logo

އެކަނިވެރި ބެލެނެވެރިންގެ ހާލަތު، ހައްގު، ނުހައްގު އިނާޔަތުގެ ބަހުސް

profile

ޝަހްޒާ މުޙައްމަދު - 27 ޑިސެމްބަރު 2025 - 15:02

އެކަނިވެރި މައިން، އެކަނިވެރި ބަފައިން، އެކަނި ކުދިން ބަލާ ފަރަތްތައް މިއީ މިދުވަސްކޮޅު އެންމެ ގިނައިން ބަހުސްކުރެވޭ މައުޟޫއެއްގެ އަސާސެވެ. ދިވެހި މުޖުތަމަޢުގެ ތެރޭގައި އެކަނި ދަރިން ބެލުމުގެ ޒިންމާ ނަގަން ޖެހޭ ބެލެނިވެރިން މަދެއް ނޫނެވެ. އެކަނި ދަރިން ބަލަހައްޓާ މައިންނާއި ބަފައިންނަކީ، މުޖުތަމަޢުގައި ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ފަރާތްތަކެކެވެ. ދަރިން ބަލައި ބޮޑުކުރުމުގެ ބުރަ އުފުލުމުގެ އިތުރުން، މާލީ ދަތިކަމާއި، އިޖުތިމާޢީ އެކަހެރިކަމުގެ ހިތްދަތި ތަޖުރިބާތައްވެސް އެފަރާތްތަކަށް ކުރިމަތިވެއެވެ. މިފަދަ ހާލަތްތަކުގައި، ދައުލަތާއި މުޖުތަމަޢުގެ އެހީތެރިކަމާއި، އެއްބާރުލުން އެފަރާތްތަކަށް ވަރަށް ބޮޑަށް ބޭނުންވެއެވެ. މިފަދަ ބޭނުންތަކަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެކަނި ދަރިން ބަލަހައްޓާ ބެލެނިވެރިންނަށް ސަރުކާރުން ދެމުން އަންނަ މާލީ އިނާޔަތް ބޮޑުކުރުމަށް ނިންމަވާފައެވެ. މިއީ އެފަރާތްތަކުގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނެސްދޭނެ މުހިންމު ފިޔަވަޅެކެވެ.

https://wamco.com.mv/

އެކަނި ދަރިން ބަލަހައްޓާ މައިންނާއި ބަފައިންނަށް ސަރުކާރުން ދެމުން އަންނަ މާލީ އިނާޔަތް ބޮޑުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކެމްޕޭން ވަޢުދެކެވެ. މީގެ ކުރިން ކޮންމެ ކުއްޖަކަށް ދެމުން އަންނަ 1,000 ރުފިޔާގެ އެލަވަންސް، އަންނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ކޮންމެ ކުއްޖަކަށް 3,000 ރުފިޔާއަށް ބޮޑުވެގެންދާނެއެވެ. މި ބަދަލާއެކު، ހަތަރު ކުދިން ތިބޭ އެކަނިވެރި ބެލެނިވެރިންނަށް މަހަކު 12,000 ރުފިޔާއާ ހަމައަށް މާލީ އެހީތެރިކަން ލިބޭނެއެވެ. މިއީ އެކަނިވެރި ބެލެނިވެރިން އުފުލަންޖެހޭ މާލީ ބުރައަށް ލުޔެއް ހޯދައިދިނުމަށާއި، ދަރިން ތަރުބިއްޔަތު ކުރުމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމަށް ރައީސް ވެވަޑައިގެންފައިވާ ވަޢުދު ފުއްދަވައިދެއްވުމެވެ. މިކަމަށް ބޭނުންވާ ބަޖެޓު އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ވަނީ ހިމަނާފައެވެ.

އެކަނި ކުދިން ބަލާ ފަރަތްތަކުގެ ހާލަތު ދެކެވަޑައިގެން، އެކެކުޅުންތަކަށް ތަސައްލީއެއް ދެއްވުމަށް ރައީސް ޑރ. މުއިއްޒު ނިންމެވި މި ނިންމެވުމަށް ފާޑުކިޔާ ބަޔަކުވެސް އެބަ އުޅެވެ. ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކު މީހުން ދައްކާ ވާހަކަތަކުގެ ތެރޭގައި، " އެކަނި ވެރި މައިނަށް އެހާ ގިނަ ފައިސާ ދިނުމަކީ، ވަރި ގިނަވާނެކަމެއް" ، " އަތުންފައިން މަސައްކަތް ނުކޮށް އެހާ ގިނަ ލާރި ލިބުމަކީ އިންސާފެއް ނޫން" މިފަދަ ހިތްހަރު ބަސްތައް ހިމެނެވެ. ނަމަވެސް ހަގީގަތަކީ، އެއީ ބޭނުންވެގެން ހޯދައިގަންނަ ހާލަތެއް ނޫންކަމެވެ. އެކަނި ކުދިން ބަލާ ބެލެނިވެރިން އެކަން ކުރަނީ ފަސޭހަކަމަކަށް ވެގެން ނޫންކަމެވެ. އެއީ މަޖުބޫރު ހާލަތެކެވެ. އެއީ ވޭން ހުރި، ބުރަ ކަމެކެވެ. ގިނަފަހަރު އެކަނި ކުދިން ބަލާ ބެލެނިވެރިންނަށް، ހާއްސަކޮށް އެކަނިވެރި މައިންނަށް ވަޒީފާތަކަށް ދާން ފުރުތު ނުލިބެއެވެ. ކުދިން މީހަކާ ހަވާލުކުރާނަމަ އެމީހަކަށް މުސާރަދޭންޖެހެއެވެ. އުޅޭ ތަނަށް ކުލިދައްކަން ޖެހެއެވެ. ކުދިންގެ ޚަދަރަދުތަކުގެ ތެރޭގައި އެހެން ކުދިންނެކޭ އެއްގޮތައް މުޖުތަމައުގައި ގެންގުޅުމަށް ކުރަން ޖެހޭ ޚަރަދުތައް ގިނައެވެ. ޓިއުޝަންތަކާއި، ކުޅޭއެއްޗެއްސާއި، ބޭނުންވާ އެހެންކަންކަން ވެސް ކުރަންޖެހެއެވެ. ކޮންމެ ކުޑަކުއްޖަކާއި ކޮންމެ ބެލެނިވެރިއަކީ ވެސް މުޖުތަމައުގައި އަބުރުވެރި، ކަރާމަތްތެރި ދިރިއުޅުމެއް އުޅުމުގެ ހައްގު ލިބެންޖެހޭ ބައެެކެވެ.

އެފަދަ އަސާސީ ބޭނުންތައް ފުރިހަމަ ނުވާ ކުދިން، ނަފްސާނީ، ދަތިތަކާއި ވެސް ކުރިމަތިލާ، ހެދިބޮނޑުވުމާއި ތަރުބިއްޔަތުގައި އެންމެ ފުރިހަމަ ކުދިންނަށް ނުވެގެން ދިއުމަކީ އެކަށިގެންވާކަމެވެ. އެހެންކަމުން އެކުދިންނަށް އަޅާލުމަށް، އެލަވެންސެއް ލިބުމަކީ ހަަމގައިމުވެސް އެކުދިންގެ ދިރިއުޅުމަށް ހެޔޮއަސަރެއް ކުރުވާނެކަމަކަށް ވެގެންދާނެއެވެ.

މިކަމާ ގުޅޭގޮތުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން 2023 ވަނަ އަހަރު ބުނެފައިވާ ގޮތުގައި ރާއްޖޭގައި އެކަނިވެރި މައިން ނިސްބަތް އިތުރުވަމުންދާއިރު، ކުއްޖަކަށް 1000 ރުފިޔާގެ އިނާޔަތަކީ ދިރިއުޅުމުގެ ޚަރަދުތަކާ އަޅާބަލާއިރު އެކަށީގެންވާ އަދަދެއް ނޫނެވެ. ދަރިންނަށް ބޭނުންވާ އަސާސީ ޚަރަދުތަކާއި، ތަޢުލީމީ ޚަރަދުތައް ހަމަޖެއްސުމުގައި އެކަނިވެރި މައިންނާއި ބަފައިންނަށް ދިމާވާ ދަތިކަމަށް ލުއި ހޯދާދޭން މިއީ ވަރަށް ކުޑަ މިންވަރެކެވެ. އެހެންކަމުން، މި އެލަވަންސް ބޮޑުކުރުމަކީ އެފަދަ ފަރާތްތަކަށް ދިމާވާ ތަފާތުކުރުންތަކާއި ގޮންޖެހުންތަކުން ސަލާމަތްވުމަށް ލިބޭ ބާރަކަށް ވެގެންދާނެ ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ. މިއީ ދަރިންގެ ހައްގުތައް ކަށަވަރުކޮށްދިނުމުގެ އިތުރުން، މުޖުތަމަޢުގައި އަންހެނުންނަށް ލިބިދޭންޖެހޭ ގަދަރާއި އިޙްތިރާމް އިތުރުކުރުމަށްވެސް މަގުފަހިކޮށްދޭނެ ކަމެކެވެ. ހައްގު ނުހައްގުގެ ބަހުސްގައި، މިފަދަ އިނާޔަތްތަކަކީ ދަރިން ބަލަހައްޓާ ފަރާތްތަކަށް ހައްގުވާ އެއްޗެއްކަން އިންސާފަށް ލޯބިކުރާ ހިތްސާފުކޮންމެ މީހަކު ވެސް ގަބޫލުކުރާނެއެވެ.

އެކަނިވެރި ބެލެނިވެރިންނަށް ސަރުކާރުން މިފަދަ މާލީ އެހީތެރިކަމެއް ފޯރުކޮށްދިނުމަކީ، އެފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ދަރިންނަށް ހެޔޮ ތަރުބިއްޔަތެއް ދިނުމަށް ލިބޭ ބާރެކެވެ. މިއީ ދިވެހި މުޖުތަމައުގެ ރޫހާއި، އިސްލާމީ އުސޫލުތަކާއި އެއްގޮތަށް ހާލުގައި އުޅޭފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، އެފަދަ ފަރާތްތައް އުފުލަންޖެހޭ ބުރައަށް ލުޔެއް ހޯދައިދީ، ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނެސްދިނުމަށް ސަރުކާރުން ކުރާ މަސައްކަތުގެ މުހިންމު ބައެކެވެ. މިފަދަ ފިޔަވަޅުތަކުގެ ސަބަބުން، މުސްތަގުބަލުގެ ޖީލުތައް ބިނާކުރުމަށް އިތުރު ހިތްވަރެއް ލިބި، ދިވެހިރާއްޖެއަށް އުފާވެރި މުސްތަގުބަލެއް ގެނެސްދިނުމަށް މަގުފަހިވެގެންދާނެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay