
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް---
ގައުމެއްގެ އެންމެ އަގުބޮޑު އެއްޗަކީ އެ ގައުމެއްގެ ބިން: އާޒިމް

ޖިނާން ޙުސައިން ޖަބީން - 27 ނޮވެމްބަރު 2026 - 05:57
ގައުމެއްގެ އެންމެ އަގުބޮޑު އެއްޗަކީ އެ ގައުމެއްގެ ބިން ކަމަށާއި، ސަރުކާރުން ރާއްޖޭގެ ބޮޑު ބިމެއް ވިއްކާލާއިރު ރައްޔިތުން ބަލަން ތިބެގެން ނުވާނެ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ މެރީނާ މަޝްރޫއާ ދެކޮޅަށް، އެމްޑީޕީން "އަހާބަލަ" ނަމުގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެއްވުމުގައި ވާހަކަދައްކަވަމުން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، ރައީސް މުހައްމަދު މުއިއްޒު މާލެ ސިޓީގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރު މާލޭގެ ބިންތައް ޕާކިންގ ޖާގަތަކަށް ބަހާލައިގެން ދޫކުރެއްވި ފަދައިން، މިހާރު މުޅި ގައުމުގެ ބިންތައް ބައިބައިކޮށް ބޭރުގެ ފަރާތްތަކަށް ދޫކުރައްވަމުން ގެންދަވާ ކަމަށެވެ.
99 އަހަރުގެ މުއްދަތަކަށް ރިސޯޓެއް ބަޔަކަށް ދިނުމުން ލިބޭ ކުއްޔާއި، ޓެކްސް އަދި ޖުމްލަ އާމްދަނީ އެނގުނު ނަމަވެސް، ރަސްމާލެ މަޝްރޫއުން ގައުމަށް ލިބެނީ ކޮން އެއްޗެއްކަން ސާފުނުވާ ކަމަށް މޭޔަރު އާޒިމް ފާހަގަކުރެއްވިއެވެ. އަދި އިންވެސްޓްމަންޓުގެ ނަމުގައި ގައުމަށް ބޮޑެތި ގެއްލުންތައްދީ، މުޅި ގައުމު ފޭރި ހަލާކުކޮށްލަން އެކި ފަރާތްތައް ގައުމަށް ވެއްދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
އާޒިމް ފާހަގަކުރެއްވި ގޮތުގައި، ހަގީގީ އިންވެސްޓްމަންޓަކީ އަންނަން އޮތް ޖީލުތަކުގެ ލާބަޔާއި މަންފާއަށްޓަކައި ކުރެވޭ ކަންކަމަށް ވީނަމަވެސް، ރަސްމާލެ މަޝްރޫއުގެ ސަބަބުން ރައްޔިތުން އިތުރަށް ބިކަވެ، ނިކަމެތިވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެހެންކަމުން، މި މަޝްރޫއާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުގެ ކުރިން މަޝްރޫއުގެ އެއްބަސްވުމުގެ އެންމެހައި ތަފުސީލުތައް ރައްޔިތުންނަށް ސާފުކޮށް ހާމަކުރަންޖެހޭނެ ކަމަށާއި، ކަންކަން ސިއްރުކޮށްފައި ބާއްވައިގެން އެފަދަ ވޯޓަކަށް ދިއުމަކީ ނުރައްކާތެރި ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މިސާލެއްގެ ގޮތުން އޭނާ ވިދާޅުވީ، ރާއްޖެއަށް ނަސޯރާ ދީން ގެނައުމާ ގުޅޭގޮތުން ފެންނަ ނުފެންނަ ވޯޓެއް ނުނެގޭނެ ފަދައިން، ރައްޔިތުންނަށް ހަގީގަތް ސާފުނުވާ ކަންކަމުގައި ވެސް އެފަދަ ވޯޓެއް ނުނެގޭނެ ކަމަށެވެ. އެހެންކަމުން، މި މަޝްރޫއުން ރައްޔިތުންނަށް ހަގީގަތުގައި ލިބޭނެ މަންފާއެއް ނޭނގި، އޮޅުވާލުމެއްގެ ތެރެއިން އެއްވެސް ނިންމުމެއް ނިންމައިގެން ނުވާނެ ކަމަށާއި، މިކަމުގެ ހުރިހާ ތަފުސީލެއް ފުރިހަމައަށް ހާމަކުރަންޖެހޭ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.
ހަމައެއާއެކު މިއީ ގައުމުގެ މިލްކިއްޔާތުގެ ހަގީގީ ވެރިންނަކީ ރައްޔިތުންކަން ހަނދާންކޮށްދީ، މިފަދަ ކަންކަމުގައި އެންމެހައި ރައްޔިތުން އަޑުއުފުލަންވީ ވަގުތު ކަމަށްވެސް އާޒިމް ވަނީ ވިދާޅުވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

"ރަސްމާލެ މަޝްރޫއު ފަދަ ބިޔަ މަޝްރޫއެއް މި ސަރުކާރަށް ހިންގޭނެ ކަމުގެ ޔަގީންކަމެއް ނެތް"
16 ގަޑިއިރު ކުރިން

މިސަރުކާރުން ވައްކަން ފިޔަވައި އިތުރުކަމެއް ނުކުރޭ: މަލީހް
2 ދުވަސް ކުރިން

ރައީސް މުއިއްޒު ބޭނުންވާ ގޮތަށް ގާނޫނު އަސާސީ ބަދަލުކޮށްލައްވައިފި: ނިޝާން
3 ދުވަސް ކުރިން

އިގްތިސާދީ މަސައްކަތްތަކަށްވެސް ރަސްމާލޭގެ ބިން މުހިއްމު: އަލީ ހުސެއިން
3 ދުވަސް ކުރިން


