logo

ބޭރު ފައިސާގެ ރިޒާވް ރަނގަޅުވީ ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން: ވޯލްޑް ބޭންކް

profile

މުޙައްމަދު ފަޟްލޫން - 20 ޖޫން 2026 - 09:11

ސަރުކާރުގެ ހަރުދަނާ އިގްތިސާދީ ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވަށް އުއްމީދީ ބަދަލުތަކެއް އަންނަމުންދާކަން ވޯލްޑް ބޭންކުން ފާހަގަކޮށްފިއެވެ.

https://wamco.com.mv/

ވޯލްޑް ބޭންކުން ދާދިފަހުން ނެރުނު މޯލްޑިވްސް ޑިވެލޮޕްމެންޓް އަޕްޑޭޓް 2026 ރިޕޯޓުގައި، ރާއްޖޭގެ އިގްތިސާދު ހަމަމަގަށް އެޅުވުމަށް ސަރުކާރުން އަޅުއްވަމުންދާ ފިޔަވަޅުތަކުގެ ހެޔޮ ނަތީޖާ ފެންނަމުންދާކަން ވަނީ ބަޔާންކޮށްފައެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ބޭރު ފައިސާ ބޭންކުތަކަށް މާރުކުރަންޖެހޭ ގޮތަށް ބޭރު ފައިސާގެ ގަވާއިދަށް ގެނައި އިސްލާހާއި ، 2024 ވަނަ އަހަރުގެ ފަހުކޮޅު އިންޑިއާގެ ރިޒާވް ބޭންކާއެކު ވެވުނު ކަރަންސީ ސްވޮޕް އެއްބަސްވުމަކީ އިގްތިސާދީ ރައްކާތެރިކަމަށް އެޅުނު މުހިންމު ފިޔަވަޅުތަކެއްގެ ގޮތުގައި އެ ބޭންކުން ސިފަކުރެއެވެ.

އެ ރިޕޯޓުގައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 2026 ވަނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށް ދައުލަތުގެ ރަސްމީ ރިޒާވް ވަނީ 1.3 ބިލިއަން ޑޮލަރަށް އުފުލިފައެވެ.

ހުސްވި އޭޕްރީލް މަހުގެ ނިޔަލަށް ދައްކަންޖެހޭ ދަރަނިތައް އަދާކުރުމަށްފަހު، މެއި މަހުގެ ނިމުމާ ހަމައަށް ރިޒާވްގައި 717.9 މިލިއަން ޑޮލަރު ހުރިކަން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، ސަރުކާރުގެ މާލީ އިޞްލާޙީ ފިޔަވަޅުތަކަށް ތައުރީފުކުރަމުން ވޯލްޑް ބޭންކުން ބުނެފައިވަނީ، ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމާއި ޚަރަދުތައް ކުޑަކުރުމަށް ކުރެވުނު މަސައްކަތުން، 2025 ވަނަ އަހަރުގެ ބަޖެޓް ޑެފިސިޓް (އާމްދަނީއާއި ހަރަދުގެ ފަރަގު) 5.1 ބިލިއަން ރުފިޔާއަށް ކުޑަކުރެވިފައިވާ ކަމަށެވެ.

މިއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާއިރު 4.3 އިންސައްތައެވެ.

ވޯލްޑް ބޭންކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، 2024 ވަނަ އަހަރު ދައުލަތުގެ ބަޖެޓު ޑެފިސިޓް ހުރީ 10.8 ބިލިޔަން ރުފިޔާގައެވެ.

ބަޖެޓު ޑެފިސިޓް ކުޑަކުރުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ދައުލަތުގެ ޚަރަދުތައް ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން (ޖީޑީޕީ) 37.1 އިންސައްތައަށް ވަނީ ތިރިކުރެވިފައެވެ.

މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 8.3 އިންސައްތައިގެ ދަށްވުމެކެވެ.

މީގެ އިތުރުން، ދައުލަތަށް ލިބުނު އާމްދަނީ ޖީޑީޕީގެ ނިސްބަތުން 33 އިންސައްތައަށް އިތުރުވެފައިވާއިރު، މިއީ 12.0 އިންސައްތައިގެ ކުރިއެރުމެކެވެ.

ހަމައެއާއެކު، ސަރުކާރުން އަދާކުރަންޖެހޭ މާލީ އިލްތިޒާމުތަކުގެ ތެރޭގައި ހިމެނޭ ސުކޫކު ފައިސާއާއި، ސްޓޭޓް ބޭންކް އޮފް އިންޑިއާ، އެސްބީއައި އަށް ދައްކަންޖެހޭ ފައިސާގެ އިތުރުން، ކަރަންސީ ސްވޮޕްގެ ދަށުން ދައްކަންޖެހޭ ފައިސާ ދިވެހި ސަރުކާރުން ބަރާބަރަށް އަދާކޮށްފައިވާކަން ވެސް އެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk