
ވީއައިއޭއަށް ޖެއްސި ފްލައިޓުގެ އަދަދު 5.8 އިންސައްތަ އިތުރުވެއްޖެ

އައިޝަތު އިބްރާހިމް - 10 ޖުލައި 2025 - 08:32
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް ޖެއްސި ފްލައިޓްތަކުގެ އަދަދު 5.8 ޕަސަންޓު އިތުރުވެއްޖެއެވެ.
މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހު ވީއައިއޭއަށް ޖައްސާފައިވަނީ 7613 ފްލައިޓެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ޖެއްސީ 7193 ފްލައިޓެވެ. އެހެންކަމުން މިއީ 5.8 އިންސައްތައިގެ އިތުރުވުމެކެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުގައި ވީއައިއޭއަށް އެންމެ ގިނައިން ޖައްސާފައިވަނީ ޝެޑިއުލް ދަތުރުތައް ކުރާ ފްލައިޓުތަކެވެ. އެގޮތުން މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި ވީއައިއޭއަށް ވަނީ ޝެޑިއުލް ދަތުރުތައް ކުރާ 6961 ފްލައިޓް ޖައްސައިފައެވެ. މިދިޔަ އަހަރުގެ ފުރަތަމަ 5 މަސްދުވަހު ޝެޑިއުލްކޮށްގެން ރާއްޖެ އައިސްފައިވަނީ 6523 ފްލައިޓެވެ. މިއީ މިދިޔަ އަހަރަށް ވުރެ 6.7 އިންސައްތައިގެ އިތުރު އަދަދެކެވެ.
ވީއައޭއަށް ޖައްސާފައިވާ ފްލައިޓްތަކުގެ އަދަދު އިތުރުވި ނަމަވެސް ޗާޓާކޮށްގެން އައި ފްލައިޓްތަކާއި ޕްރައިވެޓް ޖެޓްތައް ޖެއްސި އަދަދު ވަނީ މަދުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހު 670 ފްލައިޓު ޖެއްސިއިރު މިއަހަރު ޖެއްސީ 652 ފްލައިޓެވެ. މިއަހަރު ޖެނެރަލް ފްލައިޓް މޫމަންޓްސް ވަނީ ދަށްވެފައެވެ.
ފުލައިޓްތައް ގިނަވި އިރު، ވީއައިއޭއިން އަންނަނީ އެއާޕޯޓުގެ އާ ޑިޕާޗާރ ޓާރމިނަލްވެސް މި މަހުގެ 26 ގައި ހުޅުވާން ތައްޔާރުވަމުންނެވެ.
އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓާމިނަލް ހުޅުވިގެންދާއިރު މި ޓާމިނަލަކީ ޒަމާނީ ފެންވަރުގައި ތަރައްޤީކޮށްފައިވާ ތަނެކެވެ. މި އައު ޓާރމިނަލަކީ އަހަރު 7 މިލިޔަން ފަތުރުވެރިންނަށް ޚިދުމަތް ދެވޭ ފެންވަރުގެ ޒަމާނީ ޓާރމިނަލެކެވެ.