logo

ޓީޓީތަކަށް ވިއްކާ ޑޮލަރުގެ މިންވަރު އިތުރުކުރަން ބީއެމްއެލް އިން ނިންމައިފި

profile

މުޙައްމަދު ފަޟްލޫން - 12 އޯގަސްޓު 2026 - 17:02

ޓީޓީތަކަށް ވިއްކާ ޑޮލަރުގެ މިންވަރު އިތުރުކުރަން ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އިން ނިންމައިފިއެވެ.

https://wamco.com.mv/

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން 3 ހަފްތާގެ މުއްދަތަކަށް ބޭންކުތަކަށް ދޫކުރާ ބޭރު ފައިސާގެ މިންވަރު އިތުރުކުރުމާ ގުޅިގެން، ބީއެމްއެލް ލިބޭ ޑޮލަރުގެ މިންވަރާއި ކަސްޓަމަރުން ހުށަހަޅާ ޓެލެގްރެފިކް ޓްރާންސްފަރ (ޓީޓީ)ތަކުގެ އަދަދަށް ރިއާޔަތްކޮށް، ތިން ހަފްތާގެ މުއްދަތަކަށް ޓީޓީތަކަށް ޑޮލަރު ފޯރުކޮށްދޭ މިންވަރު އިތުރުކުރުމަށް ނިންމާފައިވާ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ޓީޓީ ފޮނުވުމަށް، ބޭންކުން 186 މިލިއަނަށްވުރެ ގިނަ ޑޮލަރު ކަސްޓަމަރުންނަށް ދޫކޮށްފައިވެއެވެ.

މިއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 27 މިލިއަން ޑޮލަރެވެ. މިއީ މިދިޔަ އަހަރުގެ މަހެއްގެ އެވްރެޖާ އަޅައިބަލާއިރު 12 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ.

ފާއިތުވި 7 މަސްދުވަހުގެ ތެރޭގައި ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ގާތްގަނޑަކަށް 570 މިލިއަން ޑޮލަރު ބޭންކުން ވަނީ ފޯރުކޮށްދީފައެވެ.

މިއީ އެވްރެޖްކޮށް ދުވާލަކަށް 2.7 މިލިއަން ޑޮލަރެވެ.

މި ފުރުސަތުގައި އާންމު ފަރުދުންނަށާއި ވިޔަފާރިތަކުގެ އެކި ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ބޭންކު ދެމިއޮންނާނެކަމުގެ ޔަގީންކަން ބީއެމްއެލް އިން ވަނީ ދީފައެވެ.

ބޭންކުގެ އެންމެ މުހިންމު އެއް މަސްއޫލިއްޔަތަކީ ކަސްޓަމަރުންގެ ބޭނުންތަކާއި ބޭންކުގެ ބޭރު ފައިސާގެ ހާލަތު ދެމެހެއްޓެނިވި ގޮތެއްގައި ބެލެންސްކޮށް ދެމެހެއްޓުމެވެ.

https://wamco.com.mv/
tel:+9607331319