logo

ޖެނީން ސިޓީއަށްފަހު، އިސްރާއީލު ސިފައިން ތުލްކަރަމް ސުންނާފަތި ކުރަންފަށައިފި

profile

ސައިފް އަޒުހަރު - 04 ސެޕްޓެމްބަރު 2024 - 13:30

ތުލްކަރަމްގެ މަގުތައް މިހާރު ހުރި ހާލަތު:

ތުލްކަރަމްގެ މަގުތައް މިހާރު ހުރި ހާލަތު:

ހިފާފައިވާ ހުޅަނގު އައްސޭރީގެ ޖެނީން ސިޓީއަށްފަހު، އިސްތިއުމާރީ އިސްރާއީލު ސިފައިން ތުލްކަރަމް ސިޓީ ސުންނާފަތި ކުރަމުން އެބަގެންދެއެވެ.

ފަލަސްތީނުން ލިބޭ ހަބަރުތައް ބުނާގޮތުގައި ތުލްކަރަމް ހަލާކުކުރަމުންދާތާ މިއަދަށް ތިންދުވަސް ވެއްޖެއެވެ.

އެގޮތުން، އިސްތިއުމާރީ ސިފައިން ގެންދަނީ ބުލްޑޯޒަރުތައް ބޭނުންކޮށްގެން ތުލްކަރަމްގެ ހުރިހާ މަގުތައް ހަލާކުކޮށް، އާންމުންގެ ގެދޮރާއި، އިމާރާތްތައްވެސް ވައްޓައި ބިމާހަމަ ކުރަމުންނެވެ. ތުލްކަރަމްގެ ހަމަ އެންމެ މަގެއްވެސް، ޓެރަރިސްޓުން ހަލާކުނުކޮށް ދޫކޮށް ނުލާ ކަމަށް ފަލަސްތީނު ނޫސްވެރިން ބުނެއެވެ.

ނުވިތާކަށް، އާންމުންގެ ފިހާރަތައްވެސް ބުލްޑޯޒަރުން ކަހައި ހަލާކުކުރަމުންދާ ކަމަށް ބުނެއެވެ.

އަދި ކަރަންޓު ވިއުގަތަކާއި، ފެނުގެ ނިޒާމާއި، ފާޚާނާ ނިޒާމުވެސް ގެންދަނީ ހަލާކުކުރަމުންނެވެ.

މީގެއިތުރުން، ތުލްކަރަމްގެ ރެފިއުޖީ ކޭމްޕްތަކަށް ވަދެގަނެ، ގެތަކާއި ޓެންޓުތަކުގައި ހުޅުޖަހަމުންދާ ކަމަށްވެސް ފަލަސްތީނުން ލިބޭ ރިޕޯޓްތައް ބުނެއެވެ. ރެފިއުޖީ ކޭމްޕްތަކުގައި ރަބަރު އެންދުމުގެ ސަބަބުން އެތައް އާންމުން ނޭވާހާސްވެ ފަރުވާދޭން ޖެހުނު ކަމަށް ފަލަސްތީނު ރެޑް ކްރެސެންޓުން ބުނެފައި ވެއެވެ.

ޒަޔަނިސްޓު ސްނައިޕަރުން ތުލްކަރަމްގެ އުސް އިމާރާތްތަކުގެ މައްޗަށް އަރައި ފާރަލަމުންދާއިރު، ޖާސޫސީ ޑްރޯންތައް އެކި އަވަށްތަކުގައި އުދުއްސަމުންދާ ކަމަށްވެސް ބުނެފައި ވެއެވެ.

އަދި އިސްތިއުމާރީ ސިފައިން ބައެއް އަވަށްތަކަށް ވަދެގަނެ އާންމުންގެ ގެތައް ރެއިޑްކޮށް ތަހްގީގު ހިންގައި އާންމުންނާ ހަރުކަށިކޮށް ސުވާލުތައް ކުރަމުންދާ ކަމަށްވެސް ފަލަސްތީނުން ބުނެއެވެ.

އަދި ބުލްޑޯޒަރުތަކާއި އަސްކަރީ ވެހިކަލްތައް އަތުރައި، ތުލްކަރަމްގެ އެތައް މަގެއް ބަންދުކޮށް، އާންމުންނަށް އަސާސީ ޚިދުމަތެއް ހޯދަންވެސް ބޭރަށް ނުކުންނަން ދަތިކޮށްފައިވާ ކަމަށް ފަލަސްތީނު މީޑިއާއިން ބުނެއެވެ.

ތުލްކަރަމްގެ އަލްއިސްރާ ސްޕެޝަލައިޒްޑް ހޮސްޕިޓަލާއި، މާޓިއަރ ތާބިތު ތާބިތު ގަވަރްމަންޓް ހޮސްޕިޓަލްގެ ހިސާރު އަދިވެސް ދޫކޮށްނުލާ ކަމަށާއި، އެމްބިއުލަންސަށް ހުރަސްއެޅުމާއި، އެމްބިއުލަންސް ކްރޫން ބަލައިފާސްކޮށް، ސުވާލުކޮށް ފުރައްސާރަކުރުންވެސް ހުއްޓާނުލާ ކުރިއަށް ގެންދެއެވެ.

އިސްތިއުމާރީ ސިފައިން ހުޅަނގު އައްސޭރީގެ ރަށްތަކުގައި މިދިޔަ ހަފްތާގެ ބުދަ ދުވަހުން ފެށިގެން ހިންގަމުންގެންދާ ޖަރީމާތަކުގައި މިހާތަނަށް 34 މީހަކު ޝަހީދު ކޮށްލާފައި ވާއިރު، ޖެނީނުން އެކަނިވެސް 19 މީހުން ޝަހީދުކޮށްލާފައި ވެއެވެ.

ދެން ޝަހީދުކޮށްލާފައިވަނީ ތުލްކަރަމުން 8 މީހުން، ތޫބާސްއިން 4 މީހުން އަދި ހަބްރޫނުން 3 މީހުންނެވެ.

މިއާއެކު، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ހުޅަނގު އައްސޭރީގެ ރަށްތަކުގައި އިސްތިއުމާރީ ޓެރަރިސްޓުން ހިންގަމުންގެންދާ ޖަރީމާތަކުގައި މިހާތަނަށް ޝަހީދުކޮށްލި މީހުންގެ އަދަދު 685 އަށް އަރާފައި ވާއިރު، އެތައްހާސް މީހުން ޒަޚަމްކޮށްލާފައި ވެއެވެ.

tel:+9607331319