
ޑައިރެކްޓަރ އޮފް ނޭޝަނަލް އިންޓެލިޖެންސް ތުލްސީ ގެބާޑް
އެމެރިކާ އިން ޚަރަދު ކުރާ ނުރައްކާތެރި ބަޔޯލެބް ނެޓްވޯކް ތަކެއްގެ މައުލޫމާތުތައް ލީކުވެއްޖެ!

ރިޟްވާން މޫސާ - 13 ޖޫން 2026 - 06:09
ދުނިޔޭގެ 30 އަށްވުރެ ގިނަ ގައުމެއްގައި ހުރި 120 އަށްވުރެ ގިނަ ބަޔޮލޮޖިކަލް ލެބޯޓްރީއަކަށް އެމެރިކާއިން ދިގު މުއްދަތަކަށް ފަންޑުކުރަމުންދާކަން އެމެރިކާގެ ޑިރެކްޓަރ އޮފް ނޭޝަނަލް އިންޓެލިޖެންސް (ޑީ.އެން.އައި) ތުލްސީ ގެބާޑް ހާމަކުރައްވައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހާމަކޮށްފައިވާ މި މައުލޫމާތުތަކުގެ ތެރޭގައި، އިންޓެލިޖެންސް ރެކޯޑުތަކުގެ ބައެއް ބައިތައް އުނިކުރުމަށްފަހު ހިމަނާފައިވާ ލިޔެކިޔުންތަކާއި މި ލެބޯޓްރީތައް ހުރި ތަންތަން ދައްކައިދޭ ޗާޓުތައް ހިމެނެއެވެ.
މީގެ ތެރޭގައި ޔޫކްރެއިންގައި ހުރި 40 އަށްވުރެ ގިނަ މަރުކަޒު ހިމެނޭއިރު، މީގެ ކުރީގެ ސަރުކާރުތަކުން މި މަޝްރޫއުގެ މަސައްކަތްތައް އާންމުންނަށް ސިއްރުކޮށްފައިވާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
އޮފީސް އޮފް ދަ ޑިރެކްޓަރ އޮފް ނޭޝަނަލް އިންޓެލިޖެންސް (އޯ.ޑީ.އެން.އައި) އިން ބުނާ ގޮތުގައި، މީގެ ތެރެއިން ގިނަ ލެބޯޓްރީތަކަކީ ނުރައްކާތެރި އަދި ފަސޭހައިން ގައިން ގަޔަށް އަރާ ބަލިތައް އުފައްދާ ޖަރާސީމުތަކާ ގުޅޭ ދިރާސާތައް ކުރާ ތަންތަނެވެ. މީގެ ތެރޭގައި ބަހުސް ބޮޑުވެފައިވާ "ގޭން-އޮފް-ފަންކްޝަން" ދިރާސާތައް ވެސް ހިމެނެއެވެ. މިއީ ދިރޭ ތަކެތީގެ ޖީންތަކަށް ބަދަލު ގެނެސް، އޭގެ ބަޔޮލޮޖިކަލް ސިފަތައް އިތުރަށް ވަރުގަދަކުރުމަށް ކުރާ ނުރައްކާތެރި ދިރާސާތަކެކެވެ.
މި ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، ބައެއް މަރުކަޒުތަކުގައި ސޯވިއެޓް ޔޫނިއަންގެ ޒަމާނުގައި ބަޔޮލޮޖިކަލް ހަތިޔާރުގެ ގޮތުގައި ބޭނުންކުރި ޖަރާސީމުތައް ގެންގުޅެފައިވެއެވެ. އަދި އެންތްރެކްސް، އެބޯލާ، މާރްސް (MERS)، ސާރްސް (SARS) އަދި ޕްލޭގް ފަދަ އިންތިހާއަށް ނުރައްކާތެރި ބަލިތައް އުފައްދާ ޖަރާސީމުތަކާ ގުޅޭ ދިރާސާތައް އެ ތަންތަނުގައި ކޮށްފައިވެއެވެ.
ޔޫކްރެއިން އާއި ރަޝިއާއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން، ބައެއް ލެބޯޓްރީތަކުގެ ރައްކާތެރިކަން ގެއްލިފައިވާ ކަމަށް އޯ.ޑީ.އެން.އައި އިން ބުނެއެވެ. މިގޮތުން އެ ތަންތަނަށް ގެއްލުންވުމުގެ ނުވަތަ އެހެން ބައެއްގެ ބާރުގެ ދަށަށް އެ ތަންތަން ދިއުމުގެ ނުރައްކާ އޮތްކަން އެ އިދާރާއިން ފާހަގަކުރިއެވެ.
ގުޅުން ހުރި ޙަބަރުތައް

ސިވިލް ސާވިސްގެ މުއައްޒަފުންގެ ފެންވަރު މަތިކުރަން ދިރާސާއެއް ހަދަން އެބަޖެހޭ: މުޖުތާޒު
ގަޑިއިރެއް ކުރިން

އެމްއައިބީގެ "ވޯލްޑް ކަޕް ފީވާ-ޕްރެޑިކްޓް އެންޑް ވިން"ގައި ބައިވެރިވެގެން ފައިސާގެ އިނާމް
ގަޑިއިރެއް ކުރިން

ބޯކޮށް ވާރޭވެހި މާފަރުގެ 10 ގެއަކަށް ފެންވަދެ ގެއްލުން ވެއްޖެ!
ގަޑިއިރެއް ކުރިން

ދ. މީދޫ ކައުންސިލްގެ ރައީސް ހޮވަން އަލުން ވޯޓުލުން ފަށައިފި
2 ގަޑިއިރު ކުރިން


.gif&w=3840&q=75)