logo

ލުއި ޝަރުތުތަކާއެކު، ބަޖެޓު ސަޕޯޓަށް ލޯނު ނުލިބިދާނެ: އޮޑިޓް އޮފީސް

profile

މަރްޔަމް އުމްނާ އިސްމާޢީލް - 14 ނޮވެމްބަރު 2024 - 19:30

މިއަދުގެ ބަޖެޓު ކޮމިޓީގެ ބައްދަލުވުމުގައި އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ އާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު

މިއަދުގެ ބަޖެޓު ކޮމިޓީގެ ބައްދަލުވުމުގައި އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ އާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު

ރާއްޖޭގެ އިގްތިސޯދު ހީނަރުވެ، ކްރެޑިޓް ރޭޓިން ވެސް ދަށްވެފައިވާ މި ދަނޑިވަޅުގައި ބަޖެޓު ސަޕޯޓުގެ ގޮތުގައި ބޭރުގެ ފަރާތްތަކުން ލުއި ޝަރުތުތަކާ އެކު ލޯނު ހޯދުމަށް ދަތިވާނެ ކަމަށް އޮފިޓާ ޖެނެރަލްގެ އޮފީހުން މިއަދު ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް 2025 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގެ ދިރާސާއަށް ފިނޭންސް މިނިސްޓްރީއާއި، އޮޑިޓް އޮފީހުގެ އިތުރުން މަރުކަޒީ ބޭންކް އެމްއެމްއޭގެ ބޭފުޅުން ވަނީ މިއަދު ބޭއްވި ބަޖެޓު ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ.

އޮޑިޓް އޮފީހުން މިއަދު ކޮމިޓީއާ ހިއްސާކުރި މައުލޫމާތުތަކަށް ބަލާލާއިރު، ރާއްޖޭގެ ދަރަނީގެ ދެހެއްޓެނިވިކަން ގެއްލިފައިވުމަކީ އެ އޮފީހުގެ ކަންބޮޑުވުމެކެވެ. އެގޮތުން ބަޖެޓު ސަޕޯޓަށް 6.6 ބިލިއަން ބޭނުންވާ ކަމަށް ޖަހާފައިވީނަމަވެސް، އެއީ މިހާތަނަށް "ސެކިއޯ" ކުރެވިފައިވާ ފައިސާއެއް ނޫން ކަން އެ އޮފީހުން ފާހަގަކުރެއެވެ.

މިކަން ފާހަގަކޮށް، ރާއްޖޭގެ އިގްތިސޯދީ ހާލަތު މިހާރު އޮތް ގޮތުން ލުއި ޝަރުތުތަކާ އެކު ބޭރުގެ ފަރާތްތަކުން ލޯނު ހޯދަން ދަތިވާނެކަން ފާހަގަކޮށްފައިވެ އެވެ.

"ދެން ދަރަނި ނެގުމުގައި ދައުލަތުގެ ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ގެއްލި، ކްރެޑިޓް ރޭޓިން ދަށްކޮށްފައިވާއިރު ކޮންސެޝަނަލް ޓާމްސްގައި ބޮޑެތި އަދަދުތަކުން ބޭރުގެ ފަރާތްތަކުން ފައިނޭންސް ހޯދުމަށް ދަތިވާނެ ކަމަށް ބެލެވޭ. ފިސްކަލް ދަރަނީގެ ހިރާސްތައް އިތުރުވާ މިންވަރު ކުޑަކުރުމަށް ކޮންސެޝަނަލް ޓާމްސްގައި ދަރަނި ހޯދޭ މިންވަރު ޖުމްލަ ބަޖެޓުގައި ހިފެހެއްޓުމަކީ ވެސް މުހިއްމު ކަމެއްގެ ގޮތުގައި ގަބޫލުކުރެވޭ" އޮޑިޓް އޮފީހުން ބުންޏެވެ.

އެމްއެމްއޭއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކާއި ހަވާލާދީ އޮޑިޓް އޮފީހުން ވަނީ ރާއްޖޭގެ ޑޮލަރުގެ ރިޒާވް ފާއިތުވި ދުވަސްތަކުގެ ތެރޭގައި ފޮރިން ރިޒާވް ހީނަރުވެފައިވާ ކަން ފާހަގަކޮށްފަ އެވެ. ކުރިއަށް އޮތް އަހަރަކީ ރާއްޖެއިން ނަގާފައިވާ އެކްސްޓާނަލް ދަރަނީގެ ބޮޑެތި ޕޭމެންޓުތަކެއް ދައްކަން ޖެހޭ މުއްދަތަކަށް ވާއިރު، އެކަން ދެމެހެއްޓެނިވި ގޮތަކަށް ކުރަންޖެހޭ ކަމަށް ބުންޏެވެ.

" މިދިޔަ އަހަރުގައި ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް ދައުލަތުން ތައްޔާރުވެ، ބޭރު ފައިސާގެ ރިޒާވް ދަރަނި ދެއްކުމަށް ބޭނުންވާ މިންވަރަށް އިތުރުކޮށް، މި ހަރަދުތަކަކީ އަހަރުތެރޭ ބަޖެޓުން ކުރެވޭނެ ހަރަދުތަކެއްކަން ޔަގީންކުރުމަކީ މުހިއްމު ކަމެއް" އޮޑިޓް އޮފީހުން ބުންޏެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ހިލޭއެހީއާއި އާމްދަނީއަށް 39.8 ބިލިއަން ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު 51 ބިލިއަން ރުފިޔާ ހަރަދުތަކަށް ދާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. މިއީ 9.4 ބިލިއަންގެ ޑެފިސިޓެކެވެ.

https://wamco.com.mv/
tel:+9607331319