ ސާފު ޑައިވިންގ ސްޕޮޓްތައް ކަމުގައި ބެލެވޭ ތަންތަން ހިމެނޭ ހައިރާންކުރުވަނިވި އަޑީގެ ދުނިޔެއެކެވެ. އިރުއޮއްސޭ އިރު، ރަނާއި، ފިޔާތޮށި ކުލައާއި، ޖަންބުކުލައިގެ ކުލަތަކުން އުޑުމަތި ކުލަޖައްސާލައެވެ. އަދި ތަރިތައް ފެންނަ ރޭގަނޑުތައް ވަނީ ހަމަހިމޭންކަމާއި ހުވަފެނެއް ފަދައިންނެވެ.
މި ހުވަފެނީ މަންޒިލުން ލިބިދޭ ހިތްހަމަޖެހުމުގެ އަޖުމަ ބަލާލުމަށް، ދުނިޔޭގެ އެކި ބިތްތަކުން މި ގައުމަށް ދަތުރުކުރާނީ، މިވަރުގެ ކަމެއް ހަމަ ހަގީގަތުގަވެސް މި ދުނިޔެ މަތީގައި ނެތީމައެވެ. މިފަދަ އެހެން މަންޒިލެއް މި ދުނިޔެމަތިން ފެންނާން ނެތީމައެވެ.
ސާފު ދޮންވެލި ގޮނޑުދޮށްތަކުގެ ފުރިހަމަ ކަމުގެ ވާހަގަދައްކާ ނުނިމޭނެއެވެ. މި ގޮނޑުދޮށްތަކުގެ ވާހަކަ އެހާހިސާބުން ނިންމާލެވެން ވެސް ހަމަ ނެތީއެވެ. މަދުން ނޫނީ ނުފެންނަ، އަދި ވަކި ސަރަހައްދަކުން މެނުވީ ނުފެންނަ ގުތުރަތުގެ އަޖައިބެއްގެ ވާހަކަ އޮތަތީއެވެ. ހަނދުވަރުދޭ ރޭތަކުގައި ހަނދާ، ތަރިތަކުގެ އަލިކަންވެސް ލަދުން އިސްޖަހާލާ، އެ އަލިކަމަކަށް އަމާންދޭ މޫދުގެ ތަރިތަކުގެ ވާހަކައަކީ އަޖައިބުން ފުރިގެންވާ ވާހަކައެކެވެ. ރޭގަނޑުގެ އަނދިރިކަން ވެރިވުމާއެކު ނޫކުލައިން މުޅި ގޮނޑުދޮށް ދިއްލާލައި ފަޅުކަންފިލުވާލައި މޫދުގެ މި ތަރިތަކަކީ އެތައް ގޮތަކުން ހައިރާކުރުވަނިވި ތަރިތަކެކެވެ.
ރެދަން ނުވަތަ ބަޔޯލުމިނަސަންސް އަކީ މޫދުގައި ދިރިއުޅޭ ޕްލޭންކްޓަންސް ނަމަކަށް ކިޔާ ކުދި ދިރުންތަކެއްގެ ސަބަބުން ދިމާވާ ކަމެކެވެ. ޕްލޭންކްޓަންސް އަކީ އަމިއްލަ ބާރުގައި ފެނުގައި ދަތުރު ނުކުރެވޭ އެއްޗެކެވެ. މިގޮތުން މޫދުގެ އޮޔާއެކު މި ދިރުންތައް ދަތުރު ކުރަމުން އަންނައިރު، ރާޅު ޖަހާ ވަގުތު އުފެދޭ ޕްރެޝަރުގެ ސަބަބުން މި ދިރުންތަކަށް ވެސް ޕްރެޝަރު އައިސް ދިއްލެން މެދުވެރިވެއެވެ. މިގޮތުން ވެސް ދިއްލެނީ ޑައިނޮފްލެޖަލޭޓް ނަމަކަށް ކިޔޭ ޕްލޭންކްޓަން އެކެވެ. މިއީ އޭގެ ޒާތުގައި އަމިއްލައަށް އަލި އުފެއްދުމުގެ ބާރު ލިބިފައިވާ ވައްތަރުގެ ޕްލޭންކްޓަންއެވެ. މިފަދަ ޕްލޭންކްޓަންގައި ޕްރެޝަރު ބޮޑުވާ ވަރަކަށް އަލި އުފެދޭ މިންވަރު އިތުރުވެއެވެ.
2013 ވަނަ އަހަރުގެ ތެރޭގައި ރ. ވާދޫގައި ރެދަންލުންވީ، ދިވެހި ގޮނޑުދޮށްތަކުގެ ވާހަކަ ބޭރުގެ ބޮޑެތި މީޑިއާތަކުގެ ސަމާލުކަމަށް އައިސް، ރާއްޖޭގެ މަޝްހޫރުކަން އިތުރުވި ކަމަކަށެވެ. ދިވެހިންގެ ސަމާލުކަމަށްވެސް މިކަން އައީ އެދުވަސްވަރުއޭ ބުނެވޭނެ ޖާގަ އެބައޮތެވެ.
ސީއެންއެން ފަދަ ދުނިޔޭގެ އެންމެ ބޮޑެތި މީޑިއާތަކުން މިކަމަށް ހާއްސަ ރިޕޯޓުތައްވެސް ޝާއިއު ކޮށްފައިވާއިރު، މިއީ އިޓަލީގެ ފަތުރުވެރިއަކު ވާދޫއަށް ކުރި ޒިޔާރަތެއްގައި ނެގި ފޮޓޯތަކެއް މީސްމީޑިއާގައި އާންމު ކުރުމާ ގުޅިގެން ލިބިގެންދިޔަ ސަމާލުކަމެކެވެ. މިއާއެކު ބައެއް ދިވެހީންނަށް، ރެދަން ބަލާލަން ވާދޫއަށް ނުގޮސް ތިބެވޭ ވަރެއް ނޫނެވެ.
ރާއްޖޭގައި އެންމެ ބޮޑަށް ރެދަންލާ ރަށުގެ ގޮތުގައި ދުނިޔެއަށް ވެސް މަޝްހޫރުވެފައި އޮންނަ ރ. ވާދުއަށް އަނެއްކާވެސް މިއީ ރެދަނުގެ މޫސުމެވެ. މީގެ ދެތިން ދުވަސް ކުރިން ފެށިގެން، ރޭގަނޑުގެ ވަކި ގަޑިތަކެއްގައި ވާދޫގެ ގޮނޑުދޮށް ނޫކުލައިން ދިއްލާލާފައި އޮންނައިރު، މި މަންޒަރު ބަލާލަން ފަތުރުވެރިންނާ އެކި ރަށްތަކުން ވާދުއަށް މީހުން އަންނަނީ ޖަމާވަމުންނެވެ.
ރޭގަނޑުގެ ވަގުތުގައި ވާދޫގެ ގޮނޑުދޮށް އޮންނަނީ ނޫކުލައިގެ އަލިން ދިއްލާލައިފަ އެވެ. އިރުއޮއްސި އަނދިރިވުމާއެކު، އެ ރަށު ގޮނޑުދޮށަށް ބީއްސާލާ ކޮންމެ ރާޅަކާއެކު އެ އަލި ގަދަވެއެވެ. އަދި އިރު އަރަންދެން ރަށުގެ ވަށައިގެންވާ ގޮނޑުދޮށުން ފެންނަނީ މި އަލިކަމެވެ.
ރެދަނަކީ މޫސުމީ ކަމެކެވެ. އަހަރަކު އެއް ފަހަރު ނުވަތަ ދެ ފަހަރު ނޫނީ އެއަށް ވުރެ ގިނައިން ވެސް މި މޫސުން އަތުވެދާނެއެވެ. ވާދޫ ވަށައިގެންވާ ގޮނޑުދޮށުގައި ރެދަން ލީ ނަމަވެސް، މަންޒަރު އެންމެ ރީތިކޮށް ފެންނަނީ އެ ރަށުގެ އިރުމަތީ ފަރާތުންނެވެ. އިރުއޮއްސުމާއެކު ރާޅުފަށުގައި ހުންނަ ނޫކުލައިގެ އަލިކަން ވިދަވިދާ ހުރެއެވެ. އެކަމަކު އެ އަލި އެންމެ ގަދަވަނީ ރާޅު ބީއްސާލާފައި ދަމާލާ ވަގުތުގަ އެވެ. އެ ވަގުތު މުޅި ގޮނޑުދޮށް ފެންނަނީ ނޫކުލައިން ދިއްލިފައިވާތަނެވެ.
ވާދޫގެ މީހުން ބުނާ ގޮތުން، ދެ މޫސުން ބެދޭ ދުވަސްވަރު، އެ އަތޮޅުގެ އެހެން ރަށްތަކުގައި ވެސް ރެދަންލައެވެ. އެކަމަކު ވާދޫ ހާއްސަވެފައިވަނީ އެ ރީތިކަން، އެހެން ރަށްތަކަށް ވުރެ ބޮޑަށް ފެންނާނެތީއެވެ. އެހެންވެ، ޓޫރިސްޓުންގެ މެދުގައި ވެސް ވާދޫ މަޝްހޫރުވެފައި އޮންނަނީ ރެދަންލާ ރަށުގެ ގޮތުގައެވެ. ރާއްޖޭގެ އެހެން ހިސާބުތަކުން ފެންނަ ރެދަނާއި ވާދޫ ގޮނޑުދޮށުން ފެންނަ ރެދަނުގައި ތަފާތުތަކެއް ހުންނަ ކަމަށް ކަމުގެ މާހިރުން ވެސް ވިދާޅުވެއެވެ. ކޮންމެއަކަސް، އަޖައިބުން ފުރިގެންވާ ރެދަން ބަލާލުން ނުވަތަ 'ވިޒިޓިންގް ދަ ސީ އޮފް ސްޓާސް' އަކީ ގިނަ ބައެއްގެ ބަކެޓްލިސްޓުގެ އެންމެ ކުރިން ޖާގަހޯދާފައިވާ އެއް ކަންތައްކަން އެއީ މިއަދު ދެބަސްވެވެން ނެތް ހަގީގަތެކެވެ.
ގުޅުން ހުރި ޙަބަރުތައް
ރައްޔިތުންގެ އިތުބާރު އަދިވެސް ޝަރުއީ ދާއިރާއަކަށް ނެތް
2 އަހަރު ކުރިން
ފުޓް ބޯޅައިގެ ހަޔާތުން ރެޔެއް - އުފަލާއި ހިތާމަ
2 އަހަރު ކުރިން
"ހަދިޔާ ދޭންޖެހޭ" ސަގާފަތް އުފެއްދީ މިދިޔަ ސަރުކާރުން - އެމްއާރުއެމް
2 އަހަރު ކުރިން
ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރަން ޤާނޫނީ ނިޒާމަށް އިސްލާހު ގެނެވިއްޖެ - ފައްޔާޒު
2 އަހަރު ކުރިން