logo

އަންނަ އަހަރަށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް

profile

މަރްޔަމް އުމްނާ އިސްމާޢީލް - 31 އޮކްޓޯބަރު 2024 - 13:17

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަޖިލީހަށް ސަޕްލިމެންޓްރީ ބަޖެޓު ހުށަހަޅުއްވައިދެއްވަނީ

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަޖިލީހަށް ސަޕްލިމެންޓްރީ ބަޖެޓު ހުށަހަޅުއްވައިދެއްވަނީ

އަންނަ 2025 ވަނަ އަހަރަށް ލަފާކޮށް، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވައިދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވަނީ 56,647,600,859 (ފަންސާސް ހަ ބިލިއަން، ހަސަތޭކަ ސާޅީސް ހަތް މިލިއަން، ހަ ލައްކަ، އަށްސަތޭކަ ފަންސާސް ނުވަ) ރުފިޔާ އެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. ހަރަދަށް 49.2 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު ހިންގުމުގެ ހަރަދަށް 35.9 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. ކެޕިޓަލް ހަރަދުގެ ގޮތުގައި 13.3 ބިލިއަން ރުފިޔާ ހިނގާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

މި ޚަރަދުތަކުގެ އިތުރުން، ބަޖެޓުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ދައުލަތުގެ ދަރަނި އަދާކުރުމަށް ބޭނުންވާ 3.9 ބިލިއަން ރުފިޔާއާއި، ސަރުކާރު ކުންފުނިތަކަށް ކެޕިޓަލް ދޫކުރުމާއި އެހެނިހެން އިންވެސްޓްމަންޓްތައް ކުރުމަށް ހިނގާނެ 378 މިލިއަން ރުފިޔާއާއި، ސަރުކާރުން ލޯނު ދޫކުރުމަށް ކަނޑައަޅާފައިވާ 3.2 ބިލިއަން ރުފިޔާ އެވެ. މީގެ ތެރޭގައި 5 އިންސައްތަ އިންޓްރެސްޓުގައި ގެދޮރުވެރިކަމުގެ ލޯނު ދޫކުރުމަށް 1 ބިލިއަން ރުފިޔާ ވެސް ހިމެނެ އެވެ.

މިއީ ފަހުގެ ތާރީހެއްގައި އެންމެ ޑެފިސިޓް ކުޑަ ބަޖެޓުވެސް މެ އެވެ. އެގޮތުން މި ބަޖެޓު ޑެފިސިޓްވާނެ ކަމަށް ސަރުކާރުން ލަފާކުރަނީ 9.4 ބިލިއަން ރުފިޔާއިން ނެވެ. މި ހިނގާ 2024 ވަނަ އަހަރުގެ ބަޖެޓު ވެސް 13.7 ބިލިއަނުން ޑެފިސިޓް ވެ އެވެ.

"2025 ވަނަ އަހަރަށް މި ހުށަހަޅާ ބަޖެޓު ޑެފިސިޓް ވަނީ 9.4 ބިލިއަން ރުފިޔާއިން. މިއީ ޖީޑީޕީގެ ނިސްބަތުން 7.8 އިންސައްތަ. އަދި ބަޖެޓުގެ ޕްރައިމަރީ ޑެފިސިޓަކީ 3.8 ބިލިއަން ރުފިޔާކަމުގައިވާއިރު، މިއީ ޖީޑީޕީގެ ނިސްބަތުން 3.2 އިންސައްތަ." ފިނޭންސް މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.

މި ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ބޯހިޔާވަހިކަމާއި، ސިއްހީ ފަރުވާއާއި، އިޖްތިމާއީ ރައްކާތެރިކަމާއި ޕީއެސްއައިޕީ މަޝްރޫއުތަކުގެ އިތުރުން ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުވުމަށެވެ.

އެގޮތުން، އަންނަ އަހަރު ސަރުކާރުން ފަށާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 1.5 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، 5% ގައި ހައުސިން ލޯނު ދޫކުރުމަށްވެސް ހިމަނާފައިވެ އެވެ.

ސިއްހީ ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށް ވެސް ބަޖެޓުގައި އިސްކަމެއް ދީފައިވާއިރު، ސްޕެޝަލައިޒްޑް 5 ހޮސްޕިޓަލެއް ގާއިމުކުރުމުގެ މަސައްކަތް އަންނަ އަހަރު ފެށިގެން ދިއުމަކީ ސަރުކާރުގެ އަމާޒެކެވެ. މި ހޮސްޕިޓަލްތަކުގެ ތެރެއިން ގިނަ ހޮސްޕިޓަލްތަކަކީ ހިލޭ އެހީގެ ދަށުން އަޅަން ހަމަޖެހިފައިވާ ތަންތަނަށް ވާއިރު، މިހާރު އެ މަޝްރޫއުތަކަށް ފައިސާ ވެސް ވަނީ ހަމަޖެހިފަ އެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ފާހަގަކޮށްލެވޭ ސިއްހީ ދާއިރާއަށް ހާއްސަކޮށްފައިވާ މަޝްރޫއުތަކުގެ ތެރޭގައި ކެންސަރުގެ ފަރުވާއަށް ހާއްސަ ހޮސްޕިޓަލަކާއި މެންޓަލް ހެލްތު ހޮސްޕިޓަލެއް ގާއިމުކުރުން ހިމެނެ އެވެ. އަދި އެކި ރަށްރަށުގައި ހެލްތު ސެންޓަރުތަކާއި ހޮސްޕިޓަލުތަކުން ލިބޭ ހިދުމަތްތައް ފުޅާކުރުމާއެކު އެތަންތަން ތަރައްގީކުރުމަށް ވެސް މި ބަޖެޓުގައި އިސްކަންދީފައިވެ އެވެ.

އިޖްތިމާއީ ރައްކާތެރިކަމަށް ވެސް މި ބަޖެޓުގައި ބޮޑު އިސްކަމެއް ދީފައިވެ އެވެ. އެގޮތުން، އިޖްތިމާއީ އަދާލަތު ގާއިމުކޮށް މުއްސަންޖެއް، ފަގީރެއް ފަރަގުކުރުމެއްނެތި ލިބެމުންދާ ހިދުމަތްތައް ހަމައެކަނި އެ ހިދުމަތްތައް އެންމެ ބޭނުންވާ މީހުންނަށް އަމާޒުކޮށްގެން ދިނުމަށް ސަރުކާރުން ވަނީ އަމާޒުހިފާފަ އެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ދުވަސްވީ މީހުންނަށް ފަސޭހަކަމާއި އެކު ހިދުމަތްތައް ލިބިދެވޭނެ ގޮތަކަށް ނިޒާމު ފަރުމާކުރުމަށް ވެސް ބަޖެޓުގައި ހިމަނާފައިވެ އެވެ.

މިއަހަރުގެ ބަޖެޓަކީ ޕީއެސްއައިޕީ މަޝްރޫއުތަކަށް އެންމެ ބޮޑު ހަރަދެއް ކުރަން ހިމަނާފައިވާ ބަޖެޓު ކަންވެސް ފާހަގަކޮށްލެވެ އެވެ. އެގޮތުން އެ މަޝްރޫއުތަކަށް އަންނަ އަހަރަށް 12.4 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އެއީ މިހާރު ފަށާފައި، ކުރިއަށް ނުގޮސް ހުރި މަޝްރޫއުތަކާއި ސަރުކާރުން އަލަށް ފަށާ މަޝްރޫއުތައް ވެސް ހިމަނައިގެން ނެވެ.

ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި ޕޭ ހާމައިޒޭޝަންގެ މަސައްކަތް ވެސް އަންނަ އަހަރު ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމާފައިވެ އެވެ. އެގޮތުން ސިވިލް ސާވިސް މުވައްޒަފުންނަށް އިސްކަމެއް ދީގެން އެ މަސައްކަތް ކުރުމަށް ބަޖެޓުގައި ހިމަނާފައިވެ އެވެ. މި މަސައްކަތަށް ބަޖެޓުގައި 500 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.

ހަމައެއާއެކު، ހަރަދުކުޑަކުރުމުގެ ފިޔަވަޅުތައް ވެސް އެޅުމަށް ނިންމާފައިވާއިރު،އެ ފިޔަވަޅުތަކުގެ ސަބަބުން ދައުލަތަށް 6.6 ބިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ބަޖެޓުގައި ވެ އެވެ. އާމްދަނީ އިތުރުކުރުމަށް އަޅާ ފިޔަވަޅުތަކުން 4.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވެސް ބަޖެޓު ލިބޭނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ. ސަރުކާރުން ލަފާކުރާގޮތުގައި އަންނަ އަހަރު، ރާއްޖޭގެ އިގްތިސޯދު 6.4% އިން ކުރިއަރާނެ އެވެ.

މިއަހަރުގެ ބަޖެޓަކަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 49.8 ބިލިއަން ރުފިޔާ އެވެ. އެކަމަކު ދާދިފަހުން ފާސްކުރެވުނު 5.1 ބިލިއަންގެ ސަޕްލިމެންޓަރީ ބަޖެޓާ އެކު ޖުމްލަ ބަޖެޓަކީ މިހާރު 54.9 ބިލިއަން އެވެ.

2025 ބަޖެޓު ކުރުކޮށް

· ޖުމްލަ ހަރަދު – 49.2 ބިލިއަން ރުފިޔާ

· ރިކަރަންޓު ހަރަދު- 35.9 ބިލިއަން ރުފިޔާ

· ޖުމްލަ ހިލޭ އެހީ އާއި އާމްދަނީ – 39.85 ބިލިއަން ރުފިޔާ

· ބަޖެޓް ޑެފިސިޓް – 9.4 ބިލިއަން ރުފިޔާ

· ދަރަނި އަދާކުރުމަށް 3.9 ބިލިއަން ރުފިޔާ

https://wamco.com.mv/
tel:+9607331319