logo

ބްރޯޑްކޮމްއާއި މީޑިއާ ކައުންސިލް އެއްކޮށްލައި "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން" އެކުލަވާލަން ހުށަހަޅައިފި

profile

މަރްޔަމް އުމްނާ އިސްމާޢީލް - 13 ނޮވެމްބަރު 2024 - 10:41

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންތަކެއް

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންތަކެއް

މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އުވާލުމަށްފަހު އުފައްދާ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން" އެކުލަވާލުމަށް ހުށަހަޅައިފިއެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އުފެއްދުމަށްޓަކައި، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އެ ބިލު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ހަންނާން އަބޫބަކުރެވެ.

މި ބިލު ހުށަހެޅުމުގެ މަގްސަދެއްގެ ގޮތުގައި ބުނެފައިވަނީ ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި ތަރައްގީކޮށް ދެމެހެއްޓުމަށާއި ބްރޯޑްކާސްޓް މީޑިއާ ހިމެނޭ ގޮތަށް މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންގެ ޒިންމާދާރުކަން އިތުރުކޮށް ބަލަހައްޓާނެ މިނިވަން އިދާރީ ނިޒާމެއް ގާއިމުކުރުމެވެ.

މި ބިލު ގާނޫނަކަށްވެ، އަމަލުކުރަން ފެށުމާ އެކު، މިހާރު ރާއްޖޭގެ މީޑިއާތައް ރެގިއުލޭޓްކުރާ މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އުވިގެންދާނެ އެވެ.

ސަރުކާރުން ހުށަހަޅާފައިވަނީ 7 މެމްބަރުންގެ މައްޗަށް މީޑިއާ ކޮމިޝަން އެކުލަވާލުމަށެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ރައިސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ 4 މެމްބަރުންނާއި މީޑިއާއިން އިންތިހާބުކުރާ 3 މެމްބަރުން ހިމެނޭ ގޮތަށެވެ. އެހެންކަމުން ކޮމިޝަންގެ މެޖޯރިޓީ ނުވަތަ އަގުލަބިއްޔަތު އޮންނާނީ ސަރުކާރަށެވެ.

ރައީސަށް އެ ކޮމިޝަނަށް މެމްބަރުން އައްޔަނުކުރެވޭނީ މަޖިލީހުގެ ރުހުމާއެކު ކަމަށް ބިލުގައި ބުނެފައިވާއިރު މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގެ އަގުލަބިއްޔަތު، ނުވަތަ ސުޕަމެޖޯރިޓީ އޮތީ ސަރުކާރު ހިންގާ ޕީއެންސީ އަށެވެ.

ކޮމިޝަންގެ ރައީސާއި ނައިބު ރައީސް އައްޔަނުކުރުމުގެ ބާރު މި ގާނޫނުގެ ދަށުން ލިބިވަޑައިގަންނަވަނީ ރައިސުލްޖުމްހޫރިއްޔާއަށެވެ. އެ ބިލުގައި ބުނާގޮތުން އެ މަގާމުތަކަށް ރައީސަށް ބޭފުޅުން އައްޔަނުކުރެވޭނީ ވެސް ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ނެވެ.

އެ ކޮމިޝަނުން އެކުލަވާލާ ސުލޫކީ މިންގަނޑާ ހިލާފުވެއްޖެނަމަ، މީޑިއާތަކާ މެދު އެޅޭނެ ފިޔަވަޅުތައް ވެސް ބިލުގައި ހިމަނާފައިވެ އެވެ. އެ ބިލުގައި ހިމަނާފައިވާ ބޮޑެތި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ:

  • ބްރޯޑްކާސްޓިން ލައިސަންސް އޮތް ފަރާތެއް، ލައިސަންސް ދޫކުރުމުގެ ޝަރުތަކާ ތަކުރާރުކޮށް ހިލާފުވެއްޖެނަމަ، ފާއިތުވި އަހަރު ލިބުނު އާމްދަނީގެ 10% އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުން
  • ނޫސް ނުވަތަ މަޖައްލާއަކުން ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފުވެއްޖެ ނަމަ، 5000، ރުފިޔާއާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން
  • ބްރޯޑްކާސްޓިން ލައިސަންސް އޮތް ފަރާތެއް، ނޫހެއް، ނުވަތަ ޖަމިއްޔާއަކުން ތަކުރާރުކޮށް ގާނޫނާއި ގަވާއިދާ ހިލާފުވަމުންދާނަމަ، އެ ފަރާތުގެ ލައިސަންސް ނުވަތަ ރެޖިސްޓްރީ ބާތިލުރުމަށް ކޯޓަށް ހުށަހެޅުން
  • ލައިސަންސް ނުވަތަ ރެޖިސްޓްރީ ބާތިލުކުރެވޭނީ ކޯޓުން އެގޮތަށް ހުކުމް ކުރުމުން

މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަންގެ މެންޑޭޓުތައް ފުށުއަރައި، ހަރަދު ބޮޑުކަމުގެ ޝަކުވާ އަކީ އަބަދުވެސް ކުރާ ޝަކުވާ އެކެވެ. އެ ދެ މުއައްސަސާ އުވާލައި، މީޑިއާތައް ރެގިއުލޭޓް ކުރަން ވަކި މުއައްސަސާއެއް އުފެއްދުމުގެ މަސައްކަތް މީގެކުރިން ވެސް ކޮށްފައިވެ އެވެ. އެގޮތުން މީޑިއާ ކޮމިޝަނެއް އުފެއްދުމަށްޓަކައި 2017 ވަނަ އަހަރު، މަޖިލީހަށް އޭރުގެ ސަރުކާރުން ބިލެއް ވެސް ހުށަހެޅި އެވެ. އެހެންނަމަވެސް 2018 ވަނަ އަހަރު އެ ބިލު ފާސްނުކޮށް ބޭރުކޮށްލީ އެވެ. އޭގެ ފަހުން އައި 19 ވަނަ މަޖިލީހުން ވެސް އެފަދަ ކޮމިޝަނެއް އުފެއްދުމާ ގުޅޭ މަސައްކަތް ކުރި އެވެ.

https://wamco.com.mv/
tel:+9607331319