logo

ލާމަރުކަޒީ ނިޒާމާ ގުޅޭ ދިރާސާގެ ނަތީޖާ އާދިއްތަ ދުވަހު އާއްމުކުރަނީ

profile

އާމިނަތު ޝަފާ - 23 އޯގަސްޓު 2024 - 18:24

މިނިސްޓަރ އާދަމް ޝަރީފް

މިނިސްޓަރ އާދަމް ޝަރީފް

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ގެންނަން ޖެހޭ ބަދަލުތަކާ ގުޅޭގޮތުން ހަދަމުން އަންނަ އިލްމީ ދިރާސާގެ ނަތީޖާ އަންނަ އާދިއްތަ ދުވަހު އިއުލާނުކުރައްވާނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މި ދިރާސާ އާދިއްތަދުވަހު އާއްމުކުރުމުން މިކަމާ ގުޅިގެން ވުޒާރާގެ ޓީމުތައް އަތޮޅުތެރެއަށް ދަތުރުފަށާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމަށާއި ލާމަރުކަޒީ ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި މަސައްކަތް ކުރުމަށް ރާވާފައިވާ ގޮތާއި މި މަސައްކަތް ކުރުމުގައި ވުޒާރާއިން މަސައްކަތްތައް ރާވާފައިވާގޮތް ލާމަރުކަޒީ ކޮމިޓީއާ ހިއްސާކުރުމަށާއި އެކަމުގައި ލާމަރުކަޒީ ކޮމިޓީގެ ޚިޔާލު ހޯދުމަށް ވަޒީރު މިފަހުންވަނީ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުތަކާއި ރާއްވަވާފައިވާ ކަންކަން ހިއްސާ ކުރައްވައި ޤައުމީ ޔުނިވަރސިޓީ މެދުވެރިކޮށް ހަދަމުންދާ ދިރާސާއާއި ކައުންސިލްތައް އުމްރާނީގޮތުން ތަރައްޤީ ކުރުމަށް ކުރައްވާ މަސައްކަތްތަކާއި ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ކުރައްވާ މަސައްކަތްތައް ހިއްސާ ކުރައްވާފައިވެއެވެ.

ޤާނޫނުއަސާސީގެ 8 ވަނަ ބާބު ޚާއްޞަކޮށްފައިވަނީ ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުމަށް ކަމަށްވެފައި، ރާއްޖެއަކީ ޤުދުރަތީގޮތުން އަތޮޅުތަކަށް ބެހިފައިވާ ޖަޒީރާ ޤައުމަކަށް ވާއިރު، ޤާނޫނުއަސާސީގެ ޖަދުވަލު 2 ގައި އިދާރީ ދާއިރާތައް ކަމުގައި ބުނެފައިވަނީ އަތޮޅުތައް ކަމަށް ވާތީވެ، ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތް ކުރިއަށްގެންދާއިރު، އަތޮޅު ކައުންސިލްތައް އިތުރަށް ބާރުވެރި ކުރުމުގެ މުހިންމުކަން ވަޒީރު މަޖިލީހުގައި ހިއްސާ ކުރެއްވިއެވެ. އަދި މާލެއިން މީހުން ގެންގޮސްގެން ރަށްރަށުގެ ކަންކަން ކުރުމުގެ ބަދަލުގައި އަތޮޅު ކައުންސިލް ބާރުވެރި ކުރުވަންޖެހޭކަން ފާހަގަކުރައްވައި، އަތޮޅު ކައުންސިލްތަކުގައި ޤާނޫނީ ވަކީލުން، އެލް.ޔޫ.ޕީ ހެދުމާއި އޮޑިޓް ކުރުން ފަދަ ޤާބިލްކަން އިތުރު ކުރުމުގެ މުހިންމުކަން ވަޒީރު ފާހަގަ ކުރެއްވިއެވެ.

ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ވަނީ މަގުޗާޓެއް އެކުލަވާލާފައެވެ.

https://int.etukuri.mv/
tel:+9607331319