
އެސްޕަރާންސް ތޫނިސް އާއި ޗެލްސީ ވާދަކުރި މެޗުގެ ތެރެއިން
ކުލަބު ވޯލްޑްކަޕް: ފަސޭހަކަމާއެކު އެސްޕަރާންސް ތޫނިސް ބަލިކޮށް ޗެލްސީ ދެވަނަ ބުރުން ޖާގަ ހޯދައިފި

ހަސަން ޝަމްއޫން - 25 ޖޫން 2025 - 04:41
އެމެރިކާގައި މިހާރު ކުރިއަށްދާ ކުލަބު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ޑީގައި މިއަދު ހެނދުނު ޕްރެމިއާ ލީގުގެ ޗެލްސީ އާއި ޓިއުނީޝިއާގެ އެސްޕެރެންސް ތޫނިސް ވާދަކުރި މެޗު ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޗެލްސީ އިން މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ޗެލްސީ ކުޅުނު ފުރަތަމަ މެޗުގައި 2-0 ގެ ނަތީޖާއަކުން ލޮސް އެންޖެލެސް އެފްސީ އަތުން މޮޅުވި ނަމަވެސް ދެވަނަ މެޗުގައި ބްރެޒިލްގެ ފްލެމެންގޯ އަތުން 3-1 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ.
އެސްޕަރާންސް ތޫނިސް ގުރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި ފްލެމެންގޯ އަތުން 2-0 ގެ ނަތީޖާއަކުން ބަލިވި ނަމަވެސް ދެވަނަ މެޗުގައި އެޓީމުން ވަނީ 1-0 ގެ ނަތީޖާއަކުން ލޮސް އެންޖެލެސް އެފްސީ ބަލިކޮށްފައެވެ.
މުޅި މެޗުގައި ވެސް މޮޅަށް ކުޅެ ޗެލްސީ އިން މެޗު ޑޮމިނޭޓްކުރިއިރު، އެޓީމުން މެޗުގެ ލީޑު ހޯދީ ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ތިންވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޓޯސިން އިންއެވެ. މިއީ އެސްޕަރާންސް ތޫނިސްގެ ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމެއްގައި އެޓީމުގެ އެންޒޯ ފެނާންޑޭޒް ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ޗެލްސީ އިން ލީޑު ފުޅާކުރި ލަނޑު ފުރަތަަމަ ހާފުގެ އިތުރުވަގުތުގެ އެންމެ ފަހު މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމާއި އަލަށް ގުޅުނު އިނގިރޭސި ފޯވާޑް ލިއަމް ޑެލަޕް އެވެ. މިއީ އިޕްސްވިޗް ދޫކޮށް ޗެލްސީއާއި ގުޅުނު ފަހުން ޑެލަޕް އެޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.
މިމެޗުގައި ޗެލްސީގެ ތިންވަނަ ލަނޑު ފަހުހާފުގެ އިތުރު ވަގުތުގެތެރޭގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޒުވާން ފޯވާޑް ޓިރިކް ޖޯޖް އެވެ.
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ޗެލްސީއަޢް ހަ ޕޮއިންޓް ލިބިފައިވާއިރު، އެޓީމު ދެވަނަ ބުރުން ޖާގަހޯދީ ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އަދި މިމެޗުން ބަލިވި އެސްޕަރާންސް ތޫނިސް ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ތިން ޕޮއިންޓާއެކު އެޓީމުން މުބާރާތް ނިންމާލީ ގުރޫޕްގެ ތިންވަނައިގައެވެ.