
އަނިޔާވެރި މުޖުތަމައެއް ކާމިޔާބަށް ވާސިލުނުވާނެ: ޚުޠުބާ
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 07 ފެބްރުއަރީ 2025 - 10:30
އަނިޔާވެރި އަދި އަރާރުވުންތައް ގިނަ މުޖުތަމައެއް ނަސްރާއި ކާމިޔާބަށް ވާސިލުނުވާނެ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިއްވި ހުކުރު ޚުޠުބާ ބިނާކޮށްފައިވަނީ "މުސްލިމް އަޚާއަށް ހެޔޮކޮށްހިތުން" މިމަޢުޟޫއުގެ މައްޗަށެވެ.
ޚުޠުބާގައި ބުނީ އިސްލާމްދީނަކީ އުޚުއްވަތްތެރިކަމުގެ ދީން ކަމަށާއި އޯގާތެރިކަމާއި، ރަޙުމާއި، ހަމްދަރުދީގެ ދީން ކަމަށެވެ. އެއްވެސް މީހެއްގެ މައްޗަށް އަނިޔާވެރިވުމާއި، ގެއްލުންދިނުމަކީ އެ ދީން ހުއްދަކުރާ ކަމެއްނޫން ކަމަށް ޚުޠުބާގައި ބުންޏެވެ.
ޚުޠުބާގައި ބުނީ މި ރިވެތި އުޞޫލުތަކަށް އިސްލާމްދީން ސަމާލުކަން ދީފައިވަނީ އޭގެ ފަހަތުގައި ސިއްރުތަކެއް ނެތިއެއްނޫން ކަމަށާއި އެހެނީ އިސްލާމީ މުޖުތަމަޢެއް ބިނާކުރުމުގައި އުޚުއްވަތްތެރިކަމާއި، އެއްބައިވަންތަކަމުގެ ދައުރު ވަރަށް ބޮޑު ކަމަށެވެ.
މުޖުތަމަޢުގެ އަފުރާދުންނަކީ އެކަކު އަނެކަކަށް އަނިޔާވެރިވެ، އަރާރުންވާ ބަޔަކުކަމުގައި ވަނީނަމަ، ނަޞްރާއި، ކާމިޔާބީއާ ހަމައަށް ވާޞިލުވުމީ އެ މުޖުތަމަޢަށް އެކަށީގެންވާ ކަމެއްނޫން ކަމަށް ޚުޠުބާގައި ބުންޏެވެ.
ތާރީޚުގެ ފަތްފުށްތަކުން މި ކަން އަހަރެމެންނަށް ރީތިކޮށް ފެންނާން އެބަ ހުރިކަން ފާހަގަކޮށް ޚުޠުބާގައި ބުނީ، އިސްލާމީ އުންމަތުގެ ކުރީކޮޅު މުސްލިމުންނަށް ނަޞްރަކަށް ފަހު ނަޞްރެއް ލިބެމުންދިޔައީ އެބައިމީހުންގެ ހިތުގައި އޮތް އީމާންކަމާއި، އެބައިމީހުންގެ މެދުގައި އޮތް އަޚުވަންތަކަމާއި، އެއްބައިވަންތަކަމުގެ ސަބަބުން ކަމަށެވެ.
އެއަށް ފަހު، އިސްލާމީ އުންމަތް ރޫޅި ބައިބައިވެގެން ދިޔައީ މި ދެންނެވި ކަންތައްތައް މުސްލިމުންގެ މެދުން ފިލައިދިއުމުން ކަމަށް ޚުތުބާގައި ފާހަގަކުރިއެވެ.
އެހެންކަމުން ފެންމަތީ ދެމިގެންދާ ކުނިތަކެއް ފަދައިން ޣައިރު މުސްލިމުންގެ ކުރިމަތީގައި ބާރެއް ނެތް ބަޔެއްގެ ގޮތުގައި އެބައިމީހުން ވެގެން ދިޔައީ ހަމަ އިސްވެ ދެންނެވި ސަބަބުތަކާ ހުރެއެވެ.
މާތް الله ވަޙީކުރައްވައިފައި ވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
"އަދި الله އަށާއި، އެކަލާނގެ ރަސޫލާއަށް ތިޔަބައިމީހުން ކިޔަމަންވާށެވެ! އަދި ދެބަސްވެ އަރައިރުން ނުވާށެވެ! (ދެބަސްވެ އަރައިރުންވާ ނަމަ) ތިޔަބައިމީހުން ފިނޑިވެ، ތިޔަބައިމީހުންގެ ބާރުނެތި ހިނގައިދާނެއެވެ. އަދި ތިޔަބައިމީހުން ކެތްތެރިވާށެވެ! ހަމަ ކަށަވަރުން الله ވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެވެ."
ޚުޠުބާގައި ބުނީ އެއްބައިވަންތަކަމާއި، އަޚުވަންތަކަން ދެމެހެއްޓުމަށް އިސްލާމްދީން ވަރަށް ބޮޑަށް ބާރުއަޅުއްވައިފައިވާ ކަމަށާއި އެ ކަމަށް ހުރަސްއަޅާ ކޮންމެ ކަމެއް މަނާކުރައްވައިފައިވާ ކަމަށެވެ.
އެބައިމީހުންގެ މެދުގައި އެއްބައިވަންތަކަމާއި، އަޚުވަންތަކަން އޮންނާންވީ ގޮތް ބަޔާންކުރައްވައި، ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވައިފައި ވެއެވެ.
"މުއުމިނުން އެއް ބަޔަކު އަނެއް ބަޔަކަށް ލޯބިވެ، ރަޙުމްކޮށް، އޯގާވެރިވުމުގައި އެއުރެންގެ މިސާލަކީ އެއް ހަށިގަނޑުގެ މިސާލެވެ. އެ ހަށިގަނޑުން ގުނަވަނެއްގައި ވޭންއަޅައިފި ނަމަ، މުޅި ހަށިގަނޑު ހޭލައި ހުރުމުންނާއި، ހުންއައުމުގައި އެ ގުނަވަނާ ބައިވެރިވެއެވެ."
އަދިވެސް ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވައިފައި ވެއެވެ.
"ކޮންމެ މުސްލިމަކީ އަނެއް މުސްލިމާގެ އަޚާއެވެ."
މުސްލިމެއްގެ ކިބައިގައި ހުންނަ އުނިކަންތައްތައް ފޮރުވުމާ ބެހޭ ގޮތުން ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވައިފައި ވެއެވެ.
"އަދި މުސްލިމެއްގެ ކިބައިގައި ހުންނަ އުނިކަން ފޮރުވައިފި މީހަކަށް، އެމީހެއްގެ އުނިކަން ދުނިޔެއާއި އާޚިރަތުގައި މާތް الله ފޮރުއްވައިދެއްވާނެތެވެ."
އެއްބައިވަންތަކަމަށް މަގުފަހިކޮށްދޭ ކަންތައްތައް ބަޔާންކުރެއްވި ފަދައިން އެ ކަމަށް ހުރަސްއަޅާ ކޮންމެ ކަމެއް އިސްލާމްދީން މަނާކުރެއްވިއެވެ. އެ ގޮތުން އެކަކު އަނެކަކަށް މަލާމާތްކުރުމާއި، ފުރައްސާރަކުރުން މަނާކުރައްވައި މާތްالله ވަޙީކުރައްވައިފައި ވެއެވެ.
"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ފިރިހެނުންގެ އެއްބަޔަކު އަނެއް ބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ އެ ފުރައްސާރަކުރެވުނު މީހުން މާ ހެޔޮކަން ބޮޑުކަމުގައި ވެދާނެއެވެ. އަދި އަންހެނުންގެ އެއްބަޔަކު އަނެއް ބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުނަށް ވުރެ އެ ފުރައްސާރަ ކުރެވުނު މީހުން މާ ހެޔޮކަން ބޮޑު ބަޔަކުކަމުގައި ވެދާނެއެވެ."
އަދި އެއް ބަޔަކު އަނެއް ބަޔަކަށް ހަޑިހުތުރު ބަސްތަކުން މުޚާޠަބުކުރުން މަނާކުރައްވައި މާތްالله ވަޙީކުރައްވައިފައި ވެއެވެ.
"އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ޢައިބުނުކިޔާށެވެ! (އެބަހީ: އެކަކު އަނެކަކަށް ޢައިބު ނުކިޔާށެވެ!) އަދި އެއް ބަޔަކު އަނެއް ބަޔަކަށް ނުރުހޭ ކަހަލަ ލަޤަބުތަކުން ނުގޮވާށެވެ! އީމާންވުމަށް ފަހު، ފާސިޤުވުމުގެ ނަން ލިބުމަކީ، ހާދަހާ ނުބައިވެގެންވާ ކަމެކެވެ. އަދި (އެ ކަންތަކުން) ތައުބާނުވި މީހާ ދަންނާށެވެ! ފަހެ އެއުރެންނީ ހަމަ އަނިޔާވެރީންނެވެ."
މުޖުތަމަޢުގައި ފެތުރެމުންދާ ދޮގު ޚަބަރުތައް ޤަބޫލުކުރުމާ ބެހޭގޮތުން އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ.
"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ގާތަށް ފާސިޤަކު ޚަބަރަކާއިގެން އަތުވެއްޖެ ނަމަ އޭގެ ދޮގު ތެދު ބަލައި ޙަޤީޤަތް ހޯދާށެވެ! (އެއީ) ނޭނގި ތިބެ ތިޔަބައިމީހުންނަށް ބަޔަކަށް ގެއްލުން ދެވިދާނެތީއެވެ. ފަހެ އެހެން ވެއްޖެ ނަމަ، ތިޔަބައިމީހުން ކުރި ކަންތަކުގެ މައްޗަށް ހިތާމަކުރާ ބަޔަކުކަމުގައި ތިޔަބައިމީހުން ވެދާނެތެވެ."
މުސްލިމުންނާ މެދު ދޮގު ވާހަކަ ދެއްކުމާއި އެފަދަ ވާހަކަ ފެތުރުމަކީ ވެސް މާތް لله މަނާކުރައްވައިފައިވާ ކަމެކެވެ. އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ.
"ތިޔަބައިމީހުންގެ ދޫތަކުން އެ ވާހަކަތައް ލިބިގަންނަމުން ދިޔަ ހިނދުގައެވެ. އަދި ތިޔަބައިމީހުންނަށް އެކަމާމެދު އެނގުމެއްނުވާ ކަންތަކުގެ ވާހަކަ ތިޔަބައިމީހުންގެ އަނގަތަކުން ބުނަމުއެވެ. އަދި اللهގެ ޙަޟްރަތުގައި އެކަންތައް ބޮޑުކަމެއްކަމުގައިވާ ޙާލު، އެއީ ކުޑަ ކަމެއް ކަމުގައި ތިޔަބައިމީހުން ހީކުރަމުއެވެ."
ތިމާގެ އަތާއި ދުލުން މުސްލިމު އަޚާއަށް ގެއްލުން ނުދިނުމަށް އަންގަވައި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވައިފައި ވެއެވެ.
"ފުރިހަމަ މުސްލިމަކީ ތިމާގެ އަތާއި ދުލުގެ ނުބައިކަމުން އެހެނިހެން މުސްލިމުން ސަލާމަތްވެގެންވާ މީހާއެވެ."
ޙައްޤަކާ ނުލައި މުސްލިމުންނާ ދެކޮޅަށް ހަތިޔާރު އުފުލުން މަނާކުރައްވައި ރަސޫލާ z ޙަދީޘްކުރައްވައިފައި ވެއެވެ.
"ތިމަންމެންނާ ދެކޮޅަށް ހަތިޔާރު އުފުލައިފި މީހަކީ ތިމަންމެންގެ ތެރެއިންވާ މީހެއް ނޫނެވެ."
އިސްވެދިޔަ ވާހަކަތަކަށް ވިސްނައިލާއިރު އަހަރެމެންނަށް ހާމަ ވެގެންދަނީ އިސްލާމްދީނުގައި އެ ކަމެއް ކުރުމަށް އަންގަވައިފައިވާ ކޮންމެ ކަމެއް ކުރުމުން އެކަމުގެ ލާބައާއި މަންފާ އޮތީ އަހަރެމެންގެ އަމިއްލަ ނަފުސަށާއި އަހަރެމެންގެ މުޖުތަމަޢަށް ކަމެވެ. އަދި ހަމަ އެހެންމެ މަނާކުރެއްވުނު ކަމަކަށް އަރައިގަތުމުން އެ ކަމުގެ ގެއްލުމާއި ހަލާކުވެސް ހުރީ ހަމަ އަހަރެމެންގެ އަމިއްލަ ނަފުސަށާއި، މުޖުތަމަޢަށް ކަމެވެ. އެހެންކަމުން، اللهއާއި އެކަލާނގެ ރަސޫލާގެ އަމުރުފުޅުތަކަށް ކިޔަމަންވާށެވެ! ކޮންމެ މުސްލިމަކަށް ވެސް އެ މުސްލިމެއްގެ ޙައްޤު އެންމެ ފުރިހަމަ ގޮތުގައި ދޭށެވެ! ތިމާގެ ނަފްސަށް އެދޭ ކަންތައް ތިމާގެ މުސްލިމް އަޚާއަށް ވެސް އެދޭށެވެ! އަނިޔާވެރިކަމުގެ ނުބައި ޢަމަލުން ކޮންމެ މުސްލިމަކު ސަލާމަތްކުރުމަށް އަތާއިއަތް ގުޅުވައި މަސައްކަތްކުރާށެވެ!
އިސްލާމީ އުންމަތަކީ އެއް އުންމަތެކެވެ. ބައިބައިވުމަށް ފުރުޞަތުދޭ އުންމަތެއް ނޫނެވެ. އެބައިމީހުންގެ މިސާލަކީ އެއް ބިނާއެއްގެ މިސާލެވެ. މި އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމްކުރުމީ اللهގެ ޙަޟުރަތުގައި އެބައިމީހުންގެ ދަރަޖަ މަތިވެރިވެގެންދާ ކަމެކެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން