logo

ކަނޑުގެ ލޮނުގަނޑު އުފުލުމާއި ދެކޮޅަށް ކުރާ މަސައްކަތުގައި ވިލުންތެރިކަން އިތުރުކުރަންޖެހޭ: ނައިބު ރައީސް

profile

މުޙައްމަދު ފަޟްލޫން - 25 ސެޕްޓެމްބަރު 2026 - 06:35

ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ނުރައްކަލަށް އޮތް ހައްލަކީ ފަހަތަށް ޖެހުމުގެ ބަދަލުގައި، ވިލުންތެރިކަން އިތުރުކުރުން ކަމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

އދ. ގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހަވާސާގައި ބޭއްވި ހައި ލެވެލް ޕްލެނަރީ މީޓިންގ އޮން އެޑްރެސިންގ ދަ އެގްޒިސްޓެންޝަލް ތުރެޓްސް ޕޯޒްޑް ބައި ސީ ލެވެލް ރައިޒް ގައި ވާހަކަފުޅު ދައްކަވަމުން، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ދިވެހިރާއްޖެ ފަދަ ނާޒުކު ޤައުމުތަކަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

މީގެ ގާތްގަނޑަކަށް ސާޅީހަކަށް އަހަރު ކުރިން، 1989 ވަނަ އަހަރު ބޭއްވުނު މާލެ ޑިކްލަރޭޝަން އޮން ގްލޯބަލް ވޯމިންގ އެންޑް ސީ ލެވެލް ރައިޒް މެދުވެރިކޮށް، ދިވެހިރާއްޖެއިން މި ކާރިސާގެ ނުރައްކާ އދ. ގެ ސަމާލުކަމަށް ގެނައިކަން ނައިބު ރައީސް ހަނދުމަފުޅުކޮށްއެރުވިއެވެ. އަދި އޭރު ދެއްވި އިންޒާރަކީ މިއަދު އިހުނަށްވުރެ ނުރައްކާ ބޮޑު، ކުއްލި ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ މައްސަލައަކަށް ވެފައިވާކަން އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ (ސިޑްސް) އުމްރާނީ ވަސީލަތްތަކަށާއި، ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށާއި، މައިގަނޑު އިގްތިސާދީ ދާއިރާތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަން ބަޔާންކުރައްވައި، މައިގަނޑު ތިން ދާއިރާއަކުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

އެގޮތުން އެންމެ ފުރަތަމަ އިސްކަންދޭންޖެހޭ ކަމެއްގެ ގޮތުގައި ނައިބު ރައީސް ފާހަގަކުރެއްވީ، މޫސުމީ ބަދަލުތަކަށް ހޭނުމަށްޓަކައި ބޭނުންވާ މާލީ އެހީތެރިކަން އެކަށީގެންވާ މިންވަރަކަށް، ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމެވެ.

ކުދި ޖަޒީރާ ގައުމުތަކަށް ފޯރުކޮށްދޭ މާލީ އެހީތެރިކަމަކީ ދުރާލާ ލަފާކުރެވޭ، ފަސޭހަކަމާއެކު ލިބިގަނެވޭނެ، އަދި ލުއި ޝަރުޠުތަކާއެކު ދެވޭ ހިލޭ އެހީއަކަށް ވާންޖެހޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ކުރިމަތިވެދާނެ ނުރައްކާތަކުން ރައްކާތެރިވުމަށްޓަކައި މާލީ އެހީތެރިކަން އަވަސް ފުރުސަތެއްގައި ލިބުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ވަޒަންނުކުރެވޭ މައްސަލައަކަށް ބައިނަލްއަގްވާމީ މުޖުތަމައަށް އެކަށޭނަ ހައްލެއް ނުހޯދޭނެތީ، ކަނޑުގެ ލޮނުގަނޑު އުފުލޭ މިންވަރު މެދުކެނޑުމެއްނެތި ބަލައި ދެނެގަނެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

ކަނޑުގެ ލޮނުގަނޑު އުފުލި، ބިމުގެ ޖިއޮގްރަފީއަށް ބަދަލުތަކެއް އަޔަސް، ޤައުމުތަކުގެ ކަނޑުގެ ސަރަޙައްދުތަކާއި، ގައުމީ ސިޔާދަތާއި، އދ. ގެ މެންބަރުކަން ފަދަ ގާނޫނީ ހައްގުތަކާއި ޙައިސިއްޔަތަށް އެއްވެސް އުނިކަމެއް ނާންނާނެކަން ބައިނަލްއަގްވާމީ ގާނޫނުތަކުގެ ތެރެއިން ކަށަވަރުވާންޖެހޭ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކުގައި މޫސުމީ ވިލުންތެރިކަން ހިމެނުމަށް ގޮވާލައްވަމުން، ރާއްޖޭގެ ތިންވަނަ ނޭޝަނަލީ ޑިޓަރމައިންޑް ކޮންޓްރިބިއުޝަން (އެން.ޑީ.ސީ) ގެ ދަށުން މި މަސައްކަތްތައް ކުރިއަށްދާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި މިފަދަ އިންވެސްޓްމަންޓްތަކަށް ބައިނަލްއަޤްވާމީ އެހީތެރިކަމަށް އެދިވަޑައިގެންނެވިއެވެ.

މީގެއިތުރުން، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައަށް ދުނިޔޭގެ ސަމާލުކަން ނުހަނު ބޮޑަށް ބޭނުންވާކަން ބަޔާންކުރައްވައި، މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ވެފައިވާ ވަޢުދުތައް އަމަލީގޮތުން ތަންފީޒުކޮށް، އަންނަން އޮތް ޖީލުތަކުގެ މުސްތަގްބަލް ރައްކާތެރިކޮށްދިނުމަށް ދުނިޔޭގެ ލީޑަރުންނަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

https://wamco.com.mv/
tel:+9607331319