ރާއްޖޭގެ ޒަކާތު ފަންޑުން ޣައްޒާގެ ރައްޔިތުންނަށް ހަދިޔާކުރުމަށް ނިންމާފައިވާ އެއްލައްކަ ޑޮލަރު، ޤަތަރު ރެޑް ކްރެސެންޓް ސޮސައިޓީއާއި ހަވާލުކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ޤަތަރު ރެޑް ކްރެސެންޓް ސޮސައިޓީއާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އޮންލައިންކޮށް ކުރިއަށް ގެންދިޔަ ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. އަދި ޤަތަރު ރެޑްްކްރެސެންޓް ސޮސައިޓީގެ ފަރާތުން ސޮއިކުރެއްވީ ސެކްރެޓަރީ ޖެނެރަލް ފައިސަލް މުޙައްމަދު އަލްއެމަދީއެވެ.
އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި މިފައިސާ ޤަތަރު ރެޑް ކްރެސެންޓް ސޮސައިޓީއާއި ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ދެ ޕޭމަންޓަކަށް ބަހާލައިގެންނެވެ.
ޒަކާތު ހައުސްގެ ފަރާތުން ފޮނުވާ އެއްލައްކަ ޑޮލަރު ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ޣައްޒާގެ ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް ޤަތަރު ރެޑްކްރެސެންޓް ސޮސައިޓީން ކުރިއަށް ގެންދާ މަޝްރޫއުއަށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މިއީ ޒަކާތު ފަންޑުން ރާއްޖޭން ބޭރުގެ ފަރާތަށް އެހީތެރިކަން ފޯރުކޮށްދޭ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. ފަލަސްޠީނު ރައްޔިތުންނަށް އެހީވުމަކީ ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދެވޭ ކަމެކެވެ.