logo
ޕީއެސްޖީ އާއި އާސެނަލް ވާދަކުރި މެޗުގެ ތެރެއިން

ޕީއެސްޖީ އާއި އާސެނަލް ވާދަކުރި މެޗުގެ ތެރެއިން

ރަށުން ބޭރުގައި ޕީއެސްޖީ އިން އާސެނަލް ބަލިކޮށްފި

profile

ހަސަން ޝަމްއޫން - 29 އޭޕްރީލު 2025 - 21:54

ޔުއެފާ ޗެންޕިއަންސް ލީގު ސެމީފައިނަލް ފުރަތަމަ ލެގުގައި އަންގާރަ ދުވަހުގެ ރަށުން ބޭރުގައި 1-0 ގެ ނަތީޖާއަކުން އާސެނަލް ބަލިކޮށް ޕީއެސްޖީ އިން ފައިނަލްގެ ފުރުސަތު ބޮޑުކޮށްފިއެވެ.

https://wamco.com.mv/

މުބާރާތުގެ ސެމީފައިނަލުން ޕީއެސްޖީ ޖާގަހޯދީ ކުއާޓާ ފައިނަލުގައި 4-5 ގެ ނަތީޖާއަކުން އެސްޓަން ވިލާ ބަލިކުރުމަށްފަހު އެވެ. އަދި އާސެނަލް ސެމީފައިނަލުން ޖާގަހޯދީ ކުއާޓާ ފައިނަލުގައި އެންމެ ފަހުގެ ޗެންޕިއަން ރެއާލް މެޑްރިޑް 5-1 ގެ އެގްރިގޭޓް ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އާސެނަލް އިންނެވެ

އާސެނަލްގެ އެމިރޭޓް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފު ފެށިގެން ހަތަރުވަނަ މިނެޓުގައި ޕީއެސްޖީ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް އުސްމާން ޑެމްބެލޭ އެވެ. މިއީ މިމުބާރާތުގައި އެންމެ ފަހުން ކުޅުނު 13 މެޗުގައި އޭނާ ކާމިޔާބުކުރި އަށްވަނަ ލަނޑެވެ.

މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 0-1 ގެ ނަތީޖާއަކުން ޕީއެސްޖީ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ވަރުގަދަކޮށް ފެށީ އާސެނަލް އިންނެވެ. ނަތީޖާއެއްގެ ގޮތުން ފަހުހާފު ފެށިގެން ދެވަނަ މިނެޓުގައި އެޓީމުން ލަނޑެއްވެސް ކާމިޔާބުކުރި އެވެ. ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.

މީގެ އިތުރުން ފަހުހާފުގެ 56 ވަނަ މިނެޓުގައި އާސެނަލްގެ ބެލްޖިއަމް ފޯވާޑް ލިއަންޑްރޯ ޓްރޮސާޑަށް ވަނީ މެޗުގެ ނަތީޖާ އެއްވަރުކުރުމަށް ވަރަށް ހުސް ފުރުސަތެއް ލިބި ބޭނުން ނުކުރެވިފައެވެ. ބޯޅައާއެކު ޕީއެސްޖީގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ތިރިތިރިން ގޯލުގެ ކަނަށް އަމާޒުކޮށް އޭނާ ފޮނުވާލި ބާރު ހަމަލާ ޕީއެސްޖީގެ ކީޕަރު ޑޮނަރޫމާ ވަނީ ހުށިއާރުކަމާއެކު ދިފާއުކޮށްފައެވެ.

މިހާފުގައި ޕީއެސްޖީ ޓީމުން އެންމެ ހުސް ފުރުސަތެއް ލިބުނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޕޯޗުގަލްގެ ފޯވާޑް ގޮންކާލޯ ރާމޮސް އަށެވެ. ނަމަވެސް މެޗުގެ 85 ވަނަ މިނެޓުގައި އާސެނަލްގެ ޕެނަލްޓީ އޭރިއާ ތެރޭގައި މުޅިން ހުސްކޮށް ހުރެ އޭނާ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ޕީއެސްޖީ ކުރީގައި އޮވެގެންނެވެ. އަދި މިދެޓީމުގެ މެދުގައި ކުޅޭ ދެވަނަ ލެގުގެ މެޗު ޕީއެސްޖީގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައި ވަނީ މެއި މަހުގެ ހަތްވަނަ ދުވަހުގެ ރޭ 00:00 ގައެވެ.

https://etukuri.mv/
https://www.aslu.com.mv