
ރާއްޖެ-އިންޑިއާ މިނިވަން ވިޔަފާރީގެ މަޝްވަރާތަކުގެ ދެވަނަ ބުރު ނިންމާލައިފި

އާމިނަތު ޝަޒްލާ - 25 ސެޕްޓެމްބަރު 2026 - 10:09
ދިވެހިރާއްޖެއާއި އަވައްޓެރި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް (އެފްޓީއޭ) އެކުލަވާލުމަށްޓަކައި ކުރިއަށްގެންދާ ރަސްމީ މަޝްވަރާތަކުގެ ދެވަނަ ބުރު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން އެކްސްގައި ހިއްސާކުރި މަޢުލޫމާތުގައިވާ ގޮތުން، މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ މި ސެޕްޓެމްބަރު މަހުގެ 20 އިން 23 އަށް މާލޭގައެވެ.
ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ބައްދަލުވުންތަކުގައި ދެ ޤައުމުގެ ދެމެދުގައި މުދަލާއި ޚިދުމަތް ބަދަލުކުރުމާއި، ވިޔަފާރި ފުޅާކުރުމުގެ އިތުރުން "ރޫލްސް އޮފް އޮރިޖިން" އާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ ވާހަކަދެކެވިފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އިޤްތިޞާދީ އަދި ފަންނީ އެއްބާރުލުން އިތުރުކުރެވިދާނެ މުހިންމު ދާއިރާތަކާ ގުޅޭގޮތުން، ދިވެހި ދައުލަތުގެ ކަމާގުޅުންހުރި އެކި މުއައްސަސާތަކާއި ސްޓޭކްހޯލްޑަރުންނާއެކު ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.
އިޤްތިޞާދީ ވުޒާރާއިން ހާމަކުރި ގޮތުގައި، އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ވިޔަފާރިއާއި އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކޮށް ހަރުދަނާކުރުމަށާއި، މިނިވަން ވިޔަފާރީގެ އެއްބަސްވުން (އިންޑިއާ-މޯލްޑިވްސް ފްރީ ޓްރޭޑް އެގްރީމަންޓް / އައި.އެމް.އެފް.ޓީ.އޭ) ހަޤީޤަތަކަށް ހެދުމަށްޓަކައި އިންޑިއާ ސަރުކާރާއެކު ބިނާކުރަނިވި ގޮތެއްގައި ގާތުން މަސައްކަތް ކުރުމުގައި ދިވެހިރާއްޖެއިން އަބަދުވެސް ދެމިއޮންނާނެއެވެ.
އިންޑިއާއަކީ ޒަމާނުއްސުރެ ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި، ޒަރޫރީ ސާމާނާއި، ބޭސްފަރުވާ އަދި އިމާރާތްކުރުމުގެ ސާމާނު އެންމެ ގިނައިން އެތެރެކުރާ އެއް ޤައުމެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގައިވެސް އިންޑިއާއަކީ މުހިންމު ހިއްސާދާރެކެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުކުރާ މަހުގެ ބާވަތްތަކަށް ބޭރުގެ ބޮޑެތި މާކެޓްތަކުން ފުރުޞަތު ހޯދުމަކީ ރާއްޖޭގެ އިޤްތިޞާދަށް ނުހަނު މުހިންމު ކަމެކެވެ.
ސަރުކާރުން އިޤްތިޞާދު ސިންދަފާތުކޮށް (ޑައިވާސިފައިކޮށް)، ރާއްޖެއަށް ލިބޭ ވިޔަފާރީގެ ފުރުޞަތުތައް ފުޅާކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، އަވައްޓެރި އަދި ބައިނަލްއަޤްވާމީ ބޮޑެތި އިޤްތިޞާދުތަކާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ޤާއިމުކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވައެވެ. މިގޮތުން އިންޑިއާއާއެކު ވެވޭ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން، ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ ޓެރިފްތައް ކުޑަކުރެވި، ވިޔަފާރިވެރިންނަށް ފަސޭހަތަކެއް ލިބިގެންދާނެއެވެ.
މި އެއްބަސްވުމުގެ ސަބަބުން ދިވެހި މަސްވެރިންނާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އިންޑިއާގެ ބޮޑު މާކެޓަށް ވާދަވެރި އަގުތަކެއްގައި ވަނުމުގެ ދޮރު ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ. އަދި އިންޑިއާއިން ރާއްޖެއަށް މުދާ އެތެރެކުރުމުގައި ދިމާވާ ދަތިތަކަށް ލުއިފަސޭހަކަން ލިބި، ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގުތައް ހަމަހަމަ މިންގަނޑެއްގައި ހިފެހެއްޓުމަށްވެސް މި އެއްބަސްވުން އެހީތެރިވެދޭނެއެވެ.
މި މަޝްވަރާތަކުގެ ފުރަތަމަ ބުރު ކާމިޔާބުކަމާއެކު ކުރިއަށް ގޮސްފައިވާއިރު، ދެވަނަ ބުރު ނިމިގެން ދިޔައީވެސް ދެ ޤައުމަށް ފައިދާހުރި ގޮތެއްގައި އެއްބަސްވުމަކަށް ވާޞިލުވުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައެވެ. ދެ ޤައުމުގެ އިސް އޮފިޝަލުން އުއްމީދު ކުރައްވަނީ ކައިރި މުސްތަޤްބަލެއްގައި މަޝްވަރާތައް އެއްކޮށް ނިންމައި، މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކުރެވިގެންދާނެ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

މޫސުން ގޯސްވުމުން ފުލުހުންގެ ކުޑަކުދިންގެ ހަވީރު ފަސްކޮށްފި
7 މިނިޓު ކުރިން

ރާއްޖޭގެ ހާރިޖީ ވަޒީރު އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރާއި ބައްދަލުކުރައްވައިފި
32 މިނިޓު ކުރިން

ތޫނު އެއްޗަކުން ބިރުދެއްކި މީހަކު ހައްޔަރުކޮށްފި
34 މިނިޓު ކުރިން
.jpg&w=3840&q=75)
ކަނޑުގަދަވެ ވިއްސާރަވާނެތީ ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް އެމްއެންޑީއެފްގެ އިލްތިމާސް!
35 މިނިޓު ކުރިން


