ނޫސްތަކާ މީޑިއާތައް ކޮންޓްރޯލް ކުރުމަކީ އެމަނިކުފާނު ގަބޫލުފުޅުކުރައްވާ ހަމައެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި ތަރައްގީކޮށް ދެމެހެއްޓުމަށާއި ބްރޯޑްކާސްޓް މީޑިއާ ހިމެނޭ ގޮތަށް މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންގެ ޒިންމާދާރުކަން އިތުރުކޮށް ބަލަހައްޓާނެ މިނިވަން އިދާރީ ނިޒާމެއް ގާއިމްކުރުމުގެ މަގްސަދުގައި "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން" އެކުލަވާލުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ވަނީ ހުށަހަޅާފައެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އުފެއްދުމަށްޓަކައި ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ހުށަހެޅުއްވި އެ ބިލާއެކު ސޯޝަލްމީޑިއާގައި ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މި ބިލާ ގުޅިގެން ބައެއް ފަރާތްތަކުން ނުރުހުން ފާޅުކުރަމުންދާ މި ދަނޑިވަޅުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ ނޫސްތަކާ މީޑިއާތައް ކޮންޓްރޯލް ކުރުމަކީ އެމަނިކުފާނު ގަބޫލުފުޅުކުރައްވާ ހަމައެއް ނޫން ކަމަށެވެ. އަދި މާތް ވެގެންވާ އިސްލާމްދީނާ، ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އާއި ޚިލާފު ނުވާހާ ހިނދަކު ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ހިނގާ ސަރަޙައްދުގައި ކޮންމެ ދިވެއްސަކަށް ވެސް އެމީހެއްގެ އަމިއްލަ މިނިވަންކަމާއެކު އެމީހަކު ބޭނުންކަމެއްކޮށް އުޅުމުގެ ޙައްޤު އޮންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުން ހުށަހަޅާފައިވާ މި ބިލު ގާނޫނަކަށްވެ، އަމަލުކުރަން ފެށުމާ އެކު، މިހާރު ރާއްޖޭގެ މީޑިއާތައް ރެގިއުލޭޓްކުރާ މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އުވިގެންދާނެއެވެ.
ސަރުކާރުން ހުށަހަޅާފައިވަނީ ހަތް މެންބަރުންގެ މައްޗަށް މީޑިއާ ކޮމިޝަން އެކުލަވާލުމަށެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ރައިސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ ހަތަރު މެންބަރުންނާ މީޑިއާއިން އިންތިހާބުކުރާ ތިން މެންބަރުން ހިމެނޭ ގޮތަށެވެ. އެހެންކަމުން ކޮމިޝަންގެ މެޖޯރިޓީ ނުވަތަ އަގުލަބިއްޔަތު އޮންނާނީ ސަރުކާރަށެވެ.
ރައީސަށް އެ ކޮމިޝަނަށް މެންބަރުން އައްޔަނުކުރެވޭނީ މަޖިލީހުގެ ރުހުމާއެކު ކަމަށް ބިލުގައި ބުނެފައިވާއިރު މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގެ އަގުލަބިއްޔަތު، ނުވަތަ ސުޕަމެޖޯރިޓީ އޮތީ ސަރުކާރު ހިންގާ ޕީއެންސީއަށެވެ.
ކޮމިޝަންގެ ރައީސާއި ނައިބު ރައީސް އައްޔަނުކުރުމުގެ ބާރު މި ގާނޫނުގެ ދަށުން ލިބިވަޑައިގަންނަވަނީ ރައިސުލްޖުމްހޫރިއްޔާއަށެވެ. އެ ބިލުގައި ބުނާގޮތުން އެ މަގާމުތަކަށް ރައީސަށް ބޭފުޅުން އައްޔަނުކުރެވޭނީ ވެސް ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެންނެވެ.
އެ ކޮމިޝަނުން އެކުލަވާލާ ސުލޫކީ މިންގަނޑާ ހިލާފުވެއްޖެނަމަ، މީޑިއާތަކާ މެދު އެޅޭނެ ފިޔަވަޅުތައް ވެސް ބިލުގައި ހިމަނާފައިވެއެވެ.