
ރައީސް މުއިއްޒު ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން---
ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅަކީ ދެ ގައުމުގެ ގުޅުން އައު އުސްމިންތަކަކަށް ގެންގޮސްދިން ތާރީހީ ބާބެއް: ރައީސް

ޖިނާން ޙުސައިން ޖަބީން - 23 އޮކްޓޯބަރު 2026 - 12:33
ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅަކީ، ދިވެހިރާއްޖެއާއި ޕާކިސްތާނުގެ ޒަމާންވީ އަހުވަންތަ ގުޅުން އައު އުސްމިންތަކަކަށް ގެންގޮސްދިން ތާރީހީ ބާބެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މި މޭރުމުން ވިދާޅުވީ، ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ. ރައީސް މުއިއްޒު ވިދާޅުވީ، އެ މަނިކުފާނުގެ ދެކަނބަލުންނަށާއި ދިވެހި ވަފުދަށް ޕާކިސްތާނުން އަދާކުރި މެހުމާންދާރީއަށްޓަކައި، އެ ގައުމުގެ ރައީސް އާސިފް އަލީ ޒަރްދާރީއަށާއި ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ އިތުރުން އެ ގައުމުގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފައެވެ.
ދެ ގައުމުގެ އިގްތިސާދީ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ދެމެހެއްޓެނިވި އެކުވެރިކަން ދެ ގައުމުގެ ރައްޔިތުންނަށް ފައިދާހުރި ހަގީގީ ނަތީޖާއަކަށް ބަދަލުކުރުމަށް އެއްބަސްވެވިފައިވާ ކަމަށެވެ. އެގޮތުން، މިހާރު ދެ ގައުމުގެ ދެމެދުގައި އޮތް 13 މިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރީގެ މުއާމަލާތްތައް، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި 200 މިލިއަން އެމެރިކާ ޑޮލަރަށް ފުޅާކުރުމަށް އަމާޒު ހިފާފައިވާކަން އެ މަނިކުފާނު ހާމަކުރެއްވިއެވެ.
މި އަމާޒުތައް ހަގީގަތަކަށް ހެދުމަށްޓަކައި ބޭއްވުނު "މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް" ވެގެންދިޔައީ، ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިން ވަރުގަދަ ބިންގަލެއް އެޅިގެންދިޔަ މުހިންމު ފުރުސަތަކަށްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި ބަދަލުކުރެވުނު 20 ފަހުމުނާމާއަކީ، ހަމައެކަނި އުއްމީދުތަކެއްގައި ނުތިބެ، އަމަލީ ނަތީޖާ ނެރުމަށް ދެ ގައުމުން ދޭ އިސްކަން ރަމްޒުކޮށްދޭ އަލިގަދަ ހެއްކެއް ކަމަށެވެ.
ދެ ގަައުމުގެ ދެމެދުގައި އޮތް 60 އަހަރުވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އިސްލާމްއާބާދުން އެނބުރި ވަޑައިގަންނަވަނީ ދެ ގައުމުގެ ލާބައާއި މަންފާއަށްޓަކައި ގާއިމުކުރެވުނު ވަރުގަދަ އަދި ދެމެހެއްޓެނިވި ބައިވެރިވުމުގެ ފުރިހަމަ އިތުބާރާއެކު ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ސްޕެއިންގައި ހިނގި ރޭލު އެކްސިޑެންޓާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
4 ގަޑިއިރު ކުރިން

ރާއްޖެއާއި ޕާކިސްތާނާ ދެމެދު މޯލްޑިވިއަންގެ ސީދާ ދަތުރުތައް ވަރަށް އަވަހަށް ފަށާނެ: ރައީސް މުއިއްޒު
8 ދުވަސް ކުރިން

ޕާކިސްތާނުގެ ޔުނިވަރސިޓީއަކުން ރައީސް މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އަރުވައިފި
9 ދުވަސް ކުރިން

އައު އީޖާދުތަކުގެ މައްޗަށް ބިނާކޮށް، ދެމެހެއްޓެނިވި ކާބޯތަކެތީގެ ނިޒާމެއް ބިނާކުރުން މުހިއްމު: ރައީސް
14 ދުވަސް ކުރިން


