ހަވީރީހިނގުން ހެދުމަކީ ފެންނުހިނދުމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ފެށި މަސައްކަތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުޙައްމަދު މުސްޠަފާ އިބްރާހީމް ވިދާޅުވެއްޖެއެވެ.
މާލޭ ހަވީރީހިނގުން ހެދުމުގެ މަސައްކަތާ ގުޅޭ ގޮތުން އަސްލު ޓީވީއަށް ދެއްވި އިންޓަރވިއުއެއްގައި މެމްބަރު މުސްޠަފާ ވިދާޅުވީ، މާފަންނު ހަވީރީހިނގުން ސަރަހައްދަކީ ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ، ގޭގެއާއި އާންމު ރައްޔިތުންގެ ހިފާ ގެންގުޅޭ ސާމާނާއި ތަކެއްޗަށް އެތައް ގެއްލުމެއް ލިބިފައިވާ ސަރަހައްދެއް ކަމަށެވެ.
ހަވީރީހިނގުން ސަރަހައްދުގައި ހާއްސަކޮށް ވަރަށް ބޮޑަށް ފެންބޮޑުވާކަން ފާހަގަކުރައްވައި މެމްބަރު މުސްޠަފާ ވިދާޅުވީ އެ ސަރަހައްދުން ފެންހިދޭނެ ގޮތް ހަދައިދިނުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެއް ކަމަށެވެ. އޭގެ ފުރަތަމަ މަސައްކަތެއްގެ ގޮތުން މާފަންނު ހުޅަނގު ދާއިރާގެ ހަވީރީހިނގުން ސަރަހައްދު ކޮނެގެން މަގުތަކުގައި ހޮޅިއަޅައިގެން ކުރިއަށް ގެންދިޔަ ކަމަށެވެ. އަދި ހަމަ ކަނބާއައިސާރަނިމަގުގެ މަސައްކަތަކީ ވެސް މިގޮތުން ކުރިއަށް ގެންދިޔަ ކަމެއް ކަމަށް މެމްބަރު މުސްޠަފާ ވިދާޅުވިއެވެ،
ހަވީރީހިނގުމުގެ މަސައްކަތުގައި ހާއްސަ ގޮތެއްގައި މާފަންނު ހުޅަނގު ދާއިރާގެ ސިޓީ ކައުންސިލް މެމްބަރު ދެއްވާ އަހައްމިޔަތުކަން ފާހަގަކުރައްވައި މެމްބަރު މުސްޠަފާއާއި ވަރަށް ގާތުން މިމަސައްކަތުގައި އުޅުއްވީތީ ކައުންސިލަރަށް މެމްބަރު ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ.މިއީ އަދި ވަގުތީ ހައްލެއް ކަމަށާއި ރައީސްގެ ވައުދުފުޅާ އެއްގޮތަށް ޗައިނާ ސަރުކާރުގެ އެހީގައި އަންނަ އަހަރު މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަން މެމްބަރު މުސްޠަފާ ފާހަގަކުރެއްވިއެވެ.
ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލޭގެ ހުރިހާ މަގުތައް ރަނގަޅު ފެންވަރަށް ހަދައި ނިމުމުން، ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ވިދާޅުވެފައެވެ.
ޗައިނާ އިން މާލޭގެ މަގުތައް ހަަދައިދޭން ނިންމީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކުރެއްވި މަޝްވަރާއަށް ފަހުގަ އެވެ. އެއީ 130 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ މަޝްރޫއެކެވެ.
މާލޭގެ މަގުތައް މަރާމާތުކޮށް ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތަކީ ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ސިޓީ ކައުންސިލުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
މިއީ މާލޭގެ މަގުތައް މަރާމާތުކޮށް، ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން ފެށި މަސައްކަތެކެވެ.
އެގޮތުން ހަވީރީހިނގުން، ޗާނދަނީ މަގު، މަޖީދީ މަގު ހެދުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ.