logo

މީހުން ހޯދުމުގެ މަސައްކަތައް އެމެރިކާ އިން ވެސް އެހީތެރިވެދީފީ، ގެއްލުނު މީހުން އަދިވެސް ނުފެނޭ: އެމްއެންޑީއެފް

profile

ރިޟްވާން މޫސާ - 17 އޯގަސްޓު 2026 - 07:38

ފްރެންޑް 4 ދޯނި އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު 3 މީހުން ހޯދުމަށް ދިވެހި ސަރުކާރުގެ އެދިވަޑައިގަތުމަށް އެމެރިކާގެ ސިފައިން ވެސް ހަރަކާތްތެރިވެފައިވާ ކަމަށާއި، ނަމަވެސް މިހާތަނަށް ގެއްލުނު މީހުން ހޯދިފައިނުވާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

https://wamco.com.mv/

މީހުން ހޯދުމުގެ މި އޮޕަރޭޝަނުގައި އެމެރިކާއިން ބޭނުންކުރަނީ އެމެރިކާ ނޭވީގެ ޕީ8 މަތިންދާބޯޓެކެވެ. މިއީ ކަނޑުމަތީގެ ސަރޗް އެންޑް ރެސްކިޔު އަދި ސަރވެއިލަންސަށް ބޭނުންކުރާ ޚާއްޞަ މަތިންދާބޯޓެކެވެ. މި މަތިންދާބޯޓުން އިއްޔެ ވަނީ 6300 އަކަނޯޓިކަލް މޭލުގެ ސަރަޙައްދެއް ބަލައި، މުޅި ހުވަދޫ ކަނޑުގެ ސަރަޙައްދު އެއްކޮށް ބަލާފައެވެ.

މި ހާދިސާ ހިނގިތާ 11 ދުވަސް ފާއިތުވެގޮސްފައި ވާއިރު، ހާދިސާގައި ގެއްލުނު 3 މީހުން ހޯދުމަށް އިއްޔެ ވަނީ ވައިގެ މަގުން 17,220 އަކަ ނޯޓިކަލް މޭލުގެ އަދި ކަނޑުމަގުން 2790.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައެވެ. އަދި އެ ސަރަހައްދުގެ ގޮނޑުދޮށްތަކާއި ފަރުތައް ހިމެނޭހެން 288 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއްވެސް ވަނީ ބަލާފައެވެ.

ފްރެންޑް 4 ދޯނި އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު 3 މީހުން ހޯދުމަށް ހުވަދޫ ކަނޑުގެ ސަރަޙައްދު އެއްކޮށް ވަނީ ބަލައިފަ އެވެ. އެމްއެންޑިއެފް އިން ވިދާޅުވީ މީހުން ހޯދުމުގެ ރެސްކިއު އޮޕަރޭޝަން އަދިވެސް ކުރިއަށްދާ ކަމަށެވެ.

މީގެ އިތުރުން އޮޔާހިނގާދާނެ ކަމަށް ބަލައި، ވަޔާއި ކަނޑުގެ އޮއިވަރަށް ބަލައިގެން އެ މިސްރާބުން ވެސް ހުވަދޫ ކަނޑާއި، ހައްދުންމަތި އަތޮޅުގެ އެ ބިތުގެ ފަރުތަކާއި، ހުވަދުއަތޮޅު އުތުރުބުރީގެ އެ ބިތުގެ ފަރުތައް ވެސް ބަލާފައިވާ ކަމަށެވެ.

މި އޮޕަރޭޝަންގައި ގެއްލިފައިވާ މީހުން ހޯދުމަށް ޓަކައި މޯލްޑިވިއަން އެއަރ ކްރާފްޓްގެ އިތުރުން ދިވެހި އަސްކަރިއްޔާގެ ޓީބީ2 ޑްރޯންސް ވަނީ ބޭނުންކުރެވިފައެވެ. މި ޓީބީ2 ޑްރޯންސްއަކީ އިންފްރާރެޑް ސެންސަރސް ބޭނުންކޮށްގެން ރޭގަނޑު ވެސް ކަނޑުގެ ސަރަޙައްދުގައި އެއްވެސް އެއްޗެއް އޮތް ކަމުގައިވަނީ ނަމަ އެ އެއްޗެއް ދެނެގަތުމުގެ ޤާބިލްކަންހުރި ޑްރޯންސް ކަމުގައިވާތީ، މި ޙާދިސާގައި ގެއްލުނު މީހުން ކަނޑުގެ މަތިން ހޯދުމަށް ޓަކައި ވަނީ ބޭނުންކުރެވިފައެވެ.

މީގެއިތުރުން އޮސްޓްރޭލިޔާއިން ދިވެހި އަސްކަރިއްޔާއަށް ހަދިޔާކުރި މަނަވަރު "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ބޭނުންކޮށްގެން، މި އުޅަނދުގައި ހުރި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ވެސް ގެއްލިފައިވާ މީހުން ހޯދުމަށް ޓަކައި ކަނޑުމަގުން ވަނީ މަސައްކަތް ކުރެވިފައެވެ.

ދޯނި އަޑިޔަށްދިޔަ ވަގުތު ލޭންޑިންގ ކްރާފްޓަކާއި ޕޮލިސް ލޯންޗަކާއި އެމްއެންޑީއެފް ލޯންޗެއް، ދޯންޏާ ވަރަށް ކައިރީގައި އޮތުމާ އެކު ދޯނިން ފުންމާލި މީހުންނާއި ދޯނި ބަންޑުންޖަހާލި ވަގުތު ދޯނިން ނިކުމެވުނު މީހުން ވަނީ އެ ވަގުތު ސަލާމަތްކުރެވިފައެވެ. ދޯނި ވަރަށް ކުއްލިގޮތެއްގައި ބަންޑުންޖަހާލައި އަޑިޔަށް ގޮސްފައިވަނީ ހުވަދޫ ފުން ކަނޑުގެ ތެރެއަށެވެ.

އެހެންކަމުން، މިހާތަނަށް ކުރެވުނު މަސައްކަތްތަކާއި އަދި ދޯނިން ސަލާމަތްވި މީހުންގެ ފަރާތުން ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު މި ދޯނިން ގެއްލިފައިވާ މީހުން ކަނޑުމަތިން ފެނުމުގެ ފުރުޞަތު ކުޑައެވެ. ހުވަދޫ ކަނޑަށް މި ދޯނި ފެތިފައިވާ ސަރަޙައްދު 1600 މީޓަރަށް ވުރެ ފުންވާނެކަމަށް ބެލެވެއެވެ.

މިއީ އިންސާނުންނަށް ޑައިވިންގ ކޮށްގެންދެވޭ ފުންމިނެއް ނޫން ކަމަށް ވެސް އެމްއެންޑީއެފް އިން ވަނީ ހާމަކޮށްފަ އެވެ. އަދި މިއީ ބޭރު ޤައުމުތަކުގެ ކަނޑުގެ އަސްކަރިއްޔާގައި ބޭނުންކުރާ ހަނގުރާމައިގެ ކޮންވެންޝަނަލް އަދި ނިޔުކްލިޔަރ ސަބްމެރިން ވެސް އޮޕަރޭޓްކުރާ ފުންމިނެއް ނޫން ކަމަށެވެ.

https://wamco.com.mv/
tel:+9607331319