
ޝަހީދުންގެ ދުވަސް: ޝަހީދުންވި ޤުރުބާނީގެ ޒިކުރާ އައުކޮށް ހިތްވަރު ލިބިގަންނަންވީ ދުވަސް!
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 31 ޖެނުއަރީ 2025 - 06:00
މިއަދަކީ ގައުމީ ފެންވަރުގައި ފާހަގަކުރާ ދިވެހިރާއްޖޭގެ ޝަހީދުންގެ ދުވަހެވެ. ޝަހީދުންގެ ދުވަސް ފާހަގަކުރަނީ ގައުމަށްޓަކައި ޝަހީދުވެ ގޮސްފައިވާ ގައުމީ އަބްޠާލުންގެ ހިދުމަތްތަކުގެ ހަނދާން އައުކޮށް، އެ އަބްޠާލުންގެ ޒިކުރާ އާލާކުރުމަށެވެ.
މިދުވަސް ނިސްބަތްވެގެންވަނީ އިސްލާމްދީނާއި ޤައުމުގެ ދިފާޢުގައި ޕޯޗްގީޒުންނާ ހަނގުރާމަ ކުރައްވައި ޢަލީ ރަސްގެފާނު ޝަހީދުވެވަޑައިގެންނެވި ދުވަހަށެވެ. އެއީ ހިޖުރައިން 965 ވަނަ އަހަރުގެ ޝަޢުބާން މަހުގެ 1 ވަނަ ދުވަހެވެ.
ޝަހީދުންގެ ތެރެއިން ފާހަގަކޮށްލެވޭ ބައެއް ޝަހުސިއްޔަތުުން:
ޝަހީދުންގެ ދުވަސް ނިސްބަތްވާ ބަޠަލް
ނަންފުޅު: އައްސުލްޠާނު ޢަލީ (6 ވަނަ.)
ކޮލީ ނަންފުޅު: ސިރީ އައުދަ ސިއާކަ ކައްތިރި ބަވަނަ މަހާރަދުން.
ބައްޕާފުޅު: ޔަމަންކަރައިގެ އައްސައްޔިދު ޢަބްދުއް ރަޙުމާނު ދޮށިމޭނާކިލެގެފާނު. (އަލްވަޒީރުލް އަޢުޡަމް ޢަބްދުއްރަޙުމާނު)
މަންމާފުޅު: އަރިއަތޮޅު ފެރިދޫ ސިއްތި ކަނބައިދި ކިލެގެ
ބޭފުޅުން: ސިއްތި މާވާ ރަނިކިލެގެފާނު، ކުޑަކަމަނާފާނު، ކުޑަކަލާފާނު.
ރަސްކަމަށް އިސްވެވަޑައިގަތީ: 965ހ. ވަނަ އަހަރު (1558މ.)
ރަސްކަންކުރެއްވި މުއްދަތަކީ: 2 މަހާއި 15 ދުވަސް
ތާރީޚުގެ ތެރެއިން ބައެއް ޝަހީދުންގެ މަޢުލޫމާތު:
އަލިތަކުރުފާނު:
ނަންފުޅު: އަލިތަކުރުފާނު
ބައްޕާފުޅު: ބާރަށު ކަޅުޙަސަން ކަލޭގެގެފުތް އުތީމު ކަޅުޢަލިޚަޠީބު ތަކުރުފާނުގެ ޙުސައިން ޚަޠީބު ތަކުރުފާނު.
މަންމާފުޅު: މާރަންދޫ ކަމަނާ(މާރަންދޫ ތޭރަވާ މުދިންކަލޭގެ ކިއުނު ބޭކަލެއްގެ ދަރިކަބަލެއް)
ޝަހީދުކުރެވުނު އަހަރަކީ ހިޖްރައިން 980 ވަނަ އަހަރުގައެވެ.
އުތީމު އަލިތަކުރުފާނަކީ، ޕޯޗްގީޒުންގެ އަތްދަށުން ރާއްޖޭގެ މިނިވަންކަމާއި ދީން ސަލާމަތްކުރުމަށް އުތީމު ތިންބެއިން ކުރި ވަރުގަދަ ހަނގުރާމައިގައި ޝަހީދުވި ފުރަތަމަ ބަޠަލެވެ.
ކަނބާ ޢާއިޝާ ރަނިކިލެގެފާނު:
ބައްޕާފުޅު: އައްސުލްޠާނު ކަޅު މުޙައްމަދު ރަސްގެފާނު
މަންމާފުޅު: ބުރެކިރަނިން
ކައިވެނިފުޅު ބައްލަވައިގަތީ: އައްސުލްޠާނު ޢަލީ 6 ވަނަ (ޢަލީރަސްގެފާނު).
ބޭފުޅުން: ސިއްތިމާވާ ރަނިކިލެގެފާނު
ޝަހީދުވެވަޑައިގަތީ އުތީމު މުޙައްމަދު ތަކުރުފާނާ ސިއްތިމާވާ ރަނިކިލެގެފާނު ކައިވެނިފުޅު ބައްލަވައިގަތުމަށްފަހު، އުތީމު ތިން ބެއިންގެ ޢާއިލާގެ ބޭފުޅުން މަލިކަށް ފޮނުއްވެވުމުގައި، ސިއްތިމާވާ ރަނިކިލެގެފާނު ބާރަށުން ފުރާވަޑައިގެންނެވި ހާދިސާގައި، ހިތްވަރުފުޅާއެކީ އެކަމަނާ ޕޯޗުގީޒުންނާ ހަނގުރާމަ ކުރައްވަނިކޮށެވެ. ކަނބާ ޢާއިޝާ ޝަހީދުވެވަޑައިގަތީ ޕޯޗުގީޒު އޮފިސަރެއްގެ ކަނޑިން އެކަމަނާގެ ހަށިކޮޅާ އިސްތަށިފުޅު ވަކިކޮށްލައިގެންނެވެ. ވަޅުފުޅުލެވިފައިވަނީ ބާރަށު އާސާރީ މިސްކިތުގެ ކައިރީގައެވެ.
ކަލާފާނު:
ނަންފުޅު: އައްސުލްތާން އިބްރާހީމް ކަލާފާނު.
ކޮލީ ނަންފުޅު: އައްސުލްތާން އިބްރާހީމް ސިރީ ސުއްދަ ސުވަރުދަ މަހާރަދުން.
ބައްޕާފުޅު: އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް (ބޮޑު ތަކުރުފާނު).
މަންމާފުޅު: މަޝްހޫރު ބޯށިވަލު ބުޅާ ފާޠިމާގެ ރެހެންދި ގޮއްޔެ.
ރަސްކަމަށް އިސްވެވަޑައިގަތީ: 1585މ ވަނަ އަހަރު (993ހ.)
ރަސްކަންކުރެއްވީ: 24 އަހަރާއި 2 މަސްދުވަސް.
ޝަހީދުވެވަޑައިގަތީ: 1017ހ. ވަނަ އަހަރުގެ ޝައްވާލު މަހުގެ 28 ވީ ބުދަ ދުވަހުއެވެ. (1609މ.)
ޝަހީދުވެވަޑައިގަތީ ހޮޅީންގެ ބަޔަކު ދިވެހިރާއްޖެއާ ދެކޮޅުވެރި ވުމުންއެބައިމީހުންގެ ކިބައިން ސަލާމަތްވުމަށްޓަކައި ކުރެވުނު ހަނގުރާމައިގެ ތެރޭގައެވެ. ފަސްދާނުވެޑުވިފައިވަނީ ހަންޏާމީދޫގައެވެ.
އަލިރަސްގެފާނުގެ ޖިހާދުން ހިތްވަރު!
ތާރީޚީ ލިޔުންތަކަށް ބަލާއިރު، މުޙައްމަދު އިބްރާހީމް ލުޠުފީ ލިޔުއްވާފައިވާ ގޮތުގައި، އަލިރަސްގެފާނު ރަސްކަން ކުރައްވާތާ ދެ މަހާ ފަނަރަ ދުވަސްވީތަނާ ޕޯޗުގީޒުންގެ ބަޔަކު ދިވެހިރާއްޖެއާ ދިމާކޮށްލިއެވެ. ވަރަށްގިނަ ނައުތަކެއްގެ މައްޗަށް އެކުލެވިގެންއައި މި ލަޝްކަރުގެ ވެރިޔަކަށްހުރީ އަނދިރިއަނދިރިން ކިޔާ މީހެކެވެ. ތާރީހީ ލިޔުންތަކުގައިވާ ގޮތުން މިއީ ދިވެހިރާއްޖެއާ ހަމަލާދިން ޕޯޗުގީޒުންގެ ތިންވަނަ އަދި އެންމެ ބޮޑު ލަޝްކަރު ވެސް މެއެވެ.
މާލެއާއި ދިމާލަށް އައި ޕޯޗުގީޒުން، މާލޭގެ ބޭރު ބަނދަރުގައި ތިބެގެން މާލެއަށް ބޮޑު ބަޑިން ހަމަލާދޭން ފެށުމުން މާލޭންވެސް ރައްދު ޖަވާބު ދިނެވެ. އަދި ދުޝްމަނުން މާލެ އެރުމަށް ކުރަމުން ގެންދިޔަ މަސައްކަތަށް ދިވެހިން ހުރަސް އަޅަމުން ގެންދިޔައެވެ. ހަނގުރާމައިގެ ދުވަސްތައް ދިގުވަމުން ދިޔަވަރަކަށް ދުޝްމަނުންގެ ފޯރިކުޑަވެ، އެމީހުން އަތުގައިހުރި ކާބޯ ތަކެއްޗާއި، ބަޑިބޭހާއި އުންޑަ މަދުވިއެވެ. އަދި ހަމަ މިގޮތަށް ދިވެހި ލަޝްކަރުގެ ތެރޭގައިވެސް ދެކޮޅުވެރިކަމާ ހަމަނުޖެހުން އުފެދެމުން ދިޔައެވެ. އެއްބަޔަކަށް ފެނުނީ ހަނގުރާމަ ހުއްޓައި އަމާންދޭށެވެ. އަނެއް ބަޔަކަށް ފެނުނީ ހަނގުރާމަ ކުރުމަށެވެ.
މި ނުރައްކާތެރި ދަނޑިވަޅުގައި މާލޭގެ ދިފާއުގެ މުހިންމު ތަނެއް ކަމުގައިވާ ބޮޑު ބުރުޒުގެ ވެރިޔަކަށް ހުރި ބ. އަތޮޅު އޭދަފުށީ ޙަސަން ވަތަބަނޑޭރި ތަކުރުފާނު ދުރުވެ ކީރިތި މަހާރަދުންނަށް ދެންނެވި ކަމަށްވަނީ، ދުޝްމިނުން ޖެހި ކޮންމެ އުންޑައަކަށް ބޮޑު ކޯއްޓޭ ބުރުޒުން އޭނާ އުންޑައެއް ޖަހާނެ ކަމަށެވެ. އަދުއްވުންގެ އުންޑައަކުންޖެހި ހުދު އޭނާ މަރުވެއްޖެކަން، ދެން ތިބި ހަތަރު މީހުން އައިސް ރަދުންގެ އަރިހުގައި ނުދަންނަވަނީސް އަމާން ނުދެއްވުމަށެވެ.
ބަޣާވާތްކުރަން ތައްޔާރަށްތިބި ބަޔަކު އައިސް ރަދުންގެ އަރިހުގައި ދެންނެވިކަމަށްވަނީ ރަދުންގެ އަމުރުފުޅެއްނެތި ބޮޑު ކޯއްޓޭ ބުރުޒަށް ކޮންމެވެސް ބަޔަކު އަމާން ދިދަ ނެގި ކަމަށެވެ. ދެން ދުޝްމަނުންގެ ބަޑީގެ އަޑާއެކު ރަދުންނަށް އިވިވަޑައިގަތީ މާލޭގެ ހުޅަނގު އުތުރުކޮޅަށް ޕޯޗުގީޒުން ފޭބި ހަބަރެވެ.
ފަތިސްވީއިރު އެމީހުންގެ ބަޑިތަކާއި ސިލޭހަތައް ހިފައިގެން މާލޭގެ ހުޅަނގު އުތުރު ފަރާތު އަތިރިއަށް ޕޯޗުގީޒުން ފައިބައިފިއެވެ. އަލިރަސްގެފާނު އެމީހުންނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ލަޝްކަރީންނާއިގެން ނިކުމެވަޑައިގެންނެވިއެވެ. ދެކޮޅުވެރި ޕޯޗުގީޒުންނާ ހަނގުރާމަކުރެއްވުމަށް ކުރިމަތިލެއްވި ދިވެހި ލަޝްކަރުގެ ވެރިޔަކަށް ހުންނެވީ ހަމަ ސީދާ، އަލިރަސްގެފާނެވެ. ދިވެހިންގެ ލަޝްކަރުގެ ފަހުލަވާނުން ޝަހީދުވަމުން ގޮސް، އެންމެ ތިން މީހުންނަށް ވީއިރުވެސް އަލިރަސްގެފާނު ހުންނެވީ އެ ސާބިތުކަންމަތީގައެވެ. ރަސްގެފާނު ކަނޑި އައްޑަނަ ހިއްޕަވައިގެން ލަޝްކަރީންގެ ވެރިއެއްގެ ގޮތުން ކުރީގައި ހިންގަވައިފައި އީދު މިސްކިތާ ހަމައަށް ވަޑައިގެން، އެނބުރި ފަހަތް ބައްލަވައިލެއްވިއިރު، ބޮޑުވަޒީރާ، ޚާދިމުންކުރެ އެކަކު ނޫން އެހެން އެންމެން ފިލައިގެން ހިނގައްޖެއެވެ. ދެން ރަސްގެފާނު އެ ދެމީހުންނާއިގެން ދުޝްމަނުންގެ ކުރިމައްޗަށް ނުކުމެވަޑައިގެން މީގެ ތިން ބޭފުޅުން ކަނޑިއާ އައްޑަނަ ހިއްޕަވައިގެން ޙަމަލާ ދެއްވިއެވެ.
ޕޯޗުގީޒުންގެ ލަޝްކަރުން ބަޑި ޖަހަން ފެށިއެވެ. ޖެހި ބަޑީގެ އުންޑަތަކުން ރަސްގެފާނާއި، ރަސްގެފާނުގެ އަރިހުގައި ތިބި އަނެއް ދެކަލުންވެސް ޝަހީދު ވެއްޖެއެވެ. މިބޭފުޅުން ޝަހީދުވެ ވަޑައިގެންފައިވަނިކޮށް ފެނިގެން އެ ތިން ބޭފުޅުން އަވަހާރަވެފައި ތިއްބެވި ތަނުގައި ފަސްދާނުލީއެވެ. އެއަށްފަހު، ޕޯޗުގީޒުންގެ ޓާގެޓަކަށްވީ ބާކީ ހުންނެވި ހަމައެކަނި ދިވެހި ފަހުލަވާނެއެވެ. ދިވެހީން އަބަދަށްޓަކައި އެ ރަސްގެފާނަށް ޝުކުރާ ތައުރީފު ކުރާނޭ، ގަދަފަދަ ޢަލީ ރަސްގެފާނު ޝަހީދުކުރުމަށްފަހު ޕޯޗުގީޒުންގެ މީހުން މާލޭގެ މައްޗަށް ވެރިވެގަތެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންގެ އިތުބާރު އަދިވެސް ޝަރުއީ ދާއިރާއަކަށް ނެތް
2 އަހަރު ކުރިން

ފުޓް ބޯޅައިގެ ހަޔާތުން ރެޔެއް - އުފަލާއި ހިތާމަ
2 އަހަރު ކުރިން

"ހަދިޔާ ދޭންޖެހޭ" ސަގާފަތް އުފެއްދީ މިދިޔަ ސަރުކާރުން - އެމްއާރުއެމް
2 އަހަރު ކުރިން

ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރަން ޤާނޫނީ ނިޒާމަށް އިސްލާހު ގެނެވިއްޖެ - ފައްޔާޒު
2 އަހަރު ކުރިން