logo

މޫސުމީ ބަދަލުތަކާ ކުރިމަތިލުމުގެ ގާބިލްކަން އިތުރުކުރުމަށް އެއްބަސްވުމެއް

profile

ޝާމާ ޝުޢައިބު - 13 ނޮވެމްބަރު 2024 - 18:47

އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް އަދި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު

އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް އަދި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު

މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގެ ގާބިލުކަން އިތުރުކުރުމާއެކު އިގުތިސާދީ ދެމެހެއްޓެނިވިކަން ކުރިއެރުވުމަށް ސަރުކާރާ، ދަ ނޭޗަރ ކޮންސަރވަންސީ (ޓީއެންސީ)އާއެކު ފަހުމާނާއެއްގައި ސޮއި ކޮށްފިއެވެ.

އަޒަރުބައިޖާނުގެ ވެރިރަށް ބާކޫގައި ކުރިއަށްދާ 2024 ވަނަ އަހަރުގެ އދ. ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ސަމިޓް (ކޮޕް29)ގައި ބޭއްވުނު ރަސްމިއްޔާތެއްގައި ސޮއި ކުރި މި ފަހުމުނާމާގެ ތަފްސީލު ހިއްސާކޮށް ފިނޭންސް މިނިސްޓްރީން ބުނީ އެ ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމްގެ އިތުރުން ޓީއެންސީގެ ގްލޯބަލް ޑިރެކްޓަރު މެލިސާ ބައިވެރިވެވަޑައިގެންފައިވާ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ ޓީއެންސީ އާއެކު ގާއިމުކުރާ ޕާޓްނާޝިޕަކީ ދެމެހެއްޓެނިވި އަދި ފާގަތި މުސްތަގުބަލަކާ ދިމާއަށް އެޅޭ ފިޔަވަޅެއްް ކަމަށެވެ. މީގެ އިތުރުން ގުދުރަތީ ގޮތުން ދިމާވާ ގޮންޖެހުންތަކާ ގުޅުންހުރި ހައްލުތަކަށް ދެމެހެއްޓެނިވި ފައިނޭންސިންގް ހޯދުމަކީ ގައުމުގެ ކުރިއެރުމަށް މުހިއްމު ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޒަމީރު ވިދާޅުވީ ކާބަން ފައިނޭންސިންގް އާ ކޮންޒަވޭޝަން ޓްރަސްޓް ފަންޑުތަކާ ސަރުކާރާ އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން ހިމެނޭ ގޮތަށް މާލީ ވަސީލަތްތައް ބޭނުންކޮށްގެން ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމާއެކު އިގްތިސާދު ކުރިއެރުވުމަކީ މުހިއްމު ކަމެއް ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މި ޕާޓްނާޝިޕް މެދުވެރިކޮށް ފަހިކުރެވޭ ފައިނޭންސިންގް ނިޒާމުތަކުން ފައިސާ ހޭދަކުރާނީ ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތަށާ ރަށްރަށުގެ އިގްތިސާދު ކުރިއެރުވުމުގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގެ ގާބިލުކަން އިތުރުކުރުމަށް ކަމަށެވެ.

މި ޕާޓްނާޝިޕް މެދުވެރިކޮށް ކުރެވޭ މަސައްކަތްތަކުގެ އަލީގައި ދިވެހިރާއްޖޭގެ މެދުރާސްތާގެ މެކްރޯ-ފިސްކަލް ސްޓެބިލިޓީއާ ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރު ކުރުމަށް ވެސް އިތުރު ބާރެއް ލިބިގެންދާނެ ކަން މިނިސްޓްރީން ފާހަގަކުރެއެވެ.

1951 ގައި އުފެދުނު ޓީއެންސީ އަކީ ތިމާވެށި ހިމާޔަތް ކުރުމުގެ ދާއިރާގައި ދުނިޔޭގެ ފެންވަރުގައި އިސްދައުރެއް އަދާކުރާ ޖަމުއިއްޔާއެކެެވެ. މި ޖަމުއިއްޔާއިން 70 އަށްވުރެ ގިނަ ގައުމުތަކުގައި މަސައްކަތް ކުރަމުންދަނީ ވެށި ހިމާޔަތްކުރުމަށާ މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގެ އިތުރުން ތިމާވެއްޓާ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ކަންކަން ކުރިއެރުވުމަށެވެ.

ޓީއެންސީން ވަނީ ތިމާވެއްޓާ ރައްޓެހި ގްރީން ފައިނޭންސިންގްގެ އެހީގައި ބައެއް ގައުމުތަކުގެ ދަރަނި ކުޑަކުރުމުގެ މުއާމަލާތްތަކުގައި ކާމިޔާބުކަމާއެކު މަސައްކަތް ކޮށްފައެވެ.


https://int.etukuri.mv/
tel:+9607331319