
ޕާކިންގ ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނިޔަލަށް ނިންމަނީ!

ޖިނާން ޙުސައިން ޖަބީން - 13 އޮކްޓޯބަރު 2026 - 11:29
މާލޭގައި ތަރައްގީކުރާ ޕާކިންގ ބިލްޑިންގތަކުގެ މަސައްކަތް، އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމައިލެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އިކޮނޮމިކް މިނިސްޓްރީން ކުރިއަށްގެންދާ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، މާލެ ސަރަހައްދަށް ދިމާވެފައިވާ ޕާކިންގގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް މުހިންމު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އެގޮތުން، ހީނާމާގޭގައި ޕާކިންގ ބިލްޑީންގއެއް އެޅުމަށް ނިންމައި، ކޮންޓްރެކްޓަރާއެކު އެންމެ ފަހުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، ދެވަނަ ބިލްޑިންގގެ މަސައްކަތް ވެސް ބާރަށް ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ސޯސަންމަގުގައި ހުންނަ ގައުމީ ޔުނިވަރސިޓީގެ އިމާރާތާ އިންވެގެން އޮތް ބިމުގައި ވެސް ޕާކިންގ ބިލްޑިންގއެއް ތަރައްޤީކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި މަޝްރޫއުގެ އެންމެ ފަހުގެ މަރުހަލާތައް އިއްޔެ ނިމިފައިވާއިރު، މާ ލަސްތަކެއްނުވެ ކޮންޓްރެކްޓަރަކާ މަސައްކަތް ހަވާލުކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ. ސަރުކާރުގެ އަމާޒަކީ މި 2 ޕާކިންގ ބިލްޑިންގގެ މަސައްކަތް ވެސް އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އެއްކޮށް ނިންމައިލުން ކަމުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު، މާލޭގެ ހަނި ގޯޅިތަކާއި މަގުތަކުގެ ޑިޒައިނަށް ބަދަލު ގެނެސްގެން ޕާކުކުރުމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖެއްސުމުގެ މަސައްކަތް ފަށްޓަވާފައިވާކަން ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އިސްކަންދޭ 4 މަގަކަށް ބަދަލު ގެނައުމަށްޓަކައި ޕްލޭންތައް ކުރެހުމުގެ މަސައްކަތް ހަލުވި ދުވެއްޔެއްގައި ކުރިއަށްދާ ކަމަށެވެ. މި މަސައްކަތް ކުރިއަށްދާނީ ފަންނީ ދިރާސާތަކަށް ބިނާކޮށް، އާންމު ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ވެސް ހޯދައިގެން ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
މާލެ ސަރަހައްދުގެ ޕާކިންގ މައްސަލަ ހައްލުކުރުމުގެ ބޮޑު މަޝްރޫއުގެ ދަށުން، ހުޅުމާލެއާއި ވިލިމާލެ ހިމެނޭހެން ޖުމްލަ 7 ޕާކިންގ ބިލްޑިންގ ތަރައްގީކުރުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ. މި ތަންތަން ނިމުމުން، ހަތަރު ފުރޮޅުލީ އުޅަނދުފަހަރަށް 2،600 އަށްވުރެ ގިނަ ޖާގަ އަދި ދެ ފުރޮޅުލީ އުޅަނދުފަހަރަށް 1،000 ޖާގަ ތަނަވަސްވެގެންދާނެއެވެ.
ގުޅުން ހުރި ޙަބަރުތައް

ބަރު އުޅަނދުފަހަރު ދުއްވުމަށް ވަކި ހާއްސަ ވަގުތުތަކެއް ކަނޑައަޅަނީ
5 ގަޑިއިރު ކުރިން

ޓިކްޓޮކް މެދުވެރިކޮށް އާމްދަނީ ހޯދޭނެ މަގުތައް ފަހިކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި
9 މަސް ކުރިން

ބިދޭސީން، ނުގަވައިދުން ކުރާ ވިޔަފާރިތައް ހުއްޓުވުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު ސައީދު
އަހަރެއް ކުރިން

ބަންކަރިން ހިދުމަތުން މިހާތަނަށް 192 މިލިއަން ރުފިޔާ ލިބިއްޖެ: މިނިސްޓަރ ސައީދު
އަހަރެއް ކުރިން


