logo

ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމަށް ނައިބުރައީސް އަޕިއާއަށް ވަޑައިގެންފި

profile

ޒިދާން މުޙައްމަދު - 22 އޮކްޓޯބަރު 2024 - 12:31

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ސަމޯއާއަށް ކުރައްވާ ދަތުރުފުޅުގައި މިއަދު އެޤައުމުގެ ވެރިރަށް އަޕިއާއަށް ވަޑައިގަތުމުން މަރުހަބާ ދަންނަވައިފިއެވެ.

މި ދަތުރުފުޅުގައި ނައިބުރައީސްގެ އަރިހުގައި ސަރުކާރުގެ އިސް ބޭފުޅުންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ނައިބުރައީސް ސަމޯއާގެ ވެރިރަށް އަޕިއާގެ ފަލެއޯލޯ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ސަމޯއާން މިނިސްޓަރ ފޮރ ޕޮލިސް އެންޑް ޕްރިޒަންސް އޮނަރަބަލް ފައުލޯ ހެރީ ޖެފްރީ ޝުސްޓަރ އާއި ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޮކްޓަރ އިރުތިޝާމް އާދަމެވެ.

ނައިބުރައީސްގެ މި ދަތުރުފުޅުގައި، ކްލައިމެޓް އެކްޝަން، ކްލައިމެޓް ފައިނޭންސް ފަދަ ބައިނަލްއަޤްވާމީ މުހިންމު ކަންކަމާ ބެހޭގޮތުން މަތީ ފަންތީގެ މަޝްވަރާތަކާއި، ކޮމަންވެލްތު ބިޒްނަސް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، ބައިނަލްއަޤްވާމީ ގޮތުން ރާއްޖޭގެ ދައުރު އިތުރަށް ހަރުދަނާ ކުރުމަށާއި، ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން ދުނިޔޭގެ ލީޑަރުންނާއެކު ބައިލެޓްރަލް ބައްދަލުވުންތައް ބޭއްވެވުމަށް ވަނީ ހަމަޖެހިފައެވެ.

ނައިބުރައީސްގެ މި ދަތުރުފުޅުގައި މިމަހުގެ 25 ވާ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޗޯގްމްގެ އެގްޒެކެޓިވް ސެޝަންތަކުގައި ރާއްޖޭގެ ޤައުމީ ބަޔާން އިއްވެވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން، ބައިނަލްއަޤްވާމީ މައިދާނުގައި އިސްކޮށް ޙަރަކާތްތެރިވެ، ބައިނަލްއަޤްވާމީ މުހިންމު ބައިވެރިންނާއެކު ގުޅުން ބަދަހިކުރެއްވުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވައެވެ.

ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައިވެސް އެމަނިކުފާނު ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ އަޑު އުފުލުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ބައިނަލްއަޤްވާމީ މައިދާނުގައި އިޙުތިރާމު ކުރާ، އަދި އިޙުތިރާމު ލިބޭ، ޤައުމަކަށް ރާއްޖެ ހެދުމުގެ މުހިންމުކަންވެސް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.


https://wamco.com.mv/
tel:+9607331319