logo

ހޯޕް އައިލެންޑްގެ ކޮންސެޕްޓް ފުލުހުންގެ މަރުކަޒެއްގައި ތަންފީޒުކުރަނީ

profile

ޒިދާން މުޙައްމަދު - 18 ޖުލައި 2025 - 13:55

ކުށުގެ ވެއްޓަށް ހުށައެޅޭ ކުދިން އިސްލާހުކުރުމަށް ކުރިއަށްގެންދާ 'ހޯޕް އައިލެންޑް'ގެ ކޮންސެޕްޓް، އަންނަ މަހުން ފެށިގެން ފުލުހުންގެ މަރުކަޒެއްގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

މިނިސްޓަރ މިފަދައިން ވިދާޅުވީ، ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގެ ތެރޭގައި މަސައްކަތްކުރައްވާ މުއައްސަސާތައް އިތުރަށް ހަރުދަނާކުރުމުގެ މަޤުސަދުގައި ޑިޕާޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން އިސްނަންގަވައިގެން ކުރިއަށްގެންދިޔަ ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

9ވަނަ ޖުވެނައިލް ޖަސްޓިސް ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ޢަލީ އިޙްސާން ވިދާޅުވީ، ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގެ ތެރޭގައި ފާހަގަކުރެވިފައިވާ އެންމެ ބޮޑު އެއް ހުސްކަމަކީ ކުޑަކުދިންނަށް ރައްކާތެރި މާޙައުލެއްގައި އިންޓަރވެންޝަން ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ވަސީލަތްތައް ނެތުން ކަމަށެވެ.

އެގޮތުން މި ނިޒާމުގެ އެކި މަރުޙަލާތަކުގައި ތިބޭ ކުދިންނަށް ރައްކާތެރިކަމާއެކު، އަދި އެންމެ އެދެވޭ ގޮތެއްގައި ދެވަނަ ފުރުޞަތެއް ހޯދައިދިނުމަށް ބޭނުންވާ ޖާގައާއި ވަސީލަތްތައް ދަޢުލަތުގެ ތެރޭގައި މީގެ ކުރިން ޤާއިމްކުރެވިފައި ނެތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަމާޒަކީ 2027ވަނަ އަހަރު ނިމުމުގެ ކުރިން ހޯޕް އައިލެންޑުގެ މަސައްކަތް ނިމި ކުޑަކުދިންނަށް ލިބެންޖެހޭ ފަރުވާގެ ކަންކަން ފެށިގެން ދިޔުން ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ހޯޕް އައިލެންޑަކީ ކުށުގެ ވެށީގައި އުޅޭ ކުދިން ރިހެބިލިޓޭޓްކޮށް އަނބުރާ މުޖުތަމަޢަށް ނެރުމަށް ބޭނުންވާ މަސައްކަތްތަކަށް ޤާއިމުކުރާ ތަނެކެވެ. މި މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުންނެވެ.

ހޯޕް އައިލެންޑުގެ މަސައްކަތްތަކާ ގުޅޭގޮތުން ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ހޯޕް އައިލެންޑް ހެދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި ކަމަށާއި އެގޮތުން މިހާތަނަށް އެ ރަށް ހެދުމަށްޓަކައި ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކުގެ ބިޑްތަކުގެ ތަފްސީލްތައް މި މަހުގެ 25ވަނަ ދުވަހު ލިބޭނެ ކަމަށެވެ.

ހޯޕް އައިލެންޑުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ހޯޕް އައިލެންޑްގެ މަސައްކަތަށް 15 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ. މިއީ ފެސިލިޓީގައި މަސައްކަތްކުރާ ފަރާތްތައް ހިމެނޭހެން ޖުމްލަ 700 މީހުންނަށް ތިބެވޭ ގޮތަށް ތަރައްގީކުރާ ފެސިލިޓީއެކެވެ. އެތަނުގައި ރެޒިޑެންޝަލް ޔުނިޓް، އެޑިއުކޭޝަން ހަބް، ޓްރެއިނިން ފެސިލިޓީ، ކުޅިވަރުކުޅެވޭނެ ތަންތަން، މެޑިކަލް ފެސިލިޓީގެ އިތުރުން 700 މީހުންގެ ޖާގައިގެ މިސްކިތަކާއި ކޮމިއުނިޓީ އެންޑް ފެމިލީ އޭރިއާވެސް ހިމެނެއެވެ.

ހޯޕް އައިލެންޑަށް ގެންދާ ކުދިން ޢުމުރުން ކުދިން 18 އަހަރު ވަންދެން އެތަނުގައި އުޅޭނެ ކަމަށް ސަރުކާރުންވަނީ ކުރިން ވިދާޅުވެފައެވެ. އެތަނުގައި ކުދިންގެ އަޚުލާގު ރަނގަޅުކުރުމަށް ހިންގާ ޕްރޮގްރާމްތަކާއި ތަޢުލީމާއި ތަމްރީން ދިނުމާއި އަދި ވަކި އުމުރަކަށް ދިއުމަށް ވަޒީފާގެ ތަޖުރިބާ އާއި ފުރުސަތުތައް ހޯދައިދޭނެއެވެ.

https://etukuri.mv/
https://www.aslu.com.mv