logo

ދިވެހިންގެ އުފާވެރިކަމުގެ އިންޑެކްސް ކަނޑައެޅުމާ ގުޅޭ މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

profile

އާމިނަތު ޝަފާ - 24 ޖުލައި 2024 - 23:50

މިނިސްޓަރ އާދަމް ޝަރީފް

މިނިސްޓަރ އާދަމް ޝަރީފް

ސިޓީތަކާއި އިދާރީ ދާއިރާތަކާއި، އާންމު މަސައްކަތްތަކާއި ބެހޭ މިނިސްޓްރީއާ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާރސިޓީ ގުޅިގެން މިއަދު "އުފާވެރި ރާއްޖެ" އިންޑެކްސް އެކުލަވައިލުމުގެ މަސައްކަތު ބައްދަލުވުން އިސްލާމިކް ޔުނިވާރސިޓީގެ ޖަލްސާކުރާ މާލަމްގައި ބާއްވައިފިއެވެ.

ހެޕިނެސް އިންޑެކްސް (އުފާވެރި ރާއްޖެ އިންޑެކްސް) މަސައްކަތު ބައްދަލުވުން އިފްތިތާޙް ކޮށްދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރުއެވެ.

މި ރަސްމިއްޔާތުގައި އިސްލާމިކް ޔުނިވާރސިޓީ މޯލްޑިވްސްގެ ވައިސް ޗާންސެލަރ ޑރ.ޢަލީ ޒާހިރު ބައިވެރިވެ ވަޑައިގެން މަސައްކަތު ބައްދަލުވުމުގެ ބައިވެރިންނާ މުޚާޠަބް ކުރައްވާ ވާހަކަފުޅު ދެއްކެވިއެވެ.

ހެޕިނެސް އިންޑެކްސް އެކުލަވާލުމުގެ މަސައްކަތު ބައްދަލުވުން ކުރިއަށް ގެންގޮސްދެއްވީ އިސްލާމިކް ޔުނިވާރސިޓީގެ ސެންޓަރ ފޯރ ރިސާރޗް އެންޑް ޕަބްލިކޭޝަންގެ ޑީން ޑރ. އާމިނަތު ޝާފިޔާއެވެ.

މި މަސައްކަތު ބައްދަލުވުމުގެ ފުރަތަމަ ބައްދަލުވުން ޚާއްޞަ ކުރައްވާފައި ވަނީ ސިޓިތަކާއި އިދާރީ ދާއިރާތާކާއި، އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާގެ މުވައްޒަފުންނަށެވެ. ކުރިއަށް އޮތްތަނުގައި މި ފަދަ މަސައްކަތު ބައްދަލުވުންތައް އެކިއެކި މުއައްސަސާތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްގޮތަށް ރާއްޖެވެސް ތަރައްޤީވަމުން އަންނަ އިރު ދިވެހިން ބޭނުންވާ އުފާވެރިކަމާއި، އުންމީދުކުރާ ކަންކަމާއި އަދި ރަށްރަށުގެ ޙާލަތު ދެނެގަނެވޭނެ ގޮތްތަކެއް ހުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި މީގެކުރިން ވަޒީރު ވަނީ ވިދާޅުވެފައެވެ.

މި މަސައްކަތް ކުރިއަށް ގެންދަވާ އިރު ފުޅާ ދާއިރާއެއްގައި ރާއްޖޭގެ ގިނަ ބަޔަކާ މަޝްވަރާކުރެވިގެން އެކުލަވައިލައި އޮނިގަނޑެއްގެ ތެރެއިން ރަށްރަށުގެ ޙާލަތު ރަނގަޅަށް އެނގޭނެ ގޮތަކަށް ތައްޔާރުކުރެވޭ ފްރޭމްވޯރކެއްގެ ތެރެއިން ރަނގަޅު ނަތީޖާ ހޯދާ ރަށްތަކަށް އެވޯރޑް ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ވެސް ސަރުކާރުންވަނީ ނިންމާފައެވެ.

https://wamco.com.mv/
tel:+9607331319