
"ޕްރޮޖެކްޓް އައިލާ" ބިން ހިއްކައި ނިމި ގެދޮރު އަޅަން ތައްޔާރުވެއްޖެ!

ރިޟްވާން މޫސާ - 05 އޭޕްރީލު 2026 - 08:03
ރާއްޖޭގައި ދެމެހެއްޓެނިވި ޓައުންޝިޕް ތަރައްޤީކުރުމުގެ ފުރަތަމަ މަޝްރޫޢު "ޕްރޮޖެކްޓް އައިލާ"ގެ އަމަލީ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާ ކަމަށް އިންވެސްޓް މޯލްޑިވްސްއިން ވިދާޅުވެއްޖެއެވެ.
އެކުންފުނިން ވިދާޅުވީ، ބިން ހިއްކުމާއި ފަރުމާކުރުމުގެ ހުރިހާ މަސައްކަތެއް ނިމި، އިމާރާތްތަކާއި އިންފްރާސްޓްރަކްޗަރތައް ބިނާކުރުމުގެ މަރުހަލާތައް ފަށާފައިވާ ކަމަށެވެ.
"ޕްރޮޖެކްޓް އައިލާ"ގެ ނަމުގައި ދެމެހެއްޓެނިވި ޓައުންޝިޕެއްގެ ގޮތުގައި ޚާއްސަ އިގުތިޞާދީ ސަރަހައްދެއް (އެސްއީޒެޑް) އެއް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ގަރާރަކުން ކަނޑައަޅައި ނިންމާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 31 ވަނަ ދުވަހުގަ އެވެ.
"އައިލާ ސަސްޓެއިނެބަލް ޓައުންޝިޕް"ގެ ނަމުގައި ނ. އަތޮޅުގައި ދެމެހެއްޓެނިވި ޓައުންޝިޕެއް ތަރައްގީކުރަން، 790 މިލިއަން ޑޮލަރު ނުވަތަ 12 ބިލިއަން ރުފިޔާގެ އިންވެސްޓުމަންޓުގެ އެއްބަސްވުމުގައި ސަރުކާރުން އެދުވަހު ވަނީ ސޮއިވެސް ކޮށްފަ އެވެ.
ރައީސްގެ ގަރާރުން އެ ޒޯނުގައި އަށް ކަމެއް ކުރުމަށް ހުއްދަދީފައިވެއެވެ. އެއީ
- އެންމެ މަތީ ފެންވަރުގެ ރިއަލް އެސްޓޭޓް ތަރައްގީކުރުމަށް
- ބައިނަލްއަގުވާމީ ފެންވަރުގެ ސިއްހީ މަރުކަޒެއް ގާއިމުކުރުމަށް
- ބައިނަލްއަގުވާމީ ފެންވަރުގެ ހޮސްޕިޓަލިޓީ ތަމްރީނުދޭ މަރުކަޒެއް ގާއިމުކުރުމަށް
- ބޮޑެތި މުއްސަނދިންނާއި މަހުޖަނުންނަށް އަމާޒުކޮށް އަލްޓްރާ ލަގްޒަރީ ޓޫރިސްޓް ރިސޯޓާއި ހޮޓެލާއި މެރީނާއެއް ގާއިމުކުރުމަށް
- އެ ޒޯނުގައި ބޭނުންކުރާ ހަކަތައިގެ 60 ޕަސެންޓު މަދުވެގެން އިއާދަކުރުވަނިވި ހަކަތައަށް ހެދުމަށް
- ޒަމާނީ ދަނޑުވެރިކަމާއި އެކުއަކަލްޗާގެ ވަސީލަތްތައް ގާއިމުކުރުމަށް
- އެ ޒޯނުގައި ދިރިއުޅޭ ފަރާތްތަކާއި އެ ފަރާތްތަކުގެ އާއިލާތަކަށް ބޭނުންވާ ވަސީލަތްތައް ތަރައްގީކުރުމަށް
- ޒޯންގައި މަސައްކަތްކުރާ ފަރާތްތަކާއި އެ ފަރާތްތަކުގެ އާއިލާތަކަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް
"އައިލާ ސަސްޓެއިނެބަލް ޓައުންޝިޕް"ގެ ނަމުގައި ދެމެހެއްޓެނިވި ޓައުންޝިޕެއް ތަރައްގީކުރަން ސަރުކާރުން ނ. އަތޮޅުން ދޫކޮށްފައިވަނީ ދިގުފަރާއި ދިގުފަރުގެ އިރުމަތީގައި އޮތް ދެކެނަންފަރާއި ދިގުފަރުގެ ދެކުނުގައިވާ ކުރަމާދުއާއި ކުރަމާދޫ ފަޅެވެ. އެއީ ނ. އަތޮޅުގެ އެންމެ ހުޅަނގު އުތުރު ސަރަހައްދެވެ.
މި މަޝްރޫޢުގެ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ 2024 ވަަނަ އަހަރުގެ އެޕްރީލް މަހުއެވެ. އަދި މިދިޔަ އަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައި ބިން ހިއްކުމުގެ ހުރިހާ މަސައްކަތެއް އެއްކޮށްވަނީ ނިންމާލާފައެވެ.
ގާތްގަނޑަކަށް 6 މިލިޔަން ކިއުބިކް މީޓަރުގެ ވެލި ބޭނުންކޮށްގެން ހިއްކި މި ބިމުގެ ގިރާ ސަރަހައްދުތައް ހިމާޔަތްކުރުމަށްޓަކައި ތޮށިލުމުގެ މަސައްކަތްވެސް މިހާރު ވަނީ އެއްކޮށް ނިންމާފައެވެ.
ޕްރޮޖެކްޓް އާއިލާ ތަރައްގީ ކުރަމުންއަންނަ އިންވެސްޓް މޯލްޑިވްސްއިން ވިދާޅުވީ، ބައިނަލްއަޤުވާމީ ކޮންސަލްޓަންޓުންގެ އިރުޝާދުގެ ދަށުން، އަމަލީ ގޮތުން އިމާރާތްތައް ބިނާކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތަކާއި ލޭންޑްސްކޭޕިންގ މަސައްކަތްތައްވެސް މިހާރު ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ.
އަދި މިއީ އިއާދަކުރަނިވި ހަކަތައާއި ސްމާޓް ޓެކްނޮލޮޖީ ބޭނުންކޮށްގެން، އަމިއްލަ ފުދުންތެރިކަން ހުރި ވަސީލަތްތަކާއެކު ތަރައްޤީކުރާ ދެމެހެއްޓެނިވި ސިޓީއެއްގެ މުހިންމު ބިންގަލެއް ކަމަށް އެކުންފުނިން ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުން ބޭނުންވާނެ ގޮތަކަށް ސަރުކާރުގެ ސިޔާޔަތު އޮންނަން ވާނެ: ރައީސް ސާލިޙް
10 ގަޑިއިރު ކުރިން

100% ތިމާވެއްޓާ ރައްޓެހި އުޅަނދުތަކާއެކު ޓެކްސީ ލައިން ފަށައިފި
3 ދުވަސް ކުރިން

"ރައީސްގެ ސްކޮލާޝިޕް" ބޭނުން ދާއިރާ އަކުން ކިޔެވޭނެ ގޮތް ހަދައިފި
6 ދުވަސް ކުރިން

ގޯތި ލިބިފައިވާ ފަރާތްތަކަށް ފުލެޓަށް ލެވޭގޮތަށް ހުޅުވާލަނީ
6 ދުވަސް ކުރިން


.gif&w=3840&q=75)