logo

ނޯރވޭއިން ފަލަސްތީނާ ރަސްމީކޮށް ސިޔާސީ ގުޅުން ގާއިމްކޮށް، ފަލަސްތީނަށް އެމްބަސެޑަރެއް ކަނޑައަޅައިފި

profile

ސައިފް އަޒުހަރު - 25 އޭޕްރީލު 2025 - 06:48

ނޯރވޭއިން ފަލަސްތީނާއެކު ރަސްމީކޮށް ސިޔާސީ ގުޅުން ގާއިމްކޮށް، ފަލަސްތީނަށް އެމްބަސެޑަރެއް ކަނޑައަޅައިފިއެވެ.

https://wamco.com.mv/

ނޯރވޭ ސަރުކާރުގެ ޚާރިޖިއްޔާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރ އެންޑްރިއާސް މޮޒްފެލްޓް ކްރަވިކް، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނޯރވޭ ސަރުކާރުން ފަލަސްތީނު އެމްބަސެޑަރަކަށް މާރީ އެންޓުއޮނެއްޓަ ސެޑިން މިހާރު އައްޔަން ކޮށްފައިވާ ކަމަށެވެ.

މާރީ އެންޓުއޮނެއްޓަ ސެޑިން އިއްޔެވަނީ، ނޯރވޭގެ ރަސްގެފާނުގެ ކުރިފުޅުމަތީގައި އެމްބަސެޑަރުތަކުގެ ހުވާ ކުރައްވާފައެވެ.

ފަލަސްތީނުގެ މިނިވަން ދައުލަތް ރަސްމީގޮތުން ގަބޫލުކުރުމަށް ނޯރވޭ ސަރުކާރުން ނިންމައި އެކަން އިއުލާން ކޮށްފައިވަނީ މިދިޔަ އަހަރުގެ މެއިމަހުގެ ތެރޭގައެވެ.

ނޯރވޭގެ އިތުރުން، ފަލަސްތީނުގެ މިނިވަން ދައުލަތް ރަސްމީގޮތުން ގަބޫލުރުމަށް، ސްޕެއިނާއި އަޔަރލޭންޑުންވެސް އެދުވަހު އިއުލާން ކުރިއެވެ.

ފަލަސްތީނުގެ މިނިވަން ދައުލަތުގެ ގޮތުގައި އެގައުމުތަކުންވެސް ބަލައިގަތުމަށް ނިންމާފައިވަނީ، 1967 ވަނަ އަހަރު ފަލަސްތީނުގެ ބޯޑަރު އޮތް ހިސާބެވެ. އެއީ، 1967 ގައި އަރަބި ބައެއް ގައުމުތަކާއި އިސްރާއީލާ ދެމެދު ހިނގި 6 ދުވަހުގެ ހަނގުރާމައިގެ ކުރިން އިސްރާއީލަށް ކަނޑައަޅައި ދީފައި އޮތް ބޯޑަރާ ހިސާބެވެ.

އެ ހަނގުރާމައިގައި އިސްރާއީލުންވަނީ ހުޅަނގު އައްސޭރިއާއި، އިރުމަތީ ގުދުސްވެސް ހިފާފައެވެ. އަދި އިރުމަތީ ގުދުސްއަކީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ފަހުން ކަނޑައަޅައި، އަދި ހުޅަނގު އައްސޭރީގެ އެތައް އޭކަރެއްގެ ބިންތަކުގައި ޔަހޫދީ އާބާދީތައް ހަދައި، އިސްރާއީލުގެ މިލްކަކަށް ހަދާފައި ވެއެވެ. ނަމަވެސް، މިއިން އެއްވެސް ކަމެއް އދއާއި ދުނިޔެ ބަލައެއް ނުގަނެއެވެ.

ނޯރވޭގެ ބޮޑުވަޒީރު ޔޮނަސް ގާހް ސްތުރޫ ވިދާޅުވީ، ފަލަސްތީނުގެ މިނިވަން ދައުލަތް ބަލައިގަތުމަށް އެގައުމުން ނިންމީ، މެދުއިރުމަތީގެ މައްސަލައަށް ސުލްހަ ގެނެވޭނެ ހަމައެކަނި ގޮތަކީ ފަލަސްތީނުގެ މިނިވަން ދައުލަތް އުފައްދައިގެން ކަމަށް ގަބޫލުކުރައްވާތީ ކަމަށެވެ.

ސަރަހައްދު، ސުލްހައާއި ސަލާމަތާއި ރައްކާތެރިކަމުގައި ދެމި އޮވެވޭނީ އިސްރާއީލާ ޖެހިގެން ފަލަސްތީނުގެ މިނިވަން ދައުލަތެއްވެސް އޮވެގެން ކަމަށް ނޯރވޭއިން ގަބޫލުރާ ކަމަށާއި، ފަލަސްތީނު މިނިވަން ދައުލަތް ރަސްމީގޮތުން ގަބޫލުކުރުމަށް ނޯރވޭއިން ނިންނީ، ސުލްހައަށް ކުރި އިންވެސްޓްމަންޓެއްގެ ގޮތުގައި ކަމަށްވެސް ބޮޑުވަޒީރު ޔޮނަސް ގާހް ސްތުރޫ ވިދާޅުވިއެވެ.

ފަލަސްތީނަކީ މިނިވަން މުސްތަގިއްލު ގައުމެއް ކަމަށް މިހާތަނަށް ދުނިޔޭގެ 146 ގައުމުން ގަބޫލުކޮށްފައި ވެއެވެ.

ފަލަސްތީނުގެ ބިމަށް ވެރިވެގެންފައިވާ އިސްތިއުމާރީ އިސްރާއީލުން ޣައްޒާއާ ދެކޮޅަށް 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ހަނގުރާމަ ފެށިފަހުން އެކަނިވެސް، 9 ގައުމަކުން ފަލަސްތީނުގެ މިނިވަން ދައުލަތް ގަބޫލުކޮށްފައި ވެއެވެ. އެ ގައުމުތަކަކީ، އަރްމީނިއާ، ސްލޮވީނިއާ، އަޔަރލޭންޑް، ނޯރވޭ، ސްޕެއިން، ބަހަމާސް، ޓްރިނިޑާޑް އެންޑް ޓޮބޭގޯ، ޖަމައިކާ އަދި ބާރބަޑޯސްއެވެ.

ޔޫރަޕްގެ އިއްތިހާދުގެ ގައުމުތަކުގެ ތެރެއިން ސްވިޑަން، ސައިޕްރަސް، ހަންގޭރީ، ޗެކް ރިޕަބްލިކް، ޕޯލެންޑް، ސްލޮވާކިއާ، ރޫމޭނިއާ އަދި ބަލްގޭރިއާއިން ކުރިންވަނީ ފަލަސްތީނުގެ މިނިވަން ދައުލަތް ގަބޫލުކޮށްފައެވެ.

ފަލަސްތީނު މިނިވަން ދައުލަތް، އަންނަ މެއިމަހުގެ ތެރޭގައި ރަސްމީގޮތުން ގަބޫލުކުރާނޭ ކަމަށް ފަރަންސޭސި ރައީސްވެސް ވަނީ ދާދިފަހުން އިއުލާން ކުރައްވާފައެވެ.

ފަލަސްތީނުގެ މިނިވަން ދައުލަތް ގަބޫލުކުރާ ދުނިޔޭގެ ގައުމުތައް އިތުރުވަމުންދާ ވަރަކަށް، އިސްތިއުމާރީ އިސްރާއީލަށް ޕްރެޝަރ ބޮޑުވެ، އިސްތިއުމާރަށް ޖަވާބުދާރީ ކުރުވުމާއި، ދެދައުލަތުގެ ހައްލަށް ދިއުމަށް، ޚާއްސަކޮށް ހުޅަނގުގެ ގައުމުތަކަށް ދަނީ މަޖުބޫރުވަމުންނެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay