
ޣައްޒާ ހިންގުމުގެ ކަންކަން ބަލަހައްޓަން ފަލަސްތީނު ސަރުކާރުގެ ކެބިނެޓުން ޚާއްސަ ޓާސްކް ފޯހެއް އުފައްދައިފި

ސައިފް އަޒުހަރު - 04 ފެބްރުއަރީ 2025 - 13:51
ޣައްޒާ ހިންގުމުގެ ކަންކަން ބަލަހައްޓަން، ރާމަﷲގައި ވެރިކަންކުރާ ފަލަސްތީނު ސަރުކާރުގެ ކެބިނެޓުން ޚާއްސަ ޓާސްކް ފޯހެއް އުފައްދައިފިއެވެ.
ކެބިނެޓުން މިފަދަ ޓާސްކް ފޯހެއް މި އުފެއްދީ، ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އަންގަވައިގެންނެވެ.
މިއީ، ފަލަސްތީނުގެ ސަރަޙައްދީ އެއްބައިވަންތަކަން ވަރުގަދަކޮށް، ގައުމީ އެއްބައިވަންތަކަން އުފެއްދުމަށް އަމާޒުކޮށްގެން އެޅުމަށް ސަރުކާރުން ނިންމި މުހިންމު ފިޔަވަޅެއް ކަމަށް ވެއެވެ.
ޣައްޒާ ހިންގުމުގެ ކަންކަން ބެލެހެއްޓުމަށް ޚާއްސަ ޓާސްކް ފޯހެއް ކެބިނެޓުން އުފެއްދިކަން އިއުލާން ކުރެއްވީ، ފަލަސްތީނުގެ ބޮޑުވަޒީރު މުޙައްމަދު މުސްޠަފާއެވެ.
މިކަން އިއުލާން ކުރެއްވުމަށްފަހު ބޮޑުވަޒީރު ވިދާޅުވީ، މި މަސައްކަތުގެދަށުން އެންމެ އިސްކަމެއްދީގެން ފަލަސްތީނު ސަރުކާރުން މިހާރު ގެންދަނީ މިސްރާއި އަދި އެނޫންވެސް ޖަމާއަތްތަކާ ގުޅިގެން ޣައްޒާއަށް އަވަސްމަގަމުން އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.
ފަލަސްތީނު ސަރުކާރުގެ މި މި އިސްނެގުމަކީ ޣައްޒާއަށް އިމަޖެންސީކޮށް ބޭނުންވާ މުހިންމު އިންސާނީ އެހީތައް ފޯރުކޮށްދިނުން އަވަސްކުރުމަށް ކުރުމާއި، އިންސާނީ އެހީ އެތެރެކުރާނެ އިތުރު މަގުތައް ހުޅުވުމާއި، އަދި ޣައްޒާއިން ކުނިތައް ނަގައި ސާފުކުރުމުގެ އިތުރުން، ގެދޮރު ހަލާކުވެފައިވާ މީހުންނަށް ވަގުތީ ހިޔާތަކެއް ގާއިމްކުރުން ކަމަށް ބޮޑުވަޒީރު މުޙައްމަދު މުސްޠަފާ ވިދާޅުވިއެވެ.
ބޮޑުވަޒީރު ވިދާޅުވީ، ޣައްޒާގެ އިންފްރާސްޓްރަކްޗަރ އަލުން ގާއިމްކުރުމަށް ރޭވުންތެރިކަމާއެކު މަސައްކަތް ކުރެވޭނޭ ކަމަށެވެ.
ޣައްޒާގެ ކަންކަން ބަލަހައްޓަން ޚާއްސަ ޓާސްކް ފޯހެއް އުފެއްދިއިރު، 2007 ވަނަ އަހަރުން ފެށިގެން ޣައްޒާގައި ވެރިކަން ކުރަމުންގެންދަނީ ހަމާސްއިންނެވެ. ހަމާސްއިން ޣައްޒާގައި ވެރިކަން ކުރަމުން ގެންދަނީ ވަކި ސަރުކާރެއްގެ އޮނިގަނޑެއް އެކުލަވާލައިގެންނެވެ.
ޣައްޒާއާ ދެކޮޅަށް އިސްތިއުމާރީ އިސްރާއީލުން ހިންގި ނަސްލުނައްތާލުގެ ޖަރީމާ މިވަގުތަށް ހުއްޓާލާފައި އޮތް ނަމަވެސް، އިސްރާއީލުން ބުނަމުންގެންދަނީ ޣައްޒާގައި ދެން ހަމާސްއަށް ވެރިކަން ކުރެވިގެން ނުވާނޭ ކަމަށެވެ. އެ ފުރުސަތު ނުދޭނޭ ކަމަށެވެ.
ހަމާސްގެ ދުވަސް ދުއްވާލާފައިނޫނީ ނުފައިބާނޭ ކަމަށް ބުނެ، 15 މަހަށްވުރެ ގިނަދުވަސް ވަންދެން އެއްގަމާއި، ވަޔާއި އަދި ކަނޑުމަގުން މުޅި ޣައްޒާއަށް ބޮންއަޅައި، މިސައިލާއި ބޮޑުބަޑިން ހަމަލާދީ 48،000 އާ ގާތްކުރާ އަދަދެއްގެ މީހުން ޝަހީދުކޮށްލިއިރު، ގިނައީ ކުޑަކުދިންނާއި، އަންހެނުންނާއި، އުމުރުން ދުވަސްވީ މީހުންނެވެ.
ނަމަވެސް، ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށުމާއެކު ހަމާސް ފެނިގެންދިޔައީ ކުރިއަށްވުރެންވެސް ވަރުގަދަ ކޮށެވެ. ހަމާސްގެ ފުލުހުން މަގުތަކަށް ނުކުމެ ފޯރިމަރަން ފެށުމާއެކު އިސްރާއީލަށާއި ދުނިޔެއަށްވެސް ހާމަވެގެންދިޔައީ ޣައްޒާގެ މައްޗަށް ހަމާސްގެ ކޮންޓްރޯލް އޮތް ވަރެވެ.
އިސްރާއީލާއި، އެމެރިކާވެސް ބޭނުންވަނީ ހުޅަނގު އައްސޭރީގައި އޮންނަ ފަލަސްތީނު ސަރުކާރުގެ ކޮންމެވެސް ވަރެއްގެ ހިންގުމުގެ ބާރު ޣައްޒާއަށް އޮތުމަށެވެ. އެއީ، އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރިވެސް މިހާރު އޮންނަ ގޮތަށެވެ.
އެކަމަކު، ހަމާސްއިން ބުނަމުން ގޮސްފައިވަނީ، ހަމާސްގެ ބަހެއްނެތި، ޣައްޒާގެ މުސްތަގްބަލް ކަނޑައެޅުމުގެ ހައްގު، މަހްމޫދު އައްބާސްގެ ސަރުކާރަކަށް، އިސްރާއީލަކަށް އަދި އެމެރިކާއަކަށްވެސް ލިބިގެން ނުވާ ކަމަށެވެ. އެކަން ނިންމާނީ ޣައްޒާގެ ރައްޔިތުން ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ރާއްޖެ އާއި ފަލަސްތީނާއި ދެމެދު ކުޅެވޭ ފުޓްބޯޅަ މެޗްގެ ސްވެނިއާ ޓިކެޓް ރައީސް ބައްލަވައިގެންފި
2 މަސް ކުރިން
.webp&w=3840&q=75)
ދެކުނު ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް، ޚާން ޔޫނިސްގައި ބޮމުގެ އަޑުފައްގަނޑު!
2 މަސް ކުރިން
.webp&w=3840&q=75)
ހަމަލާތައް ހުއްޓާލި ކަމަށް ބުނި ފަހުން އެކަނިވެސް ޣައްޒާއިން 28 މީހުން ޝަހީދުކޮށްލައިފި
3 މަސް ކުރިން
.webp&w=3840&q=75)
ހަމަލާތައް ހުއްޓާލިޔަސް ބަނޑުހައިހޫނުކަމަށް ނިމުމެއް ނެތް، ޣައްޒާ ރޮނީ!
3 މަސް ކުރިން


