
ލޯކަލް ކައުންސިލް: ވޯޓު ދޭނީ ޤާބިލް މީހާއަށްތަ؟

ޝަހްޒާ މުޙައްމަދު - 16 ޖެނުއަރީ 2026 - 12:57
ކައުންސިލަށް ހޮވާނީ ޕާޓީ މީހުން ހެއްޔެވެ؟ އާއިލީ މީހުން ހެއްޔެވެ؟ މިވެނި ކަމެއްކޮށްދޭނަމޭ ބުނާމީހުންހެއްޔެވެ؟ ނޫނީ ހުރިހާގޮތަކުން، ރަށަށް އެންމެ ފައިދާވާނެ ގޮތަށް، އެންމެ ގަބީލް މީހުންހެއްޔެވެ؟ މިއީ އުފެދެމުންދާ ސުވާލުތަކެކެވެ. ވިސްނާލަން އަދި ފުރުސަތު އެބައޮތެވެެ. އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓިތަކުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މި ހުޅުވިގެންދާއިރު، މި އިންތިހާބަކީ ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް އަނެއްކާ ވެސް ލިބޭ މުހިންމު ފުރުސަތެކެވެ. މި އިންތިޚާބަކީ ރަށްރަށާއި އަތޮޅުތަކުގެ ތަރައްގީގެ ކުރިމަގު ކަނޑައަޅާނެ ފަރާތްތައް ހޮވުމަށް ބާއްވާ އިންތިޚާބަކަށް ވުމާއެކު، ކޮންމެ ރައްޔިތަކުވެސް ފަރުދީ ޒިންމާ އަދާކުރުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. އެންމެ އެކަށޭނަ ކެންޑިޑޭޓުން އިޚްތިޔާރުކުރުމުގައި ބަލަވީ ކޮންކަންކަމަކަށް ހެއްޔެވެ.
ނަޒާހަތްތެރިކަން އިސްކުރުން
އިންތިޚާބެއްގައި ވޯޓުލާއިރު އެންމެ އިސްކަންދޭންޖެހޭ އެއް ކަމަކީ ނަޒާހަތްތެރިކަމެވެ. ނަޒާހަތްތެރިކަމަކީ ހަމައެކަނި ކެންޑިޑޭޓުންގެ ކިބައިގައި ހުންނަންޖެހޭ ސިފައެއް ނޫނެވެ. ވޯޓުލާ މީހާގެ ކިބައިގައިވެސް މި ސިފަ ހުންނަންވާނެއެވެ. އަމިއްލަ އެދުމަށްވުރެ ޤައުމާއި ރަށުގެ މަސްލަހަތު އިސްކޮށް، ތެދުވެރިކަމާއެކު ވޯޓު ދިނުމަކީ ނަޒާހަތްތެރިވުމެވެ. މީގެ އިތުރުން، ކެންޑިޑޭޓުންނަކީވެސް އިޚްލާޞްތެރި، އަމާނާތްތެރި ބަޔަކަށް ވާންޖެހެއެވެ.
ރިޝްވަތާ ދުރުހެލިވުން
2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބަށް ކެންޑިޑޭޓުން ތާއީދު ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، އިންތިޚާބީ ރިޝްވަތުގެ ޢަމަލުތަކުން ދުރުހެލިވުމަށާއި ޑިމޮކްރަސީގެ އަސާސްތަކަށް ޙުރުމަތްތެރިކޮށް ހިތުމަށް ގުޅުން ހުރި އެކި އިދާރާތަކުން ދަނީ އިލްތިމާސްކުރަމުންނެވެ. އިންތިޚާބުތަކުގައި ރިޝްވަތު ދިނުމާއި ހިފުމަކީ ދައުލަތުގެ މުއައްސަސާތަކަށް އޮންނަ އިތުބާރު ގެއްލި، މުޖުތަމަޢަށް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމެކެވެ.
އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 74 ވަނަ މާއްދާގައިވާ ގޮތުން، އިންތިޚާބު އިޢުލާނުކުރާ ދުވަހުން ފެށިގެން ނަތީޖާ އިޢުލާނުކުރާތާ 30 ދުވަހުގެ ނިޔަލަށް، ވޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން އެއްވެސް އެއްޗެއް ދިނުމަކީ ނުވަތަ ދޭން ވަޢުދުވުމަކީ ރިޝްވަތުގެ ކުށެކެވެ. ގާނޫން ބުނާގޮތުން، ކެންޑިޑޭޓަކު އެ ކެންޑިޑޭޓުގެ ޢާންމު ތަޞައްވުރެއް ނުވަތަ ސިޔާސަތެއް ހާމަކުރުން ފިޔަވައި ނުވަތަ އެއިން ސިޔާސަތެއް ނުވަތަ ތަޞައްވުރަކާ ގުޅޭގޮތުން ކެންޑިޑޭޓަކު ޢާންމުކޮށް ވަޢުދުވާ ވުން ފިޔަވައި، ކެންޑިޑޭޓަކަށް ތައީދު ހޯދުމަށްޓަކައި ނުވަތަ އެހެން ކެންޑިޑޭޓެއްގެ އިންތިޚާބީ ޙައްޤަށް ނުރަނގަޅު އަސަރު ފޯރުވުމަށްޓަކައި ވަކި ފަރުދަކަށް ނުވަތަ ޖަމާޢަތަކަށް ނުވަތަ ޢާންމު ފައިދާއަށް، ސީދާގޮތުން ނުވަތަ ނުސީދާ ގޮތުން ވިޔަސް، އެއްވެސް ފައިސާއެއް ނުވަތަ މަންފާއެއް ނުވަތަ އެނޫންވެސް އެއްޗެއް ދިނުން ނުވަތަ އެއްވެސް ބާވަތެއްގެ ޚިދުމަތެއް ފޯރުކޮށްދިނުން ނުވަތަ އެއިންކަމެއް ކޮށްދޭނެކަމަށް ބުނުން. އެފަދައިން ޢަމަލުކުރުން ނުވަތަ ކުރަން އުޅުން އެއީ ރިޝްވަތުދިނުން ނުވަތަ ރިޝްވަތުދޭން އުޅުން ކަމުގައި ބެލެވޭނެއެވެ. ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުމަކީ ފަރުދީ ޒިންމާއެއް ކަމުގައި ދެކި، ރިޝްވަތުގެ އެއްވެސް ހުށަހެޅުމެއް ލިބިއްޖެނަމަ ނުވަތަ ދައުލަތުގެ ވަސީލަތްތައް ނާޖާއިޒު ގޮތުގައި ބޭނުންކުރާކަމުގެ މަޢުލޫމާތު ލިބިއްޖެނަމަ، އެކަން ލަސްނުކޮށް ރިޕޯޓްކުރުމަށް އޭސީސީ އިން ވެސް ވަނީ ވަނީ އެދިފައެވެ. އިންތިޚާބުގެ ނަޒާހަތްތެރިކަން ހިފެހެއްޓުމަކީ ރަށާއި ދާއިރާގެ ތަރައްޤީއަށް ޤާބިލު ބަޔަކު އިންތިޚާބު ކުރުމަށް އޮތް އެންމެ މުހިންމު މަގެވެ.
ކޮރަޕްޝަނާއި ރިޝްވަތަކީ އިންތިޚާބެއްގެ ސައްހަކަން ގެއްލުވާލާ ނުބައި އަމަލުތަކެވެ. ވޯޓު ގަތުމާއި ވިއްކުމަކީ އިސްލާމްދީނުގައިވެސް ނަހީކުރައްވާފައިވާކަމެކެެވ. ރިޝްވަތު ހިފުމާއި ރިޝްވަތަށް އެދުމަކީ މުޖުތަމަޢުގެ އަދުލުވެރިކަން ގެއްލި، ޤާބިލު ނޫން މީހުން މަޤާމުތަކަށް އައުމަށް މަގުފަހިވާ ކަމެކެވެ. އެހެންކަމުން، އެއްވެސް މާއްދީ އެދުމަކަށް ނުވަތަ ފައިސާއަކަށް ބެލުމެއްނެތި، މިނިވަންކަމާއެކު ވޯޓުލުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
ޤާބިލް މީހުން ހޮވުމުގައި ބަލަންވީ ކޮންކަމަކަށް:
ކައުންސިލްތަކަށް ހޮވަންވާނީ އެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭ ޤާބިލް މީހުންނެވެ. ރަށުގެ ތަރައްޤީގެ ޕްލޭންތައް އެކުލަވާލައި، ރައްޔިތުންގެ އަޑު އުފުލޭނެ ދުރުވިސްނޭ މީހުންނަށް އިސްކަންދޭންޖެހެއެވެ. ހަމައެކަނި ވަކި ޕާޓީއަކަށް ނިސްބަތްވީތީ ނުވަތަ ރައްޓެއްސަކަށް ވީތީ ވޯޓު ދިނުމުގެ ބަދަލުގައި، އެމީހެއްގެ ކިބައިގައި ހުރި ހުނަރާއި ޤާބިލުކަމަށް ބަލައިގެން ވޯޓު ދިނުމަކީ ރަށުގެ ކުރިމަގަށް އެޅޭނެ އެންމެ ރަނގަޅު ފިޔަވަޅެވެ.
އާއިލީ ގުޅުންތަކާއި ސިޔާސީ ކަންކަން ވަކިކުރުން
ދިވެހި މުޖުތަމަޢުގައި އިންތިޚާބުތަކާ ދިމާކޮށް އާއިލީ ގުޅުންތަކަށް ބުރޫއެރުމަކީ ހިތާމަވެރި ކަމެކެވެ. ސިޔާސީ ފިކުރު ތަފާތުވުމަކީ އާއިލީ ގުޅުން ކަނޑާލަންޖެހޭ ސަބަބެއް ނޫނެވެ. ވޯޓަކީ އަމާނާތަކަށް ވާއިރު، އާއިލާ މީހަކު ކުރިމަތިލީ ނަމަވެސް އޭނާއަށްވުރެ ޤާބިލް މީހަކު ހުރިނަމަ އެމީހަކަށް ވޯޓު ދިނުމުގެ ހައްޤު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. ސިޔާސީ ކަންކަމަކީ ވަގުތީ ކަމެއް ކަމާއި، އާއިލީ ގުޅުމަކީ ދާއިމީ ކަމެއްކަން ދަނެގެން އަމަލުކުރުން މުހިންމެވެ.
ކެނޑިޑޭޓަކު ހޮވުމުގައި ބަލަންވީ މުހިންމު ކަންކަން
އިންތިޚާބުތަކަކީ ޤައުމެއްގެ ނުވަތަ ރަށެއްގެ މުސްތަޤުބަލު ކަނޑައެޅުމުގައި ރައްޔިތުންނަށް ލިބޭ އެންމެ ބޮޑު ބާރެވެ. ވޯޓުލުމުގެ ހައްޤަކީ އަމާނާތަކަށް ވާއިރު، އެ އަމާނާތް ރައްދުކުރަންވާނީ އެންމެ އެކަށީގެންވާ ފަރާތަކަށެވެ. ކެނޑިޑޭޓަކު ހޮވުމުގައި ބަލަންޖެހޭ މުހިންމު ގިނަ ކަންތައްތަކެއް ހުރެއެވެ.
ތަޢުލީމާއި ތަޖުރިބާ
ކޮންމެ މަޤާމަކީވެސް އެ މަޤާމަކާ ގުޅޭ މަސްއޫލިއްޔަތުތަކެއް އޮންނަ މަޤާމެކެވެ. އެހެންކަމުން، ކުރިމަތިލާފައިވާ ކެނޑިޑޭޓަކީ އެ މަޤާމުގެ ޒިންމާތައް އުފުލޭނެ ފަދަ ތަޢުލީމީ ޤާބިލުކަން ހުރި މީހެއްތޯ ބަލަންޖެހެއެވެ. މީގެ އިތުރުން، މީގެ ކުރިން ކޮށްފައިވާ މަސައްކަތްތަކާއި، ހޯދާފައިވާ ކާމިޔާބީތަކަކީ އެމީހެއްގެ ހިންގުންތެރިކަން ވަޒަންކުރަން އޮތް މިންގަނޑެކެވެ.
އަޚްލާޤާއި ނަޒާހަތްތެރިކަން
ކެނޑިޑޭޓެއްގެ އެންމެ މުހިންމު ސިފައަކީ ތެދުވެރިކަމާއި އަމާނާތްތެރިކަމެވެ. ރައްޔިތުންގެ ފައިސާއާއި މުދަލަށް ރައްކާތެރިވާނެ، އަދި ކޮރަޕްޝަނާއި ރިޝްވަތުން ސަލާމަތްވެފައިވާ މީހަކަށް ވުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. މުޖުތަމަޢުގެ ތެރޭގައި އެމީހެއްގެ އަބުރާއި އިއްޒަތް އޮތް މިންވަރާއި، މީހުންނާ ބާއްވާ ގުޅުމަކީވެސް ބަލަންޖެހޭ ކަންކަމެވެ.
ސިޔާސަތުތަކާއި ތަޞައްވުރު
ކެނޑިޑޭޓަކު ހޮވުމުގައި އެމީހަކު ހުށަހަޅާ މެނިފެސްޓޯ ނުވަތަ ސިޔާސަތުތަކަށް ފުންކޮށް ބަލަންޖެހެއެވެ. އެއީ ހަމައެކަނި ދައްކާ ހުސް ވާހަކަތަކެއްތޯ ނުވަތަ އަމަލީގޮތުން ކުރެވިދާނެ ކަންތައްތަކެއްތޯ ވަޒަންކުރަންވާނެއެވެ. ރަށުގެ ނުވަތަ ދާއިރާގެ މައްސަލަތައް ދެނެގަނެ، އެކަންކަމަށް ހައްލު ހޯދައިދޭނެ ގޮތުގެ ތަޞައްވުރެއް އޮތް ކެނޑިޑޭޓަކަށް އިސްކަންދޭންވާނެއެވެ.
ނިންމުން
އޭޕްރީލް 4 ގައި ބާއްވާ އިންތިޚާބަކީ އަޅުގަނޑުމެންގެ ރަށްރަށުގެ ކުރިމަގު ބައްޓަންކުރުމަށް ލިބޭ ރަން ފުރުޞަތެކެވެ. މި ފުރުޞަތުގެ ބޭނުން ހިފާއިރު، ނަޒާހަތްތެރިކަން އިސްކޮށް، ރިޝްވަތާ ދުރުހެލިވެ، ހަމައެކަނި ޤާބިލު މީހުން ހޮވުމަށް އަޒުމް ކަނޑައަޅަންޖެހެއެވެ. އޭރުން އަޅުގަނޑުމެންގެ މުޖުތަމަޢަކީ އަމާން، ތަރައްޤީވެފައިވާ އަދި އެކުވެރި މުޖުތަމަޢަކަށް ވެގެންދާނެއެވެ. ކެނޑިޑޭޓަކު ހޮވުމަކީ ވަގުތީ ފައިދާއަކަށް ބަލައިގެން ކުރަންވާނެ ކަމެއް ނޫނެވެ. އެއީ މުޅި މުޖުތަމަޢުގެ ލާބަޔާއި މަންފާއަށްޓަކައި ކުރެވޭ ކަމެކެވެ. އެހެންކަމުން، ޤާބިލުކަމާއި، ތެދުވެރިކަމާއި، ހަރުދަނާ ސިޔާސަތުތަކަށް ބަލައިގެން ވޯޓު ދިނުމަކީ ކޮންމެ ރައްޔިތެއްގެ ޒިންމާއެކެވެ.
ގުޅުން ހުރި ޙަބަރުތައް

ދޯނި ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ދެމީހުންގެ ތެރެއިން އެކަކު ފެނިއްޖެ
ގަޑިއިރެއް ކުރިން

އެންސްޕާއިން މިދިޔަމަހު 54 މިލިޔަން ރުފިޔާގެ އެހީ ދޫކުރި
2 ގަޑިއިރު ކުރިން

ހުމާއި ރޯގާއަށް ހާއްސަ ފްލޫ ކްލިނިކެއް އައިޖީއެމްއެޗްގައި ގާއިމްކޮށްފި
2 ގަޑިއިރު ކުރިން
.jpg&w=3840&q=75)
ބޯޓެއް ބަންޑުން ޖަހާލައިގެން ބައެއް ތަކެތި އޮޔާ ދާތީ، ދަތުރުވެރިން ސަމާލުވުމަށް އިލްތިމާސްކޮށްފި
2 ގަޑިއިރު ކުރިން


