
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ---
ރަސްމާލެ މަޝްރޫއު ފަދަ ބިޔަ މަޝްރޫއެއް މި ސަރުކާރަށް ހިންގޭނެ ކަމުގެ ޔަގީންކަމެއް ނެތް: އީވާ

ޖިނާން ޙުސައިން ޖަބީން - 27 ނޮވެމްބަރު 2026 - 10:14
ރަސްމާލެ މަޝްރޫއު ފަދަ ބިޔަ މަޝްރޫއެއް މި ސަރުކާރަށް ހިންގޭނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތް ކަމަށާއި، މި މަޝްރޫއާ މެދު ރައްޔިތުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ މެރީނާ މަޝްރޫއާ ދެކޮޅަށް، އެމްޑީޕީން "އަހާބަލަ" ނަމުގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެއްވުމުގައި ވާހަކަދައްކަވަމުން އީވާ ވިދާޅުވީ، ރަސްމާލެ މަޝްރޫއާ މެދު ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އޭގެ ތެރެއިން ވެސް މައިގަނޑު ދެ ކަންބޮޑުވުމެއް އޭނާ ފާހަގަކުރެއްވިއެވެ.
އީވާ ގޮތުގައި، އެންމެ ބޮޑު ކަންބޮޑުވުމަކީ ސީދާ ރަސްމާލެ މަޝްރޫއާ މެދު އުފެދިފައިވާ ކަންބޮޑުވުންތަކެވެ. ދައުލަތުގެ ބަޖެޓުން މި މަޝްރޫއަށް ބޮޑެތި ހަރަދުތަކެއް ކޮށްފައިވާއިރު، ރާއްޖޭގެ މިހާރުގެ އިގްތިސާދީ ދަތިކަމާއި ޑޮލަރު ލިބުމުގައި ދިމާވެފައިވާ ދަތިތަކަކީ މި މަޝްރޫއަށް ކުރި ހަރަދުތަކުގެ ސީދާ ނަތީޖާކަމަށް އޭނާ ވިދާޅުވިއެވެ.
ދެވަނަ ކަމެއްގެ ގޮތުގައި އީވާ ފާހަގަކުރެއްވީ، ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން މި މަޝްރޫއު ކުރިއަށްގެންދިއުމުގައި އިތުބާރު ނެތް މައްސަލައެވެ. އެގޮތުން، މި ވެރިކަމަށް ތިން އަހަރު ފުރިގެން ދިޔައިރު، އިގްތިސާދީ ގޮތުން ފައިދާހުރި އަދި އުފެއްދުންތެރި އެއްވެސް މަޝްރޫއެއް ހިންގިފައި ނުވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، އީގަލް ހިލްސް ކުންފުންޏަށް ރަސްމާލޭގެ ބިން ދޫކޮށްލުމުގައި އެއްވެސް މިންވަރަކަށް ވެލުއޭޝަނެއް ހަދާފައި ނުވާކަން އީވާ ފާހަގަކުރެއްވިއެވެ. ވިޔަފާރީގެ އުސޫލުން ބެލިނަމަވެސް އެފަދަ ބިމެއް ދޫކޮށްލަންވާނީ އެކަށީގެންވާ ގޮތެއްގައި އަގުކުރުމަށްފަހު ކަމަށާއި، ނަމަވެސް މަޖިލީހަށް ހުށަހެޅި ބިލުން ވެސް މިކަންކަމަށް ރިއާޔަތްކޮށްފައިނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އީވާ އިތުރަށް ވިދާޅުވީ، މި ސަރުކާރަށް މިފަދަ ބިޔަ މަޝްރޫއެއް ކުރިއަށް ގެންދެވޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަމަށެވެ. ސަބަބަކީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް މި ސަރުކާރަށް ނިންމައިދެވިފައި ނުވުމުގެ އިތުރުން، އައު އެއްވެސް މަޝްރޫއެއް މިހާތަނަށް ފެށިފައި ނުވާތީ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ގައުމެއްގެ އެންމެ އަގުބޮޑު އެއްޗަކީ އެ ގައުމެއްގެ ބިން: އާޒިމް
21 ގަޑިއިރު ކުރިން

މިސަރުކާރުން ވައްކަން ފިޔަވައި އިތުރުކަމެއް ނުކުރޭ: މަލީހް
2 ދުވަސް ކުރިން

ރައީސް މުއިއްޒު ބޭނުންވާ ގޮތަށް ގާނޫނު އަސާސީ ބަދަލުކޮށްލައްވައިފި: ނިޝާން
3 ދުވަސް ކުރިން

އިގްތިސާދީ މަސައްކަތްތަކަށްވެސް ރަސްމާލޭގެ ބިން މުހިއްމު: އަލީ ހުސެއިން
3 ދުވަސް ކުރިން


