logo

ބަޖެޓް 2025: ހަގީގީ އަންދާޒާތައް ހިމެނޭ ޕީއެސްއައިޕީ ޕްލޭނެއް، 12.4 ބިލިއަން ހޭދަކުރާނެ!

profile

ޝާމާ ޝުޢައިބު - 31 އޮކްޓޯބަރު 2024 - 13:19

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ކުރިއަށްގެންދާ ‘އަމާން’ ހައުސިން މަޝްރޫއުގެ  ދަށުން އަޅަމުންދާ ފްލެޓުތަކެއް (ފޮޓޯ/ ދައުރު)

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ކުރިއަށްގެންދާ ‘އަމާން’ ހައުސިން މަޝްރޫއުގެ ދަށުން އަޅަމުންދާ ފްލެޓުތަކެއް (ފޮޓޯ/ ދައުރު)

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ މިހާތަނަށް ޕީއެސްއައިޕީއަށް އެންމެ ގިނައިން ހޭދަކުރާނެ ބަޖެޓު ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ބަޖެޓު ހުށަހެޅުމަށްޓަކައި މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޕީއެސްއައިޕީ މަޝްރޫއުތަކަށް އަންނަ އަހަރު 12.4 ބިލިއަނަށް ޚަރަދު ކުރާނެ ކަމަށެވެ. އަދި މިއީ އައު މަޝްރޫއުތަކާއި އެކު ހަރަކާތްތަކަށް އެންމެ ގިނައިން ހޭދަކުރާނެ ބަޖެޓް ކަމަށެވެ.

މީގެއިތުރުން، ދައުލަތުން ޚަރަދުކޮށްގެން ހިންގާ މަޝްރޫއުތަކަކީ އޭގެ ނަތީޖާ ހާސިލުކުރެވޭނެ މަޝްރޫއުތަކެއްކަން ޔަގީންކުރުމަށް، މަޝްރޫއުތައް ރާވައި ތަރުތީބުކޮށްގެން ގެންދިއުމަށް އެހީވެދޭނެ ގޮތަށް، މި ބަޖެޓުގައި ހަގީގީ އަންދާޒާތައް ހިމެނޭ ޕީއެސްއައިޕީ ޕްލޭނެއް އެކުލަވާލާފައި ވާނެ ކަމަަށް މިނިސްޓަރ ވިދާޅުވިއެވެ.

މިއާއެކު، އަހަރުތެރޭގައި މަޝްރޫއުތަކުގެ މަސައްކަތް މަޑުނުޖެހި ކުރިއަށް ގެންދެވޭނެކަން ޔަގީންކުރެވި، ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް ނިންމައި، ދައުލަތުގެ މާލިއްޔާގެ ފުދުންތެރިކަމާ އެއްހަމަ މިންވަރެއްގައި ޕީއެސްއައިޕީގެ ހޭދަ ހިފަހައްޓަން ފުރުސަތު ލިބޭނެ ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެކަމުގެ ތަފްސީލު ހިއްސާކުރައްވާ ފިނޭންސް މިނިސްޓަރު ވިދާޅުވީ 5 އިންސައްތަ އިންޓްރެސްޓުގައި ގެދޮރުވެރިކަމުގެ ލޯންދޫކުރުމަށް 1 ބިލިއަން ރުފިޔާ މި ބަޖެޓުގައި ހިމަނާފައިވާއިރު، މި ފައިސާ ބޭނުންކޮށްގެން ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މަދުވެގެން 2 ބިލިއަން ރުފިޔާގެ ހައުސިންގ ލޯން ދެވޭނެމަގު ފަހިވެގެން ދާނެ ކަމަށެވެ.

މީގެއިތުރުން 1.8 ބިލިއަން ރުފިޔާގެ ޖާގަ ގެދޮރުވެރިކަމުގެ އައު ޕީއެސްއައިޕީ މަޝްރޫއުތައް ހިންގުމަށް ކަނޑައަޅާފައިވާނެ ކަމަށާ އެހެންކަމުން 2025 ވަނަ އަހަރަށް ފާސްކުރަން އަޅުގަނޑު ތިޔަ އިއްޒަތްތެރި މަޖިލީހަށް ހުށަހަޅާ މި ބަޖެޓަކީ ދިވެހިރާއްޖޭގެ ތާރީހުގައި އެއް އަހަރުދުވަހުގެ ތެރޭގައި ގެދޮރުވެރިކަމަށް ހާއްސަކޮށްގެން ސަރުކާރަކުން އެންމެ ބޮޑު ހޭދައެއް ކުރުމަށް ހުށަހަޅާފައިވާ ބަޖެޓު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ގެދުރޮވެރިކަމާ ބެހޭ މި ދެ ސިޔާސަތުގެ ސަބަބުން، މާތްﷲ ގެ ވާގިފުޅާއިއެކު 2025 ވަނަ އަހަރު ވެގެންދާނީ ގެދޮރުވެރިކަމުގެ ރަން ޒަމާނެއްގެ ފެށުމަށް ކަން ފާހަގަކުރައްވާ މިނިސްޓަރު ޒަމީރު ވިދާޅުވީ 2025 ވަނަ އަހަރުގެ ބަޖެޓަކީ ހަގީގީ މާނައިގައިވެސް ގެދޮރުވެރިކަމުގެ ބަޖެޓެއް ކަމަށެވެ.

https://int.etukuri.mv/
tel:+9607331319