logo

ދައުލަތުގެ ބަޖެޓަށް ޓީޖީއެސްޓީގެ އާމްދަނީން ބޮޑު ކުރިއެރުމެއް!

profile

އާމިނަތު ޝަޒްލާ - 15 ޖޫން 2026 - 11:58

ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ މުދަލާއި ޚިދުމަތުގެ ޓެކްސް (ޓީ.ޖީ.އެސް.ޓީ) އަށް ގެނެވުނު ބަދަލުތަކާއެކު، 2026 ވަނަ އަހަރު ދައުލަތުގެ އާމްދަނީއަށް ފާހަގަކޮށްލެވޭ ފަދަ ކުރިއެރުމެއް ލިބިފައިވާކަމަށް މިނިސްޓްރީ އޮފް ފައިނޭންސްއިން ހާމަކޮށްފިއެވެ.

https://wamco.com.mv/

އެ ވުޒާރާއިން ނެރުނު ހަފުތާގެ މާލީ ރިޕޯޓުގައިވާ ގޮތުން، 2026 ޖޫން 4 ގެ ނިޔަލަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ޖުމްލަ 19.1 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 1.8 ބިލިއަން ރުފިޔާ ނުވަތަ 10.1 އިންސައްތައިގެ އިތުރުވުމެކެވެ. މިއީ ރާއްޖޭގެ މައިގަނޑު އިޤްތިޞާދީ ޙަރަކާތްތަކުން ލިބޭ އާމްދަނީ ހަރުދަނާކަމާއެކު އިތުރުވަމުންދާކަން ހާމަކޮށްދޭ ތަފާސްހިސާބުތަކެކެވެ.

ދައުލަތުގެ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކްސްގެ ގޮތުގައި ލިބޭ ފައިސާއެވެ. އެގޮތުން 2025 ވަނަ އަހަރުގެ މި މުއްދަތުގައި ޓެކްސް އާމްދަނީގެ ގޮތުގައި 13.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއަހަރުގެ އެ މުއްދަތުގައި މި އަދަދު ވަނީ 14.8 ބިލިއަން ރުފިޔާއަށް އުފުލިފައެވެ. މިއީ 12.4 އިންސައްތައިގެ ކުރިއެރުމެކެވެ. ފާހަގަކުރެވޭ ގޮތުގައި، ދައުލަތުގެ މުޅި އާމްދަނީގެ 78 އިންސައްތަ ހިއްސާކުރަނީ ޓެކްސްއިން ލިބޭ އާމްދަނީއެވެ.

މި އުފުލުމުގެ މައިގަނޑު ސަބަބަކީ ޓީ.ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ. 2025 ވަނަ އަހަރު 5 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއަހަރުގެ މި މުއްދަތުގައި އެ އަދަދު ވަނީ 6 ބިލިޔަން ރުފިޔާއަށް އަރާފައެވެ. މިއީ 7.6 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެއިތުރުން، އާންމު މުދަލާއި ޚިދުމަތުގެ ޓެކްސް (ޖީ.އެސް.ޓީ) ގެ ގޮތުގައި ލިބުނު އާމްދަނީ ވެސް ވަނީ 2.2 ބިލިޔަން ރުފިޔާއިން 2.5 ބިލިޔަން ރުފިޔާއަށް އިތުރުވެފައެވެ.

ދައުލަތުގެ ޚަރަދުތަކަށް ބަލާއިރު، ޖޫން މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ރިކަރަންޓް އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި ޖުމްލަ 19.2 ބިލިޔަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މިއީ ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 17.6 އިންސައްތަ އިތުރު އަދަދެކެވެ. މަގު ހެދުމާއި، ފާލަން ބިނާކުރުމާއި އަދި އެއާޕޯޓް ތަރައްޤީކުރުން ފަދަ އުމްރާނީ މަޝްރޫޢުތަކަކީ ބަޖެޓުގެ ބޮޑު ބައެއް ހިއްސާކުރާ ކަންކަމަށްވާއިރު، މިއަހަރުގެ މިހާތަނަށް މިފަދަ މަޝްރޫޢުތަކަށް 818.6 މިލިޔަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކުގެ އިތުރުން، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުގެ ސަބަބުން، ސަބްސިޑީތަކަށް ކުރާ ހޭދަ ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން، ޖޫން 4 ގެ ނިޔަލަށް މިދިޔަ އަހަރު ސަބްސިޑީއަށް 1.3 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއަހަރުގެ އެ މުއްދަތުގައި އެ އަދަދު ވަނީ ގާތްގަނޑަކަށް ދެގުނަ އިތުރުވެ، 2.3 ބިލިޔަން ރުފިޔާއަށް އަރާފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk