
ކުޅުދުއްފުށީ ކުޅިއަށް އަނެއްކާވެސް ގުޑުގުޑާ ދޫނީގެ ފައުޖެއް
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 04 ޖެނުއަރީ 2025 - 07:12
ކުޅުދުއްފުށީ ކުޅިއަށް އަނެއްކާވެސް ގުޑުގުޑާދޫނީ (ފްލެމިންގޯ)ގެ ފައުޖެއް (ބައިގަނޑެއް) ޒިޔާރަތްކޮށްފިއެވެ.
ރާއްޖެއަށް ހިޖުރަކުރާ ދޫނީގެ ތެރެއިން، މަދުން ނޫނީ ނުފެންނަ ބާވަތެއްކަމުގައިވާ ގުޑުގުޑާދޫނީގެ ބައިގަނޑެއް 2021 އަދި 2023 ވަނަ އަހަރުގެ ތެރޭގައިވެސް އެ ކުޅިއަށް ޒިޔާރަތްކުރިއެވެ. އަދި އެތަނުގައި ދުވަސްތަކެއް ހޭދަކުރުމަށްފަހު އެސޮރުމެން ވަނީ އަނބުރާ ގޮސްފައެވެ.
މިފަހަރު އެސީޓީގެ ކުޅިއަށް ތިރިކުރި ގުޑުގުޑާދޫނިތަކުގެ ފޮޓޯތަކެއް "އަސްލު" ޓީވީއަށް ވަނީ ލިބިފައެވެ. ބައެއް މީހުން އަންނަނީ މިފަދަ ފޮޓޯތައް މީސްމީޑިއާގައިވެސް ހިއްސާކުރަމުންނެވެ.
މީގެ ކުރިން ރާއްޖެ އައި ފްލެމިންގޯތަކެއް ހިފާ ވިއްކަމުން ދިޔަ މައްސަލައެއްް ފެންމަތިވިއެވެ.
އީޕީއޭއިން އޭރު ނެރުނު ނޫސްބަޔާނެއްގައި ވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހެދިފައިވާ ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުފައި ހިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދުގެ ދަށުން ހިމާޔަތްކުރެވިފައިވާ ރާއްޖެއަށް ހިޖުރަކުރާ ދޫނީގެ ތެރެއިން، މަދުން ނޫނީ ނުފެންނަ ބާވަތެއްކަމުގައިވާ ގުޑުގުޑާދޫނި (Greater Flamingo) މިދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުން ފެންނަން ފަށާފައިވާ ކަމަށެވެ.
ނަމަވެސް ބައެއްފަރާތްތަކުން އެދޫނިތައް ހިފައި ހައްޔަރުކޮށް ވިއްކާކަމުގެ ޝަކުވާ އެ އެޖެންސީއަށް ދަނީ ލިބެމުން ކަމަށާއި އެގޮތުން ބާރަށުގައި ބަޔަކު ގުޑުގުޑާދޫނި ހިފައި ވިއްކަން އުޅޭކަމުގެ މައްސަލައެއް ވަނީ އެ އެޖެންސީއަށް ލިބިފައި ކަމަށް އީޕީއޭއިން ބުނެއެވެ.
އެ އެޖެންސީން ބުނީ އެގޮތަށް ހިމާޔަތްކުރެވިފައިވާ ދޫނިތައް ހިފާ ހައްޔަރުކުރާ ފަރާތްތަކާއި، އަދި އެ ދޫނިތައް ގަނެވިއްކާ، ވިޔަފާރިކުރަމުންދާ ފަރާތްތަކާއި މެދުތިމާވެއްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދާއި ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދުގެ ދަށުން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.
ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހިމާޔަތްކުރެވިފައިވާ ހިޖުރަކުރާ ދޫނިތައް ހިފާ ހައްޔަރުކޮށް ގޯނާކުރާ ފަރާތްތައް ހުއްޓުވައި ދެއްވާ އަދި އެފަދަ ފަރާތްތަކަށް ފާރަވެރިވެ ދެއްވާ އެފަދަ ކަންކަން ކުރާ ފަރާތްތަކުގެ މައުލޫމާތު (ދޫނި ހިފާ ވިއްކާ ފަރާތުގެ ނަން، ގޭގެ ނަމާއި އަތޮޅާއި ރަށް، އަދި ހިފާ ވިއްކާ ދޫނީގެ ބާވަތާއި އަދަދު އަދި ފޮޓޯ) އެ އެޖެންސީގެ ހޮޓްލައިން ނަންބަރު: 7980379 އަށް މެސެޖުކޮށް ނުވަތަ އަށް އީމެއިލް ކޮށްދިނުމަށް އީޕީއޭ އިން ވަނީ އެދިފައެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން