logo

ބަޖެޓު 2025: މެޖޯރިޓީއަށް އުއްމީދެއް

profile

މަރްޔަމް އުމްނާ އިސްމާޢީލް - 14 ނޮވެމްބަރު 2024 - 18:50

މެމްބަރަކު ބަޖެޓު ފޮތް ވިދާޅުވަނީ

މެމްބަރަކު ބަޖެޓު ފޮތް ވިދާޅުވަނީ

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ސަރުކާރުން ހުށަހެޅިތާ ދެ ހަފްތާ ވީ އެވެ. މިހާރު ރައްޔިތުންގެ މަޖިލީހުން އެންމެ ބުރަކޮށް ކުރަމުންދާ މަސައްކަތަކީ އެ ބަޖެޓު ފާސްކުރުމުގެ މަސައްކަތެވެ. ބަޖެޓުގެ ބަހުސްގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ ވާހަކަތަކަށް ބަލާލާއިރު، މަޖިލީހުގެ ސުޕަމެޖޯރިޓީ އޮތް ޕީއެންސީގެ މެމްބަރުން މި ބަޖެޓު ސިފަކުރައްވަނީ ވަރަށް ވެސް އުއްމީދީ ބަޖެޓެއްގެ ގޮތުގަ އެވެ. މިހެން ބުނަންޖެހޭ ސަބަބުތައް ވަރަށް ގިނަ ކަމަށް އެ މެމްބަރުން ވިދާޅުވެ އެވެ.

މި ބަޖެޓާއެކު އެ މެމްބަރުންނަށް އައު ވެގެންދިޔައީ މިހާރު ހީނަރުވެފައިވާ އިގްތިސޯދު އަލުން ކޮޅަށް ޖެހޭނެ ކަމުގެ ޔަގީންކަމެވެ. އާމްދަނީ އިތުރުކޮށް ޑެފިސިޓް ކުޑަކުރެވޭނެ ކަމުގެ އުއްމީދެވެ.

މަކުނުދޫ ދާއިރާގެ މެމްބަރު އާދަމް ޝަފީގް

" އިގްތިސޯދު ރަނގަޅުކުރުމަށްޓަކައި ރާއްޖޭގެ އުތުރާއި ދެކުނުގައި ޓޫރިޒަމް ފުޅާކުރުމަށްޓަކައި ހާއްސަ މަޝްރޫއުތަކެއް މި އަންނަ އަހަރު ފެށިގެންދާނެ. ހަމައެއާއެކު ހަނިމާދޫ އެއާޕޯޓް އިންޓަނޭޝަނަލް ކުރެވި، އަދި މާލޭ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވިގެންދިއުމާއެކު ރާއްޖެއަށް ލިބޭ އާމްދަނީ އެތައް ގުނައަކަށް އިތުރުވެގެންދާނެ" މަކުނުދޫ ދާއިރާގެ މެމްބަރު އާދަމް ޝަފީގް ވިދާޅުވި އެވެ.

މި ބަޖެޓަކީ ސީދާ ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މޭސްތިރިކަމުގެ ދަށުން އެކުލަވާލި ބަޖެޓަކަށް ވުމަކީ ވެސް މެމްބަރުން ހިތްހަމަޖެހިވަޑައިގަންނަވާ ކަމެކެވެ. ހުއްޓިފައި ހުރި މަޝްރޫއުތައް އަލުން ފަށައިގަތުމުގެ އުއްމީދާއެކު މެމްބަރުން ތިއްބެވީ އުފަލުން ނެވެ.

ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު

" މިއަދުގެ ސަރުކާރުން އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މި ގެންދަވާ މަޝްރޫއުތައް ފެނިގެންދާނެ މި އަންނަ އަހަރަކީ ތިބޭފުޅުން ވަރަށް ބިޒީ ޝެޑިއުލްގައި އުޅުއްވަންޖެހޭނީ މެންބަރުން ވެސް އަޅުގަނޑުމެން ކައިރި މިއަދު ވެސް ރައީސް އެބަބުނޭ ނޫނެކޭ ދެން އަޅުގަނޑުމެން ދާއިރާގައި ވެސް އެބަހުއްޓޭ ކަންތައްތައް އެކަމަކު އެންމެ އެދޭވެ ވަރަކަށް ނެތީއޭ. އަޅުގަނޑު ދެންނެވިން ހުރިހާ އެއްޗެއް އެބަހުއްޓޭ" ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވި އެވެ.

ބަޖެޓާ މެދު އިދިކޮޅުގެ ކަންބޮޑުވުމާއި ސަރުކާރު މެމްބަރުން ރައްދުދިނުން

މި ސަރުކާރުން ބަޖެޓު އެކުލަވާލާފައިވަނީ ރަށްރަށަށް ކަނޑައަޅާފައިވާ މަޝްރޫއުތަކާއި އަދަދުތައް ވަކިވަކިން ޖެހުމުގެ ބަދަލުގައި އެކި ދާއިރާތަކަށް ބަހާލައިގެން ނެވެ. އެކަމަކު އެއީ އިދިކޮޅު އެމްޑީޕީގެ ބޮޑު ކަންބޮޑުވުމެއްކަން ފާހަގަކޮށްލެވެ އެވެ.

" އަޅުގަނޑުމެންނަށް މި ދެވެނީ 2080ގެ އަހަރުތަކަށް އަޅުގަނޑުމެންނަށް މި ދެވެނީ 2025 ދޫކޮށް. 1980ގެ އަހަރުތަކަށް އަޅުގަނޑުމެން ދާއިރުގައި ދެން ކަމެއް ވާން އޮތީ ރައީސުލްޖުމްހޫރިއްޔާގެ ހެޔޮފުޅުކަމުން ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވައިގެން ކޮށްދެވުނު ކަމެއް ވާ އުސޫލަކުން އަޅުގަނޑުމެން ވެއްޓި މި ދަނީ އިއްޒަތްތެރި ރައީސް. އެއީކީއެއް ނޫން ރައްޔިތުން ބޭނުންވާނެ ގޮތަކީ. ރައްޔިތުން ބޭނުންވޭ ރަށަކަށް އޮތް ޕްރޮޖެކްޓެއް އެ ރަށަކަށް ފެންނަން. ބަޖެޓުގައި ޖެހިފައި އޮންނަ ތަން ދެކެން." ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވި އެވެ.

ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ

ރަށްރަށުގެ މަޝްރޫއުތައް ބަޖެޓުން ފެންނަން ނެތުން މަޖިލީހުގެ މައިނޯރިޓީން ސިފަކުރަނީ ރައްޔިތުން ކަންކަމުގައި "ސަރުކާރަށް ސަލާންޖަހަން" މަޖުބޫރުކުރުވުމުގެ ގޮތުގަ އެވެ.

. " ތިޔަ މެންބަރުން، ތިޔަ ރައްޔިތުން އެމްޑީޕީ މެމްބަރަކު މިފަހަރު ރައްޔިތުންގެ މަޖިލީހަށް ހޮވައިދެއްވީތީ 2025 ވަނަ އަހަރުގެ ބަޖެޓުގައި ހަމަ އެކައްޗެއް ވެސް ދާއިރާގެ ރައްޔިތުންނަކަށް ނެތް. އެހެންނަމަވެސް، އަޅުގަނޑަށް ކުރެވުނު މަސައްކަތެއް މި ކަމުގައި ކުރާނަން. ރައްޔިތުން ބޭނުންކަމުގައި ވާނަމަ އަޅުގަނޑު މި މަގާމުން އިސްތިއުފާދޭން ވެސް މި ހުރީ ތައްޔާރަށް." ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވި އެވެ.

ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު

ސަރުކާރު މެމްބަރުންގެ ހިޔާލު މިކަމުގައި ވެސް ތަފާތެވެ. މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ގަބޫލުކުރައްވާ ގޮތުގައި "ހަގީގީ ބަޖެޓެއް އޮންނަން ޖެހޭ ގޮތަށް" ބަޖެޓެއް އެކުލަވާލެވުނީ އަދިކިރިޔާ އެވެ.

މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ

" މި ބަޖެޓުގައި އެބަ ބުނެދޭ ކިހާ މަޝްރޫއެއް ކޮން ގޮތަކަށްކަން ހިންގާނީ. ނުފެށި ހުރި މަޝްރޫއުތަކާއި ފެށިފައި ހުރި މަޝްރޫޢުތަކާއި އަދި ފަށަން އަމާޒުކޮށްފައި ހުރި މަޝްރޫއުތައް މި ބަޖެޓުގައި ވަރަށް ސާފުކޮށް ސަރީހަކޮށް ލިޔެފައި އެބައޮތް. އަދި މިހާރު ކުރަމުން ހިންގަމުންދާ މަޝްރޫއުތައް ނިންމުމަށް ޓަކައި ބަޖެޓު އަމާޒުކޮށްފައި އޮތް ބަޖެޓާއި އަދި މިދިޔަ ފަހަރު ބަޖެޓުތަކުގައި ލިޔެވިފައި ނުފެށިހުރި މަޝްރޫއުތަކަށް އަމާޒުކޮށް ހިންގާނެ ބަޖެޓުތަކާއި އަދި ހަމަ އެއާއެކީގައި އަލަށް ފަށާނީ ކިތައް މަޝްރޫއުކަމާއި އެ މަޝްރޫއުތަކަށް ހިނގާނެ ބަޖެޓު މި ބަޖެޓުގައި ވަރަށް ރީތިކޮށް ސާފުކޮށް ބަޔާންކުރެވިގެން އެބަދޭ." މެމްބަރު ވިދާޅުވި އެވެ.

މެޖޯރިޓީ މެމްބަރުން ގަބޫލުކުރައްވާ ގޮތުގައި މި ބަޖެޓު އެކުލަވާލާފައިވަނީ މަޝްރޫއުތައް ހިންގުމަށް ވެސް ސަރުކާރަށް އެންމެ ފަސޭހަވާނެ ގޮތަށެވެ. އިސްކަންދޭނެ މަޝްރޫއުތައް ކަނޑައެޅި، ރައްޔިތުންނަށް ކޮންމެހެންވެސް ކޮށްދޭންޖެހޭ ކަންކަން ކޮށްދިނުމަށް އެކަމުގެ ސަބަބުން މަގުފަހިވާ ކަމަށް އެ މެމްބަރުން ގަބޫލުކުރައްވަ އެވެ.

ހުރާ ދާއިރާގެ މެމްބަރު ޑރ. އަނާރާ ނައީމް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ވެސް ކުރިއަށްދާނީ ބަޖެޓުގެ މަސައްކަތެވެ. މި ބަޖެޓު ފާސްކުރާނީ ބަޖެޓު ކޮމިޓީން ދިރާސާގެ މަސައްކަތް ނިންމުމަށްފަހު، އެ ކޮމިޓީން ހުށަހަޅާ ރިޕޯޓަށް ނެގޭ ވޯޓަކަށް ފަހު އެވެ.


https://wamco.com.mv/
tel:+9607331319