logo

ކަހްފު ސޫރަތުގެ ފިލާވަޅުތައް

profile

މުހައްމަދު މުޝްރިފް - 15 ނޮވެމްބަރު 2025 - 11:27

ކީރިތި ޤުރްއާނުގެ މަތިވެރި ސޫރަތެއް ކަމުގައިވާ ސޫރަތުލް ކަހްފު އަކީ، ޒަމާނީ ދުނިޔޭގެ ހަތަރު ބޮޑު ފިތުނައިން ސަލާމަތްވުމުގެ މަގު އަޅުގަނޑުމެންނަށް ދައްކުވައިދޭ ނޫރެކެވެ. މި ސޫރަތުގައިވާ ހަތަރު މުހިންމު ވާހަކަ އަކީ، މީސްތަކުންނަށް އީމާންކަމުގެ އަސާސްތަކާއި، ދުނިޔޭގެ ޙަޤީޤަތްތަކާއި، ޢިލްމުގެ ހަނިކަމުގެ މައްޗަށް ބުއްދީގެ އަލީގައި ވިސްނާލުން މުހިންމު ފިލާވަޅުތަކެކެވެ.

https://wamco.com.mv/

މިސޫރަތުގެ ފުރަތަމަ ވާހަކައަކީ ކަހްފުގެ އަހުލުވެރިން (ހޮހަޅުގެ އަހުލުވެރިން) ގެ ވާހަކައެވެ. މިއީ ޒުވާން ބަޔަކު އެމީހުންގެ އީމާންކަން ރައްކާތެރިކުރުމަށްޓަކައި އަނިޔާވެރިކަމުން ސަލާމަތް ވުމަށް ފިލައިގެން ގޮސް ފަރުބަދައެއްގެ ހޮހަޅުގައި ރައްކާތެރިވެ، 300 އަހަރަށްވުރެ ގިނަ ދުވަހު ނިދާފައި ތިބި ވާހަކައެވެ. މި ވާހަކައިން އަޅުގަނޑުމެންނަށް ލިބޭ އެންމެ ބޮޑު ފިލާވަޅަކީ، ކިތައްމެ އުނދަގޫ ހާލަތެއް ކުރިމަތިވިޔަސް އީމާންކަމުގައި ސާބިތުވުމުގެ މުހިންމުކަމެވެ. މީގެ އިތުރުން، އެތައް ޒަމާނެއް ވަންދެން އެ ބޭކަލުން އެ ގޮތުގައި ތިއްބެވުމަކީ، މިޒަމާނުގެ އިލްމީ ހޯދުންތައް ވެސް ޤަބޫލުކުރާ ވަގުތުގެ ނިޒާމު ބަދަލުކުރެއްވުމުގެ ޤާބިލިއްޔަތު (Time Dilation) ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ލިބިވޮޑިގެންވާކަން ދައްކުވައިދެއެވެ. އެއީ އިންސާނާގެ ޢިލްމުގެ ހަނިކަން ހާމަކޮށްދޭ ކަމެކެވެ.

ދެވަނަ ވާހަކައަކީ ދެ ބަގީޗާގެ ވެރިޔާގެ ވާހަކައެވެ. މިއީ ތަނަވަސްކަން ލިބުނު މީހާ އެކަމުގެ މައްޗަށް ބޮޑާވެ، ޝުކުރުވެރިނުވެ، ނުކިޔަމަންތެރިވުމުގެ ވާހަކައެވެ. މި ވާހަކައިން އަޅުގަނޑުމެންނަށް ލިބޭ ފިލާވަޅަކީ، ދުނިޔެވީ ވަގުތީ ތަނަވަސްކަމަށް ހެއްލި، މާތް ﷲ އަށް ޝުކުރުވެރި ނުވުމުގެ ނުރައްކަލެވެ. އެހެނީ މުދަލާއި މުއްސަނދިކަމަކީ ހަމައެކަނި އިމްތިޙާނެކެވެ. މުއްސަނދިކަން ނެތިދާނެކަމުގެ ޙަޤީޤަތަކީ، އިޤްތިޞާދީ ނަޒަރަކުން ބެލިޔަސް ވަރަށް ސާފު ޙަޤީޤަތެކެވެ. މީސްތަކުންގެ އަމިއްލަ ނަފުސުގެ މައްޗަށް ބޮޑާވެ ތިމާވަރު މީހެއް ނެތްކަން ދައްކަން އުޅުމަކީ، ނިޢުމަތްތައް ޚަލްޤުކުރެއްވި ފަރާތް ހަނދާންނައްތާލުމުގެ އަސްލެވެ.

ތިންވަނަ ވާހަކައަކީ މޫސާގެފާނާއި އަލް-ޚިޟްރުގެފާނުގެ ވާހަކައެވެ. މިއީ އިންސާނާގެ ޢިލްމު ހަނިކަމުގެ މައްޗަށް ހެކިދޭ ވާހަކައެކެވެ. ޚިޟްރުގެފާނު ކުރެއްވި ތިން ކަމަކީ (ނަވެއްގެ ފޫދުއްވާލެއްވުން، ކުޑަ ފިރިހެންކުއްޖަކު ޤަތުލުކުރެއްވުން، ވެއްޓެން ކައިރިވެފައިވާ ފާރެއް ތެދުކުރެއްވުން)، އެކަންކަމުގެ ފަހަތުގައި އޮތް ޙިކުމަތް އެނގިވަޑައިގަތް ހިސާބުން މޫސާގެފާނަށް ސާފުވެވަޑައިގަތް ކަންކަމެވެ. މި ވާހަކައިން ލިބޭ ފިލާވަޅަކީ، އަޅުގަނޑުމެންނަށް ފާޅުވެފެންނަން ހުރި ކަންކަމަށް ބަލައިގެން އެކަނި ގޮތް ނުނިންމޭނެ ކަމެވެ. އެހެންކަމުން ކޮންމެ ކަމެއްގެ ފަހަތުގައި ވެސް ފޮރުވިފައިވާ، ނުފެންނަ ޙިކުމަތެއް (Unseen Wisdom) ވާނެކަން ހަނދާންކުރަން ޖެހެއެވެ.

ހަތަރުވަނަ ވާހަކައަކީ ޛުލް-ޤަރްނައިން (ދެ ދަޢުލަތުގެ ވެރިޔާ) ގެ ވާހަކައެވެ. މިއީ ﷲ ދެއްވި ބާރާއި ވެރިކަން، އަދުލުވެރިކަމާއެކު ބޭނުންކުރެއްވި ބޭފުޅެއްގެ ވާހަކައެވެ. ޔައުޖޫޖުމައުޖޫޖު ބާގައިމީހުންގެ ކިބައިން މީސްތަކުން ސަލާމަތްކުރެއްވުމަށް، އެކަލޭގެފާނު ވަރަށް ވަރުގަދަ ފާރެއް ބިނާކުރެއްވިއެވެ. މިކަމުން ލިބޭ ފިލާވަޅަކީ، ވެރިކަމަކީ ދުނިޔޭގެ ލައްޒަތެއް ނޫން ކަމެވެ. އެހެނަސް އެއީ ﷲ އަށް ޝުކުރުވެރިވުމުގެ ޒިންމާއެއް ކަމެވެ. އަދި ޛުލް-ޤަރްނައިން ބޭނުންކުރެއްވި ދަގަނޑާއި(Iron) ، ލޮއި(Copper) ، ވިރުވުމުގެ އީޖާދަކީ ޢިލްމީ ގޮތުން ވަރަށް ވަރުގަދަ ހުނަރުރުވެރިކަން ދައްކުވއިދޭ ފިލާވަޅެކެވެ. މިއީ ޤުރްއާނަކީ އިޖާދީ ޢިލްމަށް ބާރުއަޅުއްވާ ފޮތެއްކަން ދައްކުވައިދޭ ރަމްޒެކެވެ.

މި ހަތަރު ވާހަކައިން ދުނިޔޭގެ ފިތުނަތަކުން ސަލާމަތްވުމަށް ލިބޭ މައިގަނޑު ހަތަރު ފިލާވަޅަކީ: ހުރިހާ ކަމެއްގައި ﷲ އަށް ބަރޯސާވުމާއި (تَوَكُّلٌ)، ނިޢުމަތް ލިބޭ ހިނދު ޝުކުރުވެރިވުން، އަދި ޢިލްމު އުނގެނުމުގައި ކެތްތެރިވުމުގެ އިތުރުން މުސްތަޤްބަލަށް ނިސްބަތްވާ ކޮންމެ ކަމެއްގައި ﷲ އިރާދަކުރެއްވިއްޔާ (إنْ شَاءَاللَّهُ) އޭ ބުނުމުގެ މުހިންމުކަމެވެ.

ކަހްފު ސޫރަތަކީ ހަމައެކަނި ތާރީޚީ ވާހަކަތަކެއްގެ މަޖްމޫޢައެއް ނޫނެވެ. އެއީ މިއަދުގެ ޢިލްމާއި، ބުއްދީގެ އަލީގައި، އިންސާނާގެ ޙަޔާތުގެ ގޮންޖެހުންތަކުން އަރައިގަތުމަށް މަގުދައްކުވައިދޭ މަންހަޖެކެވެ. މި ސޫރަތުން ލިބިދޭ ފިލާވަޅުތަކަކީ އީމާންކަމުގައި ސާބިތުވުމާއި، ދުނިޔެއަށް ނުހެއްލުމާއި، އަޅުގަނޑުމެންގެ ޢިލްމުގެ ހަނިކަން ޤަބޫލުކުރުމާއި، އަދުލުވެރިވުން ފަދަ މުހިއްމު އެތައް ފިލާވަޅެކެވެ. އެހެންކަމުން، މިފިލާވަޅުތައް އަޅުގަނޑުމެންގެ ޙަޔާތުގައި ބޭނުންކޮށްގެން ކުރިއަށް ދިއުމަކީ ވަރަށް މުހިންމު ކަމެކެވެ. އެއީ ދުނިޔެއާއި އާޚިރަތުގެ ކާމިޔާބަށް މަގުފަހިކޮށްދޭނެ ކަމެކެވެ. މާތް ﷲ އަޅުގަނޑުމެން އެންމެންނަށް، މި މަތިވެރި ފިލާވަޅުތަކުން ޢިބުރަތް ޙާޞިލުކޮށް، އެ ކަންކަމުގައި ސާބިތުވެ ތިބުމުގެ ހެޔޮ ތައުފީޤު ދެއްވައި، ފިތުނަތަކުން ސަލާމަތްކުރައްވާށި! އާމީން.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay