logo
ޝަހީދު ހުސައިން އާދަމް ބިލްޑިންގ---

ޝަހީދު ހުސައިން އާދަމް ބިލްޑިންގ---

މިދިޔަ ހަފުތާގައި އެކަނިވެސް މަކަރާއި ހީލަތުން 600،000 ރުފިޔާ ފޭރިގަނެފައިވޭ!

profile

ޖިނާން ޙުސައިން ޖަބީން - 17 ނޮވެމްބަރު 2026 - 13:23

ހުސްވި ހަފްތާގެ ތެރޭގައި އެކި ގޮތްގޮތުން މަކަރާއި ހީލަތުން 6 ލައްކަ އަށް ވުރެ ގިނަ ރުފިޔާ ފޭރިގަނެފައިވާ ކަމަށާއި، އޭގެ ތެރެއިން 4 ލައްކައަށް ވުރެ ގިނަ ރުފިޔާ އަނބުރާ ހޯދައިދެވިފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފިއެވެ.

https://wamco.com.mv/

ފުލުހުން މިއަދު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި ހިނގާ ނޮވެމްބަރު މަހުގެ 8 އިން 14 ގެ ނިޔަލަށް ސްކޭމާ ގުޅުންހުރި 38 މައްސަލައެއް ފުލުހުންގެ އިދާރާއަށް ވަނީ ރިޕޯޓުކޮށްފައެވެ. އެ މުއްދަތުގައި ރައްޔިތުންގެ އަތުން ޖުމްލަ 630,573.34 (ހަ ލައްކަ ތިރީސް ހާސް ފައްސަތޭކާ ހަތްދިހަ ތިން ރުފިޔާ ތިރީސް ހަތަރު ލާރި) ފޭރިގަނެފައިވާއިރު، ފުލުހުން ކުރި މަސައްކަތުން އޭގެ ތެރެއިން 402,658.34 (ހަތަރު ލައްކަ ދެހާސް ހަ ސަތޭކަ ފަންސާސް އަށް ރުފިޔާ ތިރީސް ހަތަރު ލާރި) ވަނީ އަނބުރާ ހޯދައިދީފައެވެ.

ފުލުހުން ހާމަކުރި ގޮތުގައި، މި މުއްދަތުގައި އެންމެ ގިނައިން ހުށަހެޅިފައިވަނީ އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރިތަކާ ގުޅުވައިގެން ހިންގާފައިވާ މަކަރާއި ހީލަތުގެ މައްސަލަތަކެވެ. ރިޕޯޓުކުރި މައްސަލަތަކުގެ ތެރެއިން 13 މައްސަލައަކީ އޮންލައިން ވިޔަފާރީގެ ސްކޭމްތަކެވެ. ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ހުއްދަނެތި އެކައުންޓްތަކުން މުއާމަލާތް ކޮށްފައިވާ މައްސަލަތަކެވެ. އެ ބާވަތުގެ 9 މައްސަލައެއް މި މުއްދަތުގައި ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ.

މީގެއިތުރުން، ގެސްޓްހައުސްތަކާއި ހޮޓާތަކުން ކޮޓަރި ބުކް ކުރުމަށްފަހު، ކުއްލި ސަބަބެއް ދިމާވެގެން ކަމަށް ބުނެ ބުކިންގ ކެންސަލްކޮށް، ފައިސާ އަނބުރާ ހޯދުމަށް (ރީފަންޑަށް) އެދި ހިންގާ ސްކޭމްތައް އަދިވެސް އިތުރުވަމުންދާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މިފަދަ ހާދިސާތަކުގައި ސްކޭމަރުން ބޭނުންކުރަނީ ސައްހަނޫން ފޭކް ޓްރާންސްފަރ ސްލިޕްތަކެކެވެ. ވިޔަފާރިވެރިންނަށް އެކައުންޓަށް ފައިސާ ޖަމާވިތޯ ނުބަލައި ރީފަންޑް ދެވުމުގެ ސަބަބުން، ފައިސާ ނުލިބޭކަން އެނގެނީ މާ ފަހުންނެވެ.

އެހެންކަމުން، މިފަދަ ކަންކަމުން ރައްކާތެރިވުމުގެ ގޮތުން، އެއްވެސް ފަރާތަކަށް ފައިސާ އަނބުރާ ދިނުމުގެ ކުރިން، ބޭންކް އެކައުންޓް ނުވަތަ ބޭންކް ސްޓޭޓްމަންޓް ރަނގަޅަށް ޗެކްކޮށް ފައިސާ ޖަމާވެފައިވާކަން ކަށަވަރު ކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެކައުންޓަށް ފައިސާ ވަދެފައިވާކަން ޔަގީންނުވާ ހާލަތެއްގައި އެއްވެސް ފަރާތަކަށް ރީފަންޑް ނުދިނުމަށް ވެސް ފުލުހުން ވަނީ ހަނދާންކޮށްދީފައެވެ.

https://wamco.com.mv/
tel:+9607331319